އެމެރިކާ އާއި ބައިވެރިން އީރާނަށް ދަތި ކޮށްފައި އޮންނަތާ ޒަމާނަށް ވީހާ ދުވަހެއް ވެއްޖެ އެވެ. އެކަމަކު ވެސް އީރާން ހުއްޓުވޭ ގޮތެއް ނުވިއެވެ.
އެމެރިކާ އާއި ބައިވެރިންނަށް އެންމެ ނުރައްކާ ބޮޑު ގައުމަކީ ވެސް އީރާން އެވެ. ނިއުކްލިއާ ބޮމެއް ހިފައިގެން ގޮސް އިޒްރޭލް އަންދާލާނެ ކަމަށް ބުނާތީ އެވެ.
ޔުކްރޭނަށް އަރައިގަނެ ރަޝިއާ ސިފައިން ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކާ ގުޅިގެން އެމެރިކާ އާއި ބައިވެރިން ރަޝިއާއަށް ދަތިކޮށް ހިރިނުލެވޭ ވަރަށް ވަނީ ބަރު އަރުވާފަ އެވެ.
ދުނިޔޭގެ މާލީ ނިޒާމުން ރަޝިއާ ބޭރުކޮށް ގައުމުތަކާއެކު ވިޔަފާރި ކުރުން މުޅިންހެން ކަމަލަ ގޮތަށް ވަނީ ބަންދުކޮށްފަ އެވެ.
އެހެންކަމުން، ރަޝިއާ އާއި އީރާން މިއޮތީ އެއްހާލަތަށް ވެއްޓި އުތުރު ކޮރެއާ ވެއްޓިފައި އޮތް ވަޅުގަނޑު ތުންފަތްމަތީގަ އެވެ.
އީރާނުން ރަޝިއާއަށް ކަނޑަ އަޅުއްވާފައި ހުންނަވާ ސަފީރު، ކަޒީމް ހަލާލީ ވިދާޅުވި ގޮތުގައި އެމެރިކާ އާއި ހުޅަނގުން ހެދިހާ ގޮތެއް ހެދިގެން އީރާން ނޯންނާނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ މާލީ ނިޒާމު -- ސްވިފްޓުން އީރާން ބޭރު ކުރުމުން ގޮތް ހުސްވާނެ ކަމަށް އެމެރިކާ އާއި ޔޫރަޕަށް ހީވި އެވެ. އޭނާ ވިދާޅުވީ ރަޝިއާއާ ގުޅިގެން ސްވިފްޓްގެ ބަދަލުގައި އެހެން ނިޒާމަކުން ބޭންކުތައް ގުޅާލާނެ ކަމަށެވެ. އަދި ވިދާޅުވީ ދެގައުމުން މިހާރު ވެސް މާލީ މުއާމަލާތްތައް ހިންގާ ކަމަށެވެ.
ގައުމުތަކުގެ މެދުގައި ރަޝިއާއަށް އޮތް ހައިސިއްޔަތަށް ބަލައި ސްވިފްޓްގެ ބަދަލުގައި މާލީ މުއާމަލާތްތައް ކަށަވަރު ކުރުމަށް އެހެން ނިޒާމެއް، "ފައިނޭންޝަލް މެސެޖް ޓްރާންސްފާ ސިސްޓަމް" ރަޝިއާ އޮތީ އުފައްދާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާއިން ޔުކްރޭނަށް އަރައިގަތުމުގެ އަހަރު ތަކެއް ކުރިން އަމިއްލަ ފައިނޭޝަލް މެސެޖިން ސިސްޓަމެއް ރަޝިއާ ވަނީ ބޭނުން ކުރަން ފަށާފަ އެވެ.
ރަޝިއާ މިހާރު ވިސްނަނީ ޗައިނާ އާއި އީރާން، ތުރުކީ އަދި އަރަބި ބައެއް ގައުމުތަކާއެކު ސްވިފްޓްގެ ބަދަލުގައި ބޭނުން ކުރަން އެކަށީގެންވާ ނިޒާމެއް ކަނޑައެޅުމަށެވެ.
އީރާނުން ގައުމުތަކާއެކު މާލީ މުއާމަލަތް ކުރަން ހަރުދަނާ ނިޒާމުތަކެއް ކަނޑައަޅާފައި ހުރި ނަމަވެސް، އެ ނިޒާމުން ބޭރުން ގައުމުތަކަށް އެހީ ކޮންއެއްޗެއް ކަމެއް ނޭނގެ އެވެ. މި ނިޒާމުގެ ތެރެއިން އީރާނަށް ބޭރުފައިސާ އެކަށީގެންވާ ވަރަކަށް ވަންނަ ކަމަށް ޚަބަރުތައް ބުނެ އެވެ.
އީރާނާ މެދު ބުނެވެނީ ޕްރޮކްސީ ބޭންކް އެކައުންޓަކެއް ބޭނުންކޮށްގެން ސްވިފްޓަށް އޮޅުވާލާައި އެގައުމަށް ބޭނުންވާ ބޭރު ފައިސާ ހޯދާ ކަމަށެވެ.