ދުނިޔެ

އުތުރު ކޮރެއާއިން ހަތިޔާރު ގަންނަން ރަޝިއާ މަޝްވަރާ ކުރަނީ

ރަޝިއާގެ މިނިސްޓްރީން އޮފް ޑިފެންސް އާއި އުތުރު ކޮރެއާއަ ދެމެދު އަސްކަރީ މުއާމަލާތްތަކެއް ކުރަމުންދާ ކަމަށް އެމެރިކާ ބުނެފި އެވެ.

ދެ ގައުމުގެ ދެމެދުގައި ދެކެވޭ ވާހަކަތަކުގައި އާރުލައިފި ނަމަ އުތުރު ކޮރެއާއިން އަސްކަރީ ހަތިޔާރު ރަޝިއާ ގަންނާނެ ކަމަށް ވެސް އެމެރިކާއަށް ލިބިފައި ހުރި އިންޓެލިޖެންސް މައުލޫމާތުން އެނގޭ ކަމަށް އެގައުމުން ބުނެ އެވެ.

އުތުރު ކޮރެއާ ހަތިޔާރު ސަޕްލައިކޮށްފި ނަމަ އެ ބޭނުންކުރާނެ ކަމަށް ވަނީ ޔުކްރޭންގައި މިހާރު ރަޝިއާ ސިފައިން ކުރަމުން ގެންދާ ހަނގުރާމަގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާއަށް ރޮކެޓާއި ވަޒަނާއި އަދި އަސްކަރީ އެހެނިހެން ސާމާނު އުތުރު ކޮރެއާ ވިއްކާނެ އެވެ.

އެސޯސިއޭޓް ޕްރެސްއަށް މައުލޫމާތު ލިބިފައި އޮތް ގޮތުގައި ރަޝިއާއިން ހަތިޔާރު ހުސްވާކަން އެމެރިކާއަށް އޮތީ އެނގިފަ އެވެ. އެހެންކަމުން އެހާ ގިނައިން ހަތިޔާރު ހޯދުމަކީ ޔުކްރޭން ހަނގުރާމަ އަދި ވެސް ނިންމަން ރަޝިއާ ބޭނުންނުވާ ކަމުގެ ހެއްކެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޔުކްރޭން ހަނގުރާމާގައި ހަތިޔާރު ހުސްވަނީ ހަމައެކަނި ރަޝިއާއަކުން ނޫނެވެ. ޖަރުމަނު ވެސް އޮތީ ހަތިޔާރު ގުދަން އަޑިއަޅަމުންދާ ކަމަށް ބުނެ ޔުކްރޭނަށް ދެން ހަތިޔާރު ފޮނުވޭނީ އުފައްދައިގެން ކަމަށް ބުނެފަ އެވެ.

ޔޫރަޕްގެ ޚާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް ވިދާޅުވި ގޮތުގައި ޔޫރަޕްގެ ހަތިޔާރު ގުދަންތައް ވެސް އަޑިއަޅާލައިފި އެވެ. އެއީ ޔުކްރޭނަށް އެހާ ގިނައ ހަތިޔާރު ފޯރުކޮށްދޭން ޖެހުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އާއި ޔޫރަޕް ގައުމުތަކުން ރަޝިއާއަށް އަދަބު ދިނުމަށް އެ ގައުމާ ދެކޮޅަށް އަޅާފައި ހުރި ދަތިކުރުންތަކާ ހެދި ހަތިޔާރު އުފައްދާ އެހެން ގައުމަކުން ހަތިޔާރު ގަތުން ވަނީ މަނާވެފަ އެވެ.

ޔުކްރޭން ހަނގުރާމަ ފެށި ދުވަހުން ފެށިގެން ވެސް އުތުރު ކޮރެއާ އޮތީ ރަޝިއާއަށް ތާއީދުކުރާންކަން ހާމަކޮށްފަ އެވެ. އަދި ރަޝިއާ އެދިއްޖެ ނަމަ ހަތިޔާރު ފޯރުކޮށްދޭނެ ކަމަށް ވެސް ބުނެފަ އެވެ.

އުތުރު ކޮރެއާއިން ހަތިޔާރު ގަންނަން ރަޝިއާ މަޝްވަރާކުރި ނަމަވެސް ގަންނަނީ ކިހާ އަދަދެއްކަން އެނގޭ ބަޔަކު ނެތެވެ.