ދުނިޔެ

ރަޝިއާގެ ހާރިޖީ ވަޒީރު އުތުރު ކޮރެއާއަށް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން މިދާކަށް ދުވަހު އެއްގަމު މަގުން ރަޝިއާއަށް ވަޑައިގެންނެވި އެވެ. މިއީ ކިމް ވަރަށް މަދުން ނޫނީ ނުކުރައްވާ ވައްތަރުގެ ދަތުރެކެވެ.

މަސްރަހު ދިރާސާކުރާ މީހުން ބުނާ ގޮތުން މިކަމުންވެސް ދޭހަކޮށްދެނީ ރަޝިއާއާ އުތުރު ކޮރެއާއާ ދެމެދު އޮތް ގާތް ގުޅުމެވެ.

ކިމްގެ ރަޝިއާ ދަތުރަށް މަހެއް ނުވަނީސް، ރަޝިއާގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް އުތުރު ކޮރެއާއަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ރަޝިއާގެ ތާސް ނޫހުން މިހާރު ދަނީ ބުނަމުންނެވެ.

ތާސް ނޫސް ބުނާ ގޮތުން ލަވްރޯފް އުތުރު ކޮރެއާއަށް ވަޑައިގަންނަވަނީ -- ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އުތުރު ކޮރެއާގެ ލީޑަރާ ދެމެދު ކުރެވުނު މަޝްވަރާތައް ކޮޅެއްގައި ޖެއްސުމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކިމް ރަޝިއާއަށް ވަޑައިގެން -- ރަޝިއާއާ އެކު އަސްކަރީ ގުޅުން ބަދަހިކުރެއްވުމަށް މަޝްވަރާކުރެއްވި އެވެ. ނަމަވެސް ދެ ލީޑަރުންގެ މަޝްވަރާތަކުގެ ތަފުސީލް އާންމުކޮށްފައެއް ނުވެ އެވެ.

ހަބަރުތައް ބުނާ ގޮތުން ލަވްރޯފް އުތުރު ކޮރެއާއަށް އަންނަ މަހު ވަޑައިގަންނަވާނެ އެވެ.

ރަޝިއާއަށް ވަޑައިގެން އަސްކަރިއްޔާގެ ވެރިންނާ ކިމް ބައްދަލުކުރެއްވި އެވެ. އަދި ރަޝިއާގެ ޖައްވީ ޕްރޮގްރާމް ހިނގަމުންދާ ގޮތް އޮޅުންފިލުއްވައި، ރަޝިއާއާ ގުޅިގެން ޖައްވީ ދިރާސާތަކުގައި ބައިވެރިވުމަށް އެދިވަޑައިގެންނެވި އެވެ.

ރަޝިއާއާ އުތުރު ކޮރެއާ އަކީ ހުޅަނގުން ގަބޫލުކުރާ ގޮތުގައި ބިރުވެރި ދެ ގައުމެވެ.

ހުޅަނގުގެ ހިފެހެއްޓުމެއް ނެތް ފާރަވެރިކަމާ އެކު ވެސް، ރަޝިއާއާ އުތުރު ކޮރެއާގެ ރޭވުންތައް ކަށަވަރުކޮށް ބުނާކަށް ނޭނގެ އެވެ.

ހުޅަނގުން ބުނާ ގޮތުން ރަޝިއާ، އުތުރު ކޮރެއާއާ އެހާ ގާތްވުމުގެ ބޭނުމަކީ ރަޝިއާއަށް ހަތިޔާރު ހޯދުމެވެ.

ޔުކްރޭން ހަނގުރާމައިގެ ސަބަބުން ރަޝިއާގައި ހުރި ހަތިޔާރު މިހާރު ވަނީ ހުސްވުމާ ގާތުގައި ކަމަށްވެސް ހުޅަނގުން ތުހުމަތުކުރެ އެވެ.

ރަޝިއާއަށް ހަތިޔާރު ސަޕްލައިކޮށްފިނަމަ އުތުރަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެރިކާ އިންޒާރު ދިނެއް ކަމަކު އެއިން އަޑެއް އިވޭ ކަމަކަށް އުތުރު ކޮރެއާ ނުހަދަ އެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ވިދާޅުވި ގޮތުގައި ރަޝިއާއަށް ބޭނުން ޖެހިއްޖެ ކޮންމެ ކަމެއްގައި އުތުރުން އެހީތެރިވާނެ އެވެ.