ކުރީގެ ބަންޑާރަނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވަން ނިންމަވައިފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މިއީ ދަށު ކޯޓުން މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމުމުން އާޒިމާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެކެވެ. މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން އިއްޔެ ވަނީ ކަނޑައަޅައިފަ އެވެ.
އާޒިމާ މިއަދު އަވަސް އަށް ވިދާޅުވެފައި ވަނީ އިސްތިއުނާފް ކުރަން އޮންނަ މުއްދަތުގެ ތެރޭގައި ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.
ހައިކޯޓުގައި އާޒިމާ ވިދާޅުވެފައި ވަނީ މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކަން އެންމެ މަތީ ބުރަދަން ދިންކަމުގައި ވިޔަސް މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ދައުލަތުން ބުނާ ގޮތް މާނަ ކުރާނަމަ ރައީސް އަބްދުﷲ ޔާމީން އެ ކުށް ކުރަން މަގު ފަހިކޮށް ދިން މީހަކީ އޭނާ އެވެ. އެހެންކަމުން އެ އަމަލު ހިންގި މީހާގެ މައްޗަށް ކުށް ސާބިތު ނުވާއިރު އެ އަމަލުގައި ބައިވެރިވި މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ އެއްވެސް ޝަރުއީ ހަމައެއް ނެތް ކަމަށެވެ.
ދައުލަތުން ބުނާގޮތުގައި ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ޔާމީނަށް ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި އެ ކުށަށް މަގުފަހިކޮށްދިން މީހަކީ އާޒިމާ އެވެ. އެކަމަކު ޔާމީންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާއިރު، އެ މައްސަލައިގެ އެއްވެސް ހިސާބެއްގައި އާޒިމާގެ ނަން ވެސް އައިސްފައިނުވާ ކަމަށް އޭނާ ވަނީ ހައިކޯޓުގައި ވިދާޅުވެފަ އެވެ.
އެކަމަކު ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭތޯ ބަލަނީ ކުށުގެ އުންސުރުތައް ސާބިތުވާ ވަރުގެ ހެކި ހުރިތޯ ފަނޑިޔާރަށް ގަބޫލު ކުރެވޭނަމަ އެވެ. މި މަރުހަލާއަކީ ހެކިތަކުގެ އެންމެ ފުނަށް ވަޒަން ކުރަން ޖެހޭ މަރުހަލާއެއް ނޫން ކަމަށެވެ. އެހެންކަމުން މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.