ދުނިޔެ

ކިމް ޖޮން އުން ރަޝިއާގައި ހަ ދުވަސް ހޭދަކުރެއްވުމަށް ފަހު އަމިއްލަ ގައުމަށް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ރަޝިއާއަށް ކުރެއްވި ހަ ދުވަހުގެ ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި އަމިއްލަ ގައުމަށް ވަޑައިގެންފި އެވެ. މިއީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ދެއްވި ދައުވަތަކަށް އޭނާ ކުރެއްވި ދަތުރެކެވެ.

ކިމް ޖޮން އުން ރަޝިއާއަށް ކުރެއްވި ތާރީޚީ މި ދަތުރަކީ، ހުޅަނގަށް ގޮންޖެއްސެވުމަށްފަހު ކުރެއްވި ދަތުރެކެވެ.

އެމެރިކާގެ ނޫސްތަކުގައި ކިމްގެ ދަތުރާ ބެހޭ ގޮތުން ސުވާލު އުފައްދަައި އެކި މައުލޫތަކަށް ވަނީ ލިޔެފަ އެވެ.

އެމެރިކާއިން ހީކޮށްގެން އޮތީ ކިމްގެ މި ދަތުރަކީ ރަޝިއާއަށް ހަތިޔާރު ވިއްކުމަށް ކުރައްވާ ދަތުރެއް ކަމަށެވެ. އެއީ ޔުކްރޭން ހަނގުރާމާގައި ރަޝިއާއަށް މަދަދުވެރިވުން ކަމަށްވެސް ހުޅަނގުން އޮތީ ނިންމާފަ އެވެ. ނަމަވެސް ކިމްގެ ދަތުރުގައި އުތުރު ކޮރެއާއާ އެކު އެއްވެސް ޒާތެއްގެ އެއްބަސްވުމެއްގައި ސޮއިނުކުރާ ކަމަށް ރިޔާސީ ގަނޑުވަރުގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި އެވެ.

އުތުރު ކޮރެއާގެ ލީޑަރު ރަޝިއާއަށް ވަޑައިގަތީ އެއްގަމު މަގުން ރޭލުގައި، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. އެ ރޭލަކީ ކިމްގެ ދަތުރަށް ހާއްސަކޮށް -- އަސްކަރީ ދަރަޖާގައި ތައްޔާރުކުރި ރޭލެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން 2020 ގައި ދުނިޔެއަށް ލައިގަތް ކޮވިޑަށްފަހު ކިމް ޖޮން އުން ބޭރު ގައުމަކަށް މި ވަޑައިގަތީ ރަޝިއާ އަށެވެ. މިއީ ބޭރު ގައުމެއްގައި ކިމް އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވި ދަތުރެވެ.

ރަޝިއާއަށް ވަޑައިގެން ރައީސް ޕޫޓިންއާ ބައްދަލުކުރައްވައި ކިމް ވަނީ ރަޝިއާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ. ރަޝިއާގެ ފަސްގަނޑަކީ އޭނާއަށް ވަރަށް ކަމުދާ އަދި އަމިއްލަ ބިމެއް ކަމަށް ވިދާޅުވި އެވެ.

އުތުރު ކޮރެއާއާ އެކު ރަސްމީ އެއްބަސްވުމެއްގައި ސޮއިނުކުރާ ކަމަށް ރަޝިއާ ބުނި ނަމަވެސް، ހުޅަނގުން އެކަން ގަބޫލެއް ނުކުރެވެ. ރަޝިއާއާ އުތުރު ކޮރެއާ އަކީ ގޮތް ނޭނގޭ ދެ ގައުމުގެ ގޮތުގައި ހުޅަނގުން އަބަދުވެސް ލިސްޓްކުރެ އެވެ.

ހުޅަނގުގެ އިންޒާރުތަކަށް ގޮންޖެއްސެވުމަށްފަހު ކިމް ރަޝިއާއަށް ވަޑައިގެން، ރަޝިއާއާ އެކު އުތުރު ކޮރެއާ އަބަދުވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ރަޝިއާ ބޭނުންޖެހިއްޖެ ކޮންމެ ކަމެއް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރިޕޯތްތައް ބުނާ ގޮތުން ރަޝިއާއާ އުތުރު ކޮރެއާއާ ދެމެެދި އަސްކަރީ އެއްބަސްވުންތަކެއް ވަނީ ގާއިމުކޮށްފަ އެވެ. ނަމަވެސް މިއީ ކޮން ބާވަތެއްގެ އެއްބަސްވުންތަކެއް ކަމެއް ނޭނގެ އެވެ.