އިސްލާމިކް މިނިސްޓްރީ

އީދު ނަމާދުކުރަން ފަށާ ގަޑި ހެނދުނު 7:00 އަށް އަވަސްކޮށްފި

އީދު ނަމާދުކުރަން ފަށާ ގަޑި ހެނދުނު 7:00 އަށް އަވަސްކޮށްފި އެވެ.

ރާއްޖޭގައި މިހާތަނަށް އީދު ނަމާދު ކުރަން ފަށަނީ ހެނދުނު 7:30 ގަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރައްވާ އެ މިނިސްޓްރީން މިއަދު ނެރުނު ގަރާރުގައިވާ ގޮތުން އީދު ނަމާދު ކުރާ ގަޑި އަވަސްކުރީ ކުރިން އީދު ނަމާދު ކުރަމުން އައި ވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވާތީ އެވެ.

ރާއްޖޭގައި މިހާރު މައިދާންތަކާއި ހުސްބިންތަކުގައި އީދު ނަމާދުކުރަމުންދާކަން ފާހަގަކޮށް ގަރާރުގައި ބުނެފައިވަނީ ހޫނު ގަދަވުމުގެ ސަބަބުން އެކަމުގެ ތަކުލީފުތައް އީދު ނަމާދުގެ ޖަމާއަތަށް ހާޒިރުވާ މީހުން އުފުލަންޖެހޭ ކަމަށެވެ.

ކީރިތި ރަސޫލާ އީދު ނަމާދު ކުރައްވާފައިވަނީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރިން ޟުހާ ވަގުތުގައިކަން ފެންނަން އެބަ އޮތް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި ބަދަލު ގެނައީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ގާއިމުކުރެވިފައިވާ ފަލަކީ ހިސާބުތަކާބެހޭ ކޮމިޓީއާ މަޝްވަރާކުރުމަށްފަހު އެވެ.