ކުރީގެ ބަންޑާރަނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމުގެ ބައެއް، ދައުލަތުން ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
މިއީ ދަށު ކޯޓުން މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމުމުން އާޒިމާގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ އެވެ.
އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހި ކޮށް ދިނުމުގެ ކުށުގެ ދައުވާ އެވެ.
ހައިކޯޓުގައި މައުލޫއީ މައްސަލައިގައި ބަހުސްކުރުމުގެ ކުރިން ދައުލަތުން އިޖުރާއީ ނުކުތާއެއް ނެގި އެވެ. އެގޮތުން މި މައްސަލަ އަކީ ހައިކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމަށާއި ކޯޓު އަމުރެއް ނުވަތަ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް އިސްތިއުނާފް ކުރެވޭނީ އެ މަރުހަލާއެއް ނިމުމުގެ ކުރިން ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
އެކަމަކު އެކޯޓުން ނިންމާފައި ވަނީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ދަށު ކޯޓުން ނިންމާ ނިންމުން އިސްތިއުނާފް ކުރެވޭނެ ކަމަށެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ މި އިޖުރާއީ ނުކުތާއާ ގުޅިގެން ހައިކޯޓުން ނިންމި ބައެވެ.
މައުލޫއީ މައްސަލައިގައި ހައިކޯޓުން ނިންމާފައި ވަނީ، މައްސަލައިގެ ހެކި ގަރީނާއަށް ބަލާއިރު މައްސަލަ މަދަނީ ގޮތުން ކުރިއަށް ގެންދެވޭނެ ކަމަށެވެ. އާޒިމާގެ ފަރާތްޕުޅުން މި ނިންމުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
އާޒިމާގެ ބަހުސަކީ ދައުލަތުން ބުނާ ގޮތް މާނަ ކުރާނަމަ ރައީސް އަބްދުﷲ ޔާމީން އެ ކުށް ކުރަން މަގުފަހިކޮށްދިން މީހަކީ އޭނާކަމަށް ވާއިރު، އެ އަމަލު ހިންގި މީހާގެ މައްޗަށް ކުށް ސާބިތު ނުވާއިރު އެ އަމަލުގައި ބައިވެރިވި މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ އެއްވެސް ޝަރުއީ ހަމައެއް ނެތް ކަމެވެ.