އާޒިމާ ޝަކޫރު

ޔާމީންގެ މައްސަލައިގައި އަޅުގަނޑުގެ ނަމެއް ނެތް: އާޒިމާ

ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި އެ ކުށަށް މަގުފަހިކޮށްދިން ކަމަށް ދައުލަތުން ބުނާ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ ނަން އެ މައްސަލައިގެ އެެއްވެސް ހިސާބެއްގައި އައިސްފައި ނުވާ ކަމަށް އޭނާ ހައިކޯޓުގައި ވިދާޅުވެއްޖެ އެވެ.

އާޒިމާގެ މައްޗަށް އޮތް ތުހުމަތަކީ ޔާމީނަށް ތުހުމަތު ކުރި މަނީ ލޯންޑްރިންގެ މައްސަލައިގައި އެ ހިޔާނާތް ހިންގުމަށް މަގުފަހިކޮށްދިނުމެވެ. އެގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ވަކި އެކައުންޓަކަށް ޖަމާކުރުމަށް އާޒިމާ ލަފާ ދެއްވާފައިވާ ކަމަށް ދައުލަތުން ބުނެ އެވެ. ދޮގު މައުލޫމާތު ދިން ކަމަށް ދައުލަތުން ތުހުމަތު ކުރަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގަށް ހަގީގަތާ ހިލާފު މައުލޫމާތަކެއް އާޒިމާ ދެއްވާފައިވާ ކަމަށް ބުނެ އެވެ.

ދަށު ކޯޓުން މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމުމުން އާޒިމާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ. މިއަދުގެ އަޑުއެހުމުގައި އާޒިމާ ވިދާޅުވެފައިވަނީ ދައުލަތުން ބުނާ ގޮތް މާނަކުރާނަމަ ޔާމީން އެކުށް ކުރަން މަގުފަހިކޮށްދިން މީހަކީ އޭނާ އެވެ. އެހެންކަމުން އެ އަމަލު ހިންގި މީހާގެ މައްޗަށް ކުށް ސާބިތު ނުވާއިރު އެ އަމަލުގައި ބައިވެރިވި މީހުންގެ މައްޗަށް ކުށް ސާބިތުކުރެވޭނެ އެއްވެސް ޝަރުއީ ހަމައެއް ނެތް ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އެ މައްސަލަ ޝަރުއީ ތިން މަރުހަލާގައި ކުރިއަށް ގެންގޮސްފައިވާއިރު އެއްވެސް ހިސާބެއްގައި އެކުށަށް ޔާމީނަށް މަގުފަހިކޮށްދިނީ އާޒިމާ ކަމަށް ދައުލަތުން ބުނެފައި ނުވާ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

އާޒިމާގެ ދިފާއީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ މިސާލަކަށް އާޒިމާ އެ ކުށަށް ހަގީގަތުގައި މަގުފަހިކޮށްދިން ނަމަވެސް، ކުށް ކުރި މީހާގެ މައްޗަށް ކުށް ސާބިތު ނުވާނަމަ މަގުފަހިކޮށްދިނުމަށް ކުރި އަމަލު ވުޖޫދުގައި ނޯންނާނެ ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ މައިގަނޑު ހެއްކަކީ އާޒިމާގެ ފަރާތުން އޭސީސީއަށް ފޮނުވި ސިޓީ އެވެ. އޭގައި ވަނީ ނުބައި އެކައުންޓް ނަންބަރެއް ކަމަށް އާޒިމާގެ ފަރާތްޕުޅުން ދަށު ކޯޓުގައި ފާހަގަކުރުމުން ދައުލަތުން އެކަމާ މާބޮޑަށް އަޅާލައިފައި ނުވާ ކަމަށް ވެސް ފާހަގަކުރެއްވި އެވެ. އަދި އެ ނޯޓް ފިޔަވައި ކުށުގެ ވާގިޔާތައް އަދި ނިޔަތް ސާބިތުކުރަން އިތުރު އެއްވެސް ހެއްކެއް ދައުލަތަށް ހުށަހެޅިފައި ނުވާ ކަމަށް ވެސް އާޒިމާގެ ފަރާތްޕުޅުން ވަނީ ވިދާޅުވެފަ އެވެ.

އާޒިމާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުން ބުނެފައިވަނީ އާޒިމާގެ ފަރާތުން އޭސީސީއަށް ފޮނުވި ސިޓީގައި އެކައުންޓް ނަންބަރު ޖެއްސެވީ އޮޅިގެން ނުވަތަ އާޒިމާ ގަސްދުގައި ކުރި ކަމެއް ކަމަށް ވެދާނެ ކަމަށެވެ. ޔާމީން މައްސަލައިގެ ލިޔެކިޔުންތަކަށް ބެލުމުން ފައިސާ ޖަމާވެފައިވަނީ ކޮން އެކައުންޓަކަށްކަން އަދި މަނީ ލޯންޑާ ކޮށްފައި ވަނީ ކިހިނެއްކަން އެނގޭނެ ކަމަށް ވެސް ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ނައުފަލް ވިދާޅުވި އެވެ. މި މައްސަލައިގައި މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މިންވަރަށް ހެކި ހުށަހަޅައިފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެކަމަށް ރައްދު ދެއްވަމުން އާޒިމާ ވިދާޅުވީ ރައީސް އޮފީހުގެ ވަޒީރަކަށް ހުންނެވިއިރު ކޮންމެ ދުވަހަކު އެތައް ސިޓީއެއްގައި ސޮއިކުރައްވަން ޖެހޭ ކަމަށެވެ. އެ ސިޓީތަކަކީ އޭނާ ލިޔާ އެއްޗެހި ނޫން ކަމަށާއި އެކަމަކު ނުބައިކޮށް އެކައުންޓް ނަންބަރު ޖެހިފައި އޮތުމުން އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން ކުށްވެރިކުރަން ބޭނުން ނުވާ ކަމަށެވެ. އާޒިމާގެ ފަރާތުން ދެއްކެވި ގިނަ ވާހަކަތަކަށް ދައުލަތުގެ ފަރާތުން ރައްދު ދީފައެއް ނުވެ އެވެ.

"ދައުވާގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް ގެއްލިއްޖެ"

ދައުލަތުން އާޒިމާގެ މައްޗަށް އުފުލާފައިވާ މި ދައުވާއާއި ގުޅިގެން އޭނާ ކުރައްވަމުން ގެންދެވި ގާނޫނީ މަސައްކަތްތައް ހުއްޓާލައްވަން ޖެހިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ. ދައުލަތުން ކޮށްފައިވާ ދައުވާއިން އޭނާ ކޮށްފައިވަނީ ކޮން ކުށެއްކަން ސާފުކޮށްލާނެ ފުރުސަތު ލިބުނީ ވެސް ތިން އަހަރާ ބައިވުމުން ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުގެ މައްސަލައިގައި ފަސް ފަނޑިޔާރުން ބަދަލުވެ، އަޅުގަނޑަށް ވަޒީފާގެ އެތައް ފުރުސަތެއް ގެއްލުނު ފަހުން އަޅުގަނޑު ކުރީ ކޮން ކުށެއްކަން މި އެނގުނީ. މިހާރު ތިން އަހަރާ ބައި ވެއްޖެ. އަޅުގަނޑަކީ ޕްރެކްޓިސިން ލޯޔަރެއް. އަޅުގަނޑަށް ޖެހުނީ ޕްރެކްޓިސް ހުއްޓާލަން. އިންޓަނޭޝަނަލް ވަޒީފާއަކަށް ވެސް ކުރިމައްޗެއް ނުލެވޭ،" އާޒިމާ ވިދާޅުވި އެވެ.

މީގެ ކުރީގެ އަޑުއެހުމުގައި ދައުލަތުން ވަނީ އިޖުރާއީ ނުކުތާއެއް ވެސް ނަގާފަ އެވެ. އެގޮތުން މި މައްސަލަ އަކީ ހައިކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ. ދައުލަތުން ބުނާ ގޮތުގައި ކޯޓު އަމުރެއް ނުވަތަ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް އިސްތިއުނާފް ކުރެވޭނީ އެ މަރުހަލާއެއް ނިމުމުގެ ކުރިންނެވެ.

ދައުލަތުގެ މި އިޖުރާއީ ނުކުތާއަށާއި އަދި މައުލޫއީ މައްސަލައަށް ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވައިދެއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން މިއަދު ވަނީ ވިދާޅުވެފަ އެވެ.