ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުން ވެސް އާޒިމާއަށް ނާކާމިޔާބު

ކުރީގެ ބަންޑާރަނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްސަލަ ދަށު ކޯޓުތަކުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައިވަނީ ރަގަޅަށް ކަމަށް ކަނޑައަޅައި އެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި އެވެ.

މި މައްސަލަ އާޒިމާގެ ފަރާތްޕުޅުން އަދި ދައުލަތުގެ ފަރާތުން ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި އެވެ. އާޒިމާގެ ފަރާތްޕުޅުން އިސްތިއުނާފް ކޮށްފައި ވަނީ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ދަށު ކޯޓުތަކުން ނިންމާފައިވަނީ ރަނގަޅަށް ނޫން ކަމަށް ބަޔާންކުރެއްވުމަށްފަހު އެވެ.

ދައުލަތުން އިސްތިއުނާފް ކުރީ މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ހައިކޯޓުން ނިންމި ނިންމުމެވެ. އެ ނުކުތާގައި އާޒިމާގެ ފަރާތްޕުޅުން ވިދާޅުވެފައިވަނީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާ ނިންމުން ދައުލަތުގެ ފަރާތުން މީގެ ކުރިން ހައިކޯޓުގައި އިސްތިއުނާފުކޮށް މައްސަލަ ނިންމާފައިވާ ކަމަށެވެ. ހަމަ އެފަދައިން ކުރިއަށް ގެންދާން ނިންމާ ނިންމުތައް އިސްތިއުނާފް ކުރުމުގެ ހައްގު ލިބެންޖެހޭނެ ކަމަށެވެ.

ދައުލަތުގެ އެ ނުކުތާއަށް ހުކުމް އިއްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާ މައްސަލަތަކުގައި އިތުރަށް ހޯދޭނެ ގޮތެއް ނެތް ނަމަ އެ މައްސަލަ އަލުން ކޯޓަށް ހުށަނޭޅޭނެ ކަމަށެވެ. މައްސަލަ ކުރިއަށް ގެންދަން ނިންމާ ނިންމުންތަކަކީ މުއްތަހަމު ކުށް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ހެކި ހުރެއްޖެނަމަ ނިންމާ ނިންމުމެއް ކަމަށެވެ. އެހެންކަމުން އެ ދެ ހާލަތު ތަފާތު ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތު ގާނޫނުގެ 198 ވަނަ މާއްދާ އާއި ހަވާލާދެއްވައި ފަނޑިޔާރު ސުއޫދު ވިދާޅުވީ އިސްތިއުނާފް ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވަނީ ކޯޓުން ކުރާ ހުކުމްތަކާއި، އަމުރުތަކުގެ އިތުރުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކެވެ. މަދަނީ މިންގަނޑުން ނިންމާ މައްސަލަތައް އިސްތިއުނާފް ކުރެވޭނެ ކަމަށް ކަނޑައަޅާފައިނުވާތީ މައްސަލަ ކުރިއަށް ގެންދަން ނިންމާ ނިންމުންތައް އިސްތިއުނާފް ނުކުރެވޭނެ ކަމަށެވެ.

އެހެންކަމުން ދަށު ކޯޓުން މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދަން ނިންމާފައި ވަނީ އެކަށީގެންވާ ހެކި ނެތިސް ކަމަށް އާޒިމާގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ނުކުތާއަކީ އިސްތިއުނާފް ކުރެވޭނެ ނުކުތާއަކަށް ނުވާތީ ގޮތް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފަ އެވެ.

ދައުލަތުގެ އިޖުރާއީ ނުކުތާ: ނިހާޔަތަށް ވާކާލާތެއް ނުކުރެވޭނެ

މި މައްސަލައިގައި ހައިކޯޓުގައި ވެސް ދައުލަތުން ނެގި އިޖުރާއީ ނުކުތާއަކީ އާޒިމާގެ ދިފާއީ ވަކީލް މަރިޔަމް ނިހާޔަތަށް މި މައްސަލައިގައި ވަކާލާތު ނުކުރެވޭނެ ކަމަށެވެ. އޭނާ އަކީ މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ވަތްއިރު އެތަނުގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްއަށް ވާތީ، ކޮންމެވެސް ސިފައެއްގައި މައްސަލައިގައި ބައިވެރިވެފައި އޮތުމުގެ އިހުތިމާލް އޮތް ކަމަށް ދައުލަތުން ބުނެ އެވެ.

އެކަމަކު ނިހާޔަތުގެ ފަރާތުން ތަކުރާރުކޮށް ވިދާޅުވެފައިވަނީ މި މައްސަލައިގައި އެއްވެސް ސިފައެއްގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. މި މައްސަލައިގައި ނިހާޔަތު ބައިވެރިވެފައިވަނީ ކޮން ގޮތަކަށްކަން ދައުލަތަށް ބުނެދެވިފައި ނުވާތީ ހައިކޯޓުން ނިންމީ އޭނާއަށް މި މައްސަލައިގައި ވަކާލާތު ކުރެވޭނެ ކަމަށެވެ. އެ ނުކުތާ ދައުލަތުން ސުޕްރީމް ކޯޓުގައިވެސް ނެގި އެވެ.

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ފަނޑިޔާރު ސުއޫދު ވިދާޅުވީ މީގެ ކުރިން އެ ކޯޓުން ނިންނި މައްސަލައެއްގައި ދިފާއީ ވަކީލެއްގެ ގޮތުގައި އައްޔަނުކޮށްފައިވާ ފަރާތެއް ޕީޖީ އޮފީހުގައި މަސައްކަތްކޮށްފައިވާތީ އެ ވަކީލަށް އެ މައްސަލައިގައި ވަކާލާތު ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތުމުން ހައިކޯޓުން ނިހާޔަތަށް ވަކާލާތު ކުރެވޭނެ ކަމަށް ނިންމާފައިވަނީ ރަނގަޅަށް ނޫން ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހި ކޮށްދިނުމުގެ ކުށުގެ ދައުވާ އެވެ.