ދުނިޔެ

އުތުރު ކޮރެއާގެ ލީޑަރު ޕޫޓިންއާ ބަދަލުކުރެއްވުމަށް ރަޝިއާއަށް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލުކުރެއްވުމަށް މޮސްކޯއަށް ވަޑައިގެންފާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މިއީ މި މަހު ތެރޭގައި ހިނގައިދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ މުނާސަބަތެކެވެ.

ނޫސް އޭޖެންސީތައް ބުނާ ގޮތުން ކިން ޖޮން އުންގެ މި ދަތުރަކީ -- ރަޝިއާ، ޔުކްރޭން ހަނގުރާމާގައި، ރަޝިއާގެ ހާލަތު ބައްލަވާލެއްވުމަށް ކުރައްވާ ދަތުރެކެވެ. އަދި ރަޝިއާއަށް ހަތިޔާރު ބޭނުންވޭތޯ އާއި ބޭނުންވަނީ ކޮން ބާވަތްތަކެއްގެ ހަތިޔާރުތޯ ވެސް ކިމް ބައްލަވާނެ އެވެ.

ރަޝިއާ އާއި އުތުރު ކޮރެއާއާ ދެމެދު އަސްކަރީ ގުޅުން ބަދަހިކުރުމަށް ވެފައި އޮތް އެއްބަސްވުމުގެ ދަށުން، އުތުރު ކޮރެއާގައި އުފައްދާ ޒަމާނީ ހަތިޔާރު ރަޝިއާއަށް ފޯރުކޮށްދެއްވުމަކީ ވެސް މި ދަތުރުގެ ބައެކެވެ.

އުތުރު ކޮރެއާއިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށް ދިނުމަކީ އެމެރިކާ ހީކަރުވާނެ ކަމެއް ނަމަވެސް، މިއީ މިކަން ހިނގައިދާނެ ގޮތް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

އެމެރިކާ ބުނާ ގޮތުން އުތުރު ކޮރެއާއިން -- ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ތެރެއަށް ވަދެގަނެ، ރަޝިއާއަށް ހަތިޔާރު ސަޕްލައިކޮށްދިނުމަކީ ކުށެކެވެ. އެކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ވޮޝިންގްޓަނުން އޮތީ އަންގާފަ އެވެ.

ނިއުޔޯކް ޓައިމްސް ބުނާ ގޮތުން ކިމް ޖޮން އުން ދަތުރުކުރައްވާނީ އަސްކަރީ ރޭލެއްގައި އެއްގަމު މަގުންނެވެ. އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގުން ފުރާވަޑައިގެން ރަޝިއާގެ ވިލަޑޮވިސްޓޮކަށް ކިމް ވަޑައިގަންނަވާނީ އަސްކަރީ ކުޅަދާނަ ކަމާއެކު ކަމަސް ވެސް ޚަބަރުތައް ބުނެ އެވެ.

ދެ ލީޑަރުންގެ ބައްދަލުވުންތައް ބާއްވަން ހަމަޖެހިފައި ވަނީ ވެސް ރަޝިއާގެ މި ސިޓީގަ އެވެ.

ކިމް ޖޮން އުން ރަޝިއާއަށް ވަޑައިގަންނަވާ ދުވަސްވަރު -- ބުނެވޭ ގޮތުގައި، އީސްޓާން އިކޮނޮމިކް ފޯރަމް ވެސް ވިލަޑޮވިސްޓޮކްގައި ހިނގަމުން ދާނެ އެވެ. މި ފޯރަމް ބާއްވަން ކަނޑައަޅާފައި އޮތް ތާރީޚަކީ ސެޕްޓެމްބަރު 10-13 އަށެވެ.

ކިމް ޖޮން އުން ރަޝިއާއަށް ވަޑައިގެން ތަފާތު އެއްބަސްވުން ތަކެއްގައި ސޮއިކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވި ގޮތުގައި، އުތުރު ކޮރެއާއާ ރަޝިއާއާ ދެމެދު ހަތިޔާރު ހޯދުމުގެ މަޝްވަރާތަކެއް ވަނީ ބާއްވާފަ އެވެ.

އުތުރު ކޮރެއާއިން ރަޝިއާއަށް ހަތިޔާރު ސަޕްލައިކޮށްދޭ އެއްބަސްވާ އެއްބަސްވުމާ އެކު ރަޝިއާގައި އުފައްދާ ކާބޯތަކެތީގެ ވައްތަރުތައް އުތުރު ކޮރެއާއަށް ސަޕްލައިކުރުން އިތުރުކުރަން ވެސް ދެ ގައުމު އޮތީ އެއްބަސްވެފަ އެވެ.

ކާގޯ ސަޕްލައިކުރާ ދަތުރުތައް ހިނގަމުން ދާނީ އެއްގަމު މަގުން ރޭލުގައި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.