މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިއްކަމުންދާ ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލުމަށް ހައި ކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ތިމަވެށީގެ އެކްޓިވިސްޓެއް ކަމަށް ބުނާ ހުމައިދާ އަބްދުލްގަފޫރު ދައުލަތާ ދެކޮޅަށް ގުޅިފަޅު ހިއްކުން ހުއްޓުވުމުގެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
އޭގެފަހުން ހުމައިދާ މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ގުޅިފަޅު ހިއްކާތީ އެ ސަރަހައްދާއި އެ ސަރަހައްދު ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭ ކަމަށް ބުނެ އެވެ.
މިމައްސަލައިގައި ހައިކޯޓުން ވަނީ މިދިޔަ ފެބްރުއަރީ 14 ވަނަ ދުވަހު ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރެދީފަ އެވެ. ނަމަވެސް ދައުލަތުން މި އަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރި ފަހުން ހައިކޯޓުން ވަނީ ގުޅިފަޅު މަޝްރޫއު ކުރިއަށް ގެންދެވޭނެ ގޮތަށްވެސް ވަގުތީ އަމުރެއް ނެރެދީފަ އެވެ
ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި މައްސަލައާއި ގުޅިގެން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ގުޅިފަޅު ހިއްކާތީ ތިމާވެށްޓަށް ލިބޭ ދާއިމީ ގެއްލުންތައް މައްސަލަ ހުށަހެޅި ފަރާތަށް ސާފުކޮށް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި ގުޅިފަޅު ހިއްކުން ހުއްޓުވާފައި ބޭއްވުމަކީ ދައުލަތާއި މިމަޝްރޫއުގެ ކޮންޓްރެކްޓަރާ އެކު ހަދާފައި އޮތް އެއްބަސްވުމަށް ބަލާއިރު ދައުލަތަށް މާލީ ބޮޑެތި ގެއްލުންތައް ލިބޭ ކަމެއް ކަމަށްވެސް ހުކުމްގައިވެ އެވެ. އަދި ހައިކޯޓުން ގުޅިފަޅު ހިއްކުން ހުއްޓުވުމުގެ އަމުރު ނެރެފައިވަނީ އެފަދަ އަމުރުތައް ނެރުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކަމަށްވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ގުޅިފަޅު ހިއްކުން ހުއްޓުވުމަށް ހައިކޯޓުން ނެރުނު އަމުރު ބާތިލްކުރީ ކަމަށް ހުކުމްގައި ކަނޑައަޅާފައިވެ އެވެ.
ގުޅިފަޅު ހިއްކުން ހުއްޓުވުމުގެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމިއިރު ގުޅިފަޅު ހިއްކުމުގެ ބޮޑު ބައި މިހާރު ވަނީ ނިމިފަ އެވެ.
ގުޅިފަޅު ހިއްކުމުގެ މަޝްރޫއު އޮކްޓޯބަރު 17، 2019 ގައި ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ. ދެ ބިލިއަން ރުފިޔާގެ މިމަޝްރޫއުގެ ދަށުން އޭރު ހިއްކަން ނިންމާފައި އޮތީ 65 ހެކްޓަރުގެ ބިމެވެ. އެކަމަކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވަނީ އިތުރު 85 ހެކްޓަރާ އެކު ޖުމްލަ ގުޅިފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމަށެވެ.