ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ މަރިޔަމް ނިހާޔަތަށް ވަކާލާތު ނުކުރެވޭނެ ކަމަށް ދައުލަތުން މިއަދު ހައިކޯޓުގައި ބުނެފި އެވެ.
ހައިކޯޓުގައި މިއަދު ފަށައިފައިވާ މި މައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލަ ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފައި ވަނިކޮށް ދައުލަތުން އާޒިމާގެ މައްޗަށް އުފުލާފައިވާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުގެ އިސްތިއުނާފީ މައްސަލަ އެވެ. މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ އާޒިމާ އެވެ.
އާޒިމާގެ ދިފާއީ ވަކީލުންގެ ގޮތުގައި ބައިވެރިވެފައި ވަނީ ނިހާޔަތުގެ އިތުރުން ކުރީގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ފަޒްނާ އަހުމަދު އެވެ.
ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވެފައި ވަނީ މި މައްސަލަ ޕީޖީ އޮފީހަށް ލިބުނުއިރު ނިހާޔަތު ހުންނެވީ އެ އޮފީގެ ޑެޕިއުޓީ ޕީޖީގެ މަގާމުގައި ކަމަށާއި، އެހެންކަމުން މި މައްސަލައިގައި އޭނާއަށް ވާކާލާތު ނުކުރެވޭނެ ކަމަށެވެ. ބްރީފިންތަކާއި މަޝްވަރާތަކުގައި އޭނާގެ ބައިވެރިވުން އޮވެދާނެ ކަމަށާއި އަދި ޕީޖީ ނުހުންނަ ހާލަތެއްގައި އޮފީހުގެ އެންމެ އިސްވެރިޔަކަށް ވެސް ހުންނަ ފަރާތަކީ އެއީ ކަމަށް ފާހަގަކުރެއްވި އެވެ.
ދައުލަތުން ފާހަގަކުރި ގޮތުގައި މި މައްސަލަ އެ އޮފީހަށް ހުށަހަޅާފައި ވަނީ ފެބްރުއަރީ 10، 2019 ގައެވެ. މި މައްސަލަ ކޯޓަށް ހުށަހެޅީ ފެބްރުއަރީ 17 2019 ގައެވެ. އަދި ނިހާޔަތު އިސްތިއުފާ ދެއްވީ މާޗް 12، 2019 ގައި ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.
އެކަމަށް އިއުތިރާޒް ކުރައްވަމުން ނިހާޔަތު ވިދާޅުވެފައި ވަނީ މި މައްސަލައިގައި އެއްވެސް ގޮތަކަށް ބައިވެރިވެފައި ނުވާނެ ކަމަށެވެ. އަދި އެއްވެސް ލިޔުމެއްގައި ވެސް ސޮއިކޮށްފައިނުވާނެ ކަމަށެވެ. އޭނާގެ އިތުރުން އެހެން ޑެޕިއުޓީ ޕީޖީއެއް ހުންނަ ކަމަށާއި، ޕީޖީ ނުހުންނަ ހާލަތެއްގައި އޮފީހާ ހަވާލުވެ ކަންކަން ނިންމަނީ އޭނާ އެކަނި ނޫން ކަމަށެވެ. އަދި އާޒިމާގެ ދައުވާ ފޯމުގައި ސޮއިކޮށްފައި ވަނީ ދެވަނަ ޑެޕިއުޓީ ކަމަށްވާ މަހުމޫދު ސަލީމް ކަމަށް ވެސް ވިދާޅުވި އެވެ.
ނިހާޔަތު ވިދާޅުވެފައި ވަނީ މީގެ ކުރިން ދައުލަތުން އެހެން މައްސަލަތަކުގައި ވެސް މި އިއުތިރާޒް ނަގާފައިވީ ނަމަވެސް، އެއްވެސް ފަހަރަކު އޭނާގެ ދައުރު އޮތީ ކޮން ގޮތަކަށްކަން ބުނެދެވިފައި ނުވާ ކަމަށެވެ. މި މައްސަލައިގައި ވެސް އެފަދައިން ބުނެދެވިފައި ނުވާ ކަމަށެވެ.
އަޑުއެހުމުގައި ފަނޑިޔާރު ފާތިމަތު ފަރްހީޒާ ވަނީ ނިހާޔަތުގެ ސީދާ ބައިވެރިވުމެއް މި މައްސަލައިގައި އޮތްކަން އެއްވެސް ގޮތަކުން އެނގެން އޮތްތޯ ދައުލަތާއި ސުވާލުކުރައްވާފަ އެވެ. ދައުލަތުން ބުނެފައި ވަނީ އެކަން އެއްވެސް ލިޔުމަކުން އެނގެން ނެތް ނަމަވެސް ބައިވެރިވުން އޮވެދާނެ ކަމަށެވެ.
ދައުލަތުގެ މި އިއުތިރާޒާ ގުޅިގެން މިއަދު އެއްވެސް ގޮތެއް ނުނިންމަ އެވެ. ބައެއް ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ގިނަ ވަގުތުތަކެއް ގޮސްފައިވާތީ ފަނޑިޔާރު ވިދާޅުވެފައި ވަނީ އަޑުއެހުމަކާ ނުލާ އެކަން ދެފަރާތަށް އަންގާނެ ކަމަށެވެ. އަދި މާދަމާ މި މައްސަލައިގެ އަޑުއެހުމެއް ބާއްވަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ދަށު ކޯޓު މަރުހަލާގައި ވެސް ދައުލަތުން މި އިޖުރާއީ ނުކުތާ ދައުލަތުގެ ފަރާތުން ހުށަހެޅި އެވެ. ދައުލަތުގެ ވާހަކަތަކަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ނިންމީ އާޒިމާގެ ދިފާއުގައި ނިހާޔަތު އަދި ފަޒްނާއަށް ވަކާލާތު ނުކުރެވޭނެ ކަމަށެވެ.
އާޒިމާގެ މައްޗަށް އޮތް ތުހުމަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ތުހުމަތު ކުރި މަނީ ލޯންޑްރިންގެ މައްސަލައިގައި އެ ހިޔާނާތް ހިންގުމަށް މަގުފަހިކޮށްދިނުމެވެ. އެގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ވަކި އެކައުންޓަކަށް ޖަމާކުރުމަށް އާޒިމާ ލަފާ ދެއްވާފައިވާ ކަމަށް ދައުލަތުން ބުނެ އެވެ. ދޮގު މައުލޫމާތު ދިން ކަމަށް ދައުލަތުން ތުހުމަތު ކުރަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގަށް ހަގީގަތާ ހިލާފު މައުލޫމާތަކެއް އާޒިމާ ދެއްވާފައިވާތީ އެވެ.
ދަށު ކޯޓުގައި އާޒިމާ ވިދާޅުވެފައި ވަނީ މި ދެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ ރައީސް ޔާމީން ކުރެއްވި ކުށަކަށް މަގުފަހިކޮށްދިނުމަށް ކަމަށް ތުހުމަތުކުރާއިރު، އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން މި ދައުވާ ބާތިލްކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު އެ ކޯޓުން ނިންމީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.