ހައިކޯޓް

އާޒިމާގެ މައްސަލަ ކުރިއަށް ގެންދެވޭނެ: ހައިކޯޓު

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

މިއީ ދަށު ކޯޓުން މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމުމުން އާޒިމާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެކެވެ. މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން މިއަދު ވަނީ ކަނޑައަޅައިފަ އެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހި ކޮށް ދިނުމުގެ ކުށުގެ ދައުވާ އެވެ.

ހައިކޯޓުގައި މީގެ ކުރިން އާޒިމާ ވިދާޅުވެފައި ވަނީ ދައުލަތުން ބުނާ ގޮތް މާނަ ކުރާނަމަ ރައީސް އަބްދުﷲ ޔާމީން އެ ކުށް ކުރަން މަގު ފަހިކޮށް ދިން މީހަކީ އޭނާ އެވެ. އެހެންކަމުން އެ އަމަލު ހިންގި މީހާގެ މައްޗަށް ކުށް ސާބިތު ނުވާއިރު އެ އަމަލުގައި ބައިވެރިވި މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ އެއްވެސް ޝަރުއީ ހަމައެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް ފަނޑިޔާރު ފާތުމަތު ފަރުހީޒާގެ ރައުޔު އިއްވަމުން ވިދާޅުވެފައި ވަނީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭތޯ ބަލަނީ ކުށުގެ އުންސުރުތައް ސާބިތުވާ ވަރުގެ ހެކި ހުރިތޯ ފަނޑިޔާރަށް ގަބޫލު ކުރެވޭނަމަ އެވެ. މި މަރުހަލާއަކީ ހެކިތަކުގެ އެންމެ ފުނަށް ވަޒަން ކުރަން ޖެހޭ މަރުހަލާއެއް ނޫން ކަމަށެވެ.

އާޒިމާގެ ފަރާތުން މި މައްސަލައިގައި ގިނަ ކަންތައްތަކެއް ފާހަގަ ކޮށްފައިވެ އެވެ. އެގޮތުން އޭނާގެ ނިޔަތް ސާބިތު ކޮށްދޭން ހެއްކެއް ނެތް ކަމަށާއި، އަސްލު އަމަލު ހިންގި ފަރާތް ކަމަށްވާ ކުރީގެ ރައީސް ޔާމީންގެ މައްޗަށް މައްސަލަ ސާބިތު ނުވާ ކަމަށް ކަނޑައަޅައިފައި ވުމުން ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ފަނޑިޔާރު ވިދާޅުވެފައި ވަނީ ކުށުގެ އުންސުރުތައް ގާއިމްކުރާ އެހެން ވާގިޔާތަކާ ގުޅޭގޮތުން ޝަރީއަތް ނިމޭއިރު ގޮތެއް ކަނޑައެޅިގެންދާނެ ކަމަށެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގައި ހުށަހެޅޭނެ ކަމަށާއި، އެކަމަކު މި މަރުހަލާގައި އެހުރިހާ ކަމެއް ތައުނު ކުރަން ނުޖެހޭނެ ކަމަށެވެ.

ފަނޑިޔާރު ފަރުހީޒާގެ ރައުޔަށް ފަނޑުގާރު ހުސެއިން ޝަހީދު ވަނީ ތާއީދު ކުރައްވާފަ އެވެ.

ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާ ނިންމުން އިސްތިއުނާފް ކުރެވޭނެ

މައުލޫއީ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ފަނޑިޔާރުން ވަނީ ދައުލަތުން ހުށަހަޅާފައިވާ އިޖުރާއީ ނުކުތާއަށް ގޮތެއް ނިންމަވައިފަ އެވެ. ދައުލަތުން ކުރިން ބުނެފައި ވަނީ މި މައްސަލަ އަކީ ހައިކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމަށާއި ކޯޓު އަމުރެއް ނުވަތަ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް އިސްތިއުނާފް ކުރެވޭނީ އެ މަރުހަލާއެއް ނިމުމުގެ ކުރިން ކަމަށެވެ.

ފަނޑިޔާރު ފަރުހީޒާ އަދި ފަނޑިޔާރު ޝަހީދުގެ އަގުލަބިއްޔަތުން ނިންމާފައި ވަނީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ދަށު ކޯޓުން ނިންމާ ނިންމުން އިސްތިއުނާފް ކުރެވޭނެ ކަމަށެވެ.

ގާނޫނުގައި އިސްތިއުނާފް ކުރަން އޮންނަނީ ތިން ކަމެކެވެ. އެއީ ހުކުމްތަކާއި ކޯޓު އަމުރުތަކުގެ އިތުރުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކެވެ. އެކަމަކު މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާމެދު ނިންމާފައިވާ ބައެއް ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް ގޮތް ކަނޑައަޅާފައިވާ ކަމަށް ފަނޑިޔާރުން ފާހަގަކުރެއްވި އެވެ.

ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައި ފާހަގަކުރައްވާފައި ވަނީ، ޝަރީއަތުން ނިންމާ ކޮންމެ ނިންމުމެއް އިސްތިއުނާފް ކުރަންވެއްޖެ ނަމަ އިންސާފު ލިބުން ލަސްވެގެން ދާނެ ކަމަށެވެ. އަދި މައުލޫއީ މައްސަލައަށް އަސަރުކުރުމުގެ އިހުތިމާލްވެސް އޮންނަ ކަމަށެވެ.

މީގެ އިތުރުން މަދަނީ މިންގަނޑާމެދު ނިންމާ ގޮތް އިސްތިއުނާފް ކުރެވޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައި ނެތް ކަމަށް ވެސް ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންކަމުން އިސްތިއުނާފްކޮށްފައިވާ މި މައްސަލައިގެ އިސްތިއުނާފީ ފޯމު ބާތިލްކުރަން ފެންނަ ކަމަށް ފަނޑިޔާރުގެ ރައުޔުގައި ފާހަގަކުރައްވާފައިވެ އެވެ. ފަނޑިޔާރުގެ މި ނިންމުމާ ގުޅިގެން މައުލޫއީ މައްސަލައިގައި ރައުޔު ހާމަކުރައްވާފައެއް ނުވެ އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައެޅުމަށްފަހު، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ވަނީ ފުރުސަތު ދީފަ އެވެ.