އީރާންގައި އުފައްދާފައި ހުރި އަސްކަރީ ދަރަޖައިގެ ޑްރޯންތައް ރަޝިއާއަށް ފޮނުވަން އީރާނުން މަސައްކަތްކުރާ ކަމަށް އެމެރިކާ ސަރުކާރުން ބުނެފި އެވެ.
އެމެރިކާގެ ސަލާމަތާ ބެހޭ ޚާއްސަ މުޝީރު، ޖޭކު ސުލިވާން ވިދާޅުވި ގޮތުގައި އީރާން އާއި ރަޝިއާ އަސްކަރީ މުއާމަލާތް ތަކެއްގައި ޝާމިލްވާ ކަމުގެ ހެކިތައް އެމެރިކާއަށް ހުރީ ލިބިފަ އެވެ.
ސުލިވާން ވިދާޅުވި ގޮތުގައި އީރާނުން ފޯރުކޮށްދޭ ޑްރޯންތަކުގެ ތެރޭގައި ބާރުގަދަ ހަމަލާތައް ދެވޭ ވަރުގެ ޑްރޯން ވެސް ހިމެނެ އެވެ. ޖާސޫސްކުރުމާއި ފޮޓޯނެގުން އަދި އަސްކަރީ ހަމަލާތަކަށް ގާބިލު ޑްރޯން ވެސް ހިމެނެ އެވެ.
އީރާން މި އެހީތެރި ކަމަކީ ޔުކްރޭންގެ މައްޗަށް ގަދަވެގަތުމަށް ރަޝިއާއަށް ދޭ މާއްދީ އަދި ފަންނީ އެހީތެރިކަމެއް ކަމަށް ސުލިވާން ވިދާޅުވި އެވެ.
ޑްރޯންތައް ބޭނުންކުރާނެ ގޮތް ރަޝިއާ ސިފައިންނަށް ކިޔައިދީ ދަސްކޮށް ދިނުމުގައި އީރާން ސިފައިން ބައިވެރިވާން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުޝީރު ވިދާޅުވި ގޮތުގައި ޔުކްރޭންއަށް ހުޅަނގުން އަސްކަރީ ބާރުވެރިކަން ފޯރުކޮށްދޭން ފެށުމުން ރަޝިއާ މިހާރު އުޅެނީ ބާރުކެނޑިގެންނެވެ. ރަޝިއާގެ އަތުގައި ހުރި އަސްކަރީ އާލާތްތަކުން ނުފުދިގެން އުޅޭތަން ދުނިޔެއަށް ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝިއާ ސިފައިން ފެބްރުއަރީ 24 ގައި ޔުކްރޭނަށް ހަމަލާދޭން ފެށުމާއެކު ރަޝިއާއަށް އަސްކަރީ އާލާތްތައް އެތެރެކުރެން ހުރި މަގުތައް ހުޅަނގުން ވަނީ ބަންދުކޮށްފަ އެވެ.
އަސްކަރީ ބޭނުމުގައި ނުވަތަ އެފަދަ ގޮތަށް ބޭނުންކުރެވިދާނެ އެއްވެސް ވަސީލަތެއް ރަޝިއާއަށް މިހާރު އެތެރެކުރުން ފަސޭހަ ނުވާނެ ކަމަށް ވެސް ޖޭކް ސުލިވާން ވިދާޅުވި އެވެ.
ސުލިވާން ވިދާޅުވި ގޮތުގައި އީރާންގައި އުފައްދާ އަސްކަރީ އާލާތްތައް ޓެސްޓްކުރަން ތިންވަނަ ފަރާތެއް މެދުވެރި ކުރެ އެވެ. އޭގެ ތެރޭގައި ޔަމަނުގައި ވަކި ސަރުކާރެއް އުފައްދަން މަސަައްކަތްކުރާ ބާގީ ހޫތީން ވެސް ހިމެނެ އެވެ.
އިރާނަށާއި ރަޝިއާއަށް އެމެރިކާއިން ޖާސޫސްކުރި ނަމަވެސް މި މައުލޫމާތު ހޯދި ގޮތެއް ނުބުނެ އެވެ. އެހެންކަމުން މިއީ ކޮން އަސާސަކަށް ބުރަވެ އެމެރިކާ ދައްކާ ވާހަކައެއް ކަމެއް ނޭނގެ އެވެ.