ހަބަރު

ދީބާޖާއަށް ބަދަލެއް ދޭން އެއްބަހެއް ނުވޭ: ދައުލަތް

ދީބާޖާއަށް ބަދަލު ދިނުމަށް އެއްވެސް އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.

ދައުލަތުން މިހެން ބުނެފައި ވަނީ ގެއްލުމުގެ ބަދަލުގައި ދީބާޖާއަށް 348.10 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ކުރި ހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.

މިއަދު ދީބާޖާގެ ވަކީލުން ވިދާޅުވީ ސިވިލް ކޯޓުން ދީބާޖާގެ އެއްބަސްވުން އުވާލި މައްސަލައިގައި ދައުލަތުން ގެއްލުމުގެ ބަދަލު ދިނުމަށް ހުކުމް ކުރުމާއި ގުޅިގެން ދައުލަތުން ބޭނުން ވެގެން ދީބާޖާއާއެކު މަޝްވަރާ ކުރި ކަމަށެވެ.

އެއްބަސްވުމެއް އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް 348.10 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލި ސެޓެލްމެންޓް ކޮމިޓީން ލަފާ ދީފައިވާތީ އެ ލަފައާ އެއްގޮތަށް އަމަލު ކުރުމަށް ސަރުކާރުން ނިންމާފައިވާކަން ވެސް ދީބާޖާގެ ވަކީލުން ފާހަގަ ކުރި އެވެ.

މީގެ ކުރިން ސިވިލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި ވެސް ދައުލަތުން ވަނީ ބަދަލުގެ ގޮތުގައި ދީބާޖާއަށް 174 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވުމެއް ހަދާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު މިއަދު ބޭއްވި އަޑު އެހުމުގައި ދީބާޖާގެ ވަކީލުން ދެއްކެވި ވާހަކަ އަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ދީބާޖާއަށް އެއްވެސް ބަދަލެއް ދިނުމަށް ދައުލަތުން އެއްބަސްވެފައިނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ބަދަލުގެ ގޮތުގައި ދީބާޖާއިން އެދުނީ 348.10 މިލިއަން ރުފިޔާ ކަމަށާއި އޭގެ ބަދަލުގައި މި އަދަދުގެ ދެބައިކުޅަ އެއްބައި ބޭނުންވާ ކަމަށްބުނެ ދައުލަތާ އެކު އެއްބަސްވުމެއް ހެދި ސަބަބެއް ނޭނގޭ ކަމަށެވެ.

ޖަވާބުގައި ދީބާޖާއިން ބުނީ އެ އަދަދކީ ދިވެހި ދައުލަތާއި ހާއްސަކޮށް ދިވެހި ރައްޔިތުންނަށް އެކުންފުނިން ދިން ހަދިޔާ އެއް ކަމަށެވެ. އެއީ މި ފައިސާ އަކީ ދިވެހި ރައްޔިތުންނާއި ގުޅިފައިވާ ފައިސާތަކެއް ކަމަށް ވެފައި މި ފައިސާގެ އެންމެ ހައްގުކަން ބޮޑުވަނީ ރައްޔިތުންނަށް ކަމަށް ވެސް ދީބާޖާގެ ވަކީލް ވަނީ ވިދާޅުވެފަ އެވެ.

ދީބާޖާ އަށް ބަދަލުގެ ގޮތިގައި 174 މިލިއަން ރުފިޔާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ހޫދު ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލި ސެޓެލްމެންޓް ކޮމިޓީއިން ދެއްވާފައިވާ ލަފަޔާ އެއްގޮތަށް އަމަލުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާ މިހާތަނަށް އެ ކުންފުންޏަށް ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތުން ވަނީ ސުޕްރީމް ކޯޓުން މި މައްސަލާގައި ހުކުމް ކޮށްފައިވަނީ ދައުލަތުން ހުށަހެޅި ހުރިހާ ކަމަކަށް ނުބަލާ ކަމަށްވާތީ މި ހުކުމަކީ ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނާއި ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ވިދާޅުވެފަ އެވެ. އެހެން ކަމުން މި މައްސަލަ އަކީ އަލުން މުރާޖައާ ކުރަންޖެހޭ މައްސަލައެއްގެ ގޮތުގައި ކަނޑައެޅުމަށް ދައުލަތުން ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ދީބާޖާއަށް 348 މިލިއަން ރުފިޔާ ދިނުމަށް ހުކުމް ކުރި އިރު އެ އަދަދަށް ވާސިލްވި ގޮތެއް ހުކުމުން އެނގެން ނެތް ކަމަށާއި އެހެން ކަމުން މި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ބާތިލްކޮށް ހައިކޯޓުގެ ނިންމުން ދަމަހައްޓަން ދައުލަތުން ވަނީ އެދިފަ އެވެ. އަދި ދީބާޖާ އެކު ދައުލަތުން އެއްބަސްވީ 50 އަހަރަށް ކަމަށްވެފައި ހިސާބު ކުރުމުގައި ދީބާޖާއިން މަސައްކަތް ކުރި ދުވަސްތައް ކަނޑާފައިނުވާ ކަމަށްވެސް ދައުލަތުން ވަނީ ފާހަގަ ކޮށްފަ އެވެ.

ފަނޑިޔާރުން ވަނީ މި މައްސަލައިގެ ދެ ފަރާތުން އިތުުރު ކަމެއް ފާހަގަ ނުކުރާނަމަ ދެން އޮންނަ އަޑުއެހުމެއްގައި ހުކުމް އިއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލަ ބަައްލަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން އާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މުހައްމަދު އިބްރާހިމް އެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫނެވެ.

ކުރިން މައްސަލަ ހިނގާފައިވާ ގޮތް

އެއްބަސްވުން ބާތިލު ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލަ ނިންމީ ވެސް އެ ކުންފުންޏާ އެއްކޮޅަށެވެ. އެއީ ބިންތައް ހަވާލު ނުކޮށް އޮތުމަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުން ކަމުގައި ކަނޑައެޅުމަށްފަހު އެވެ. އެހެންވެ ގެއްލުމުގެ ބަދަލު ދީބާޖާއަށް ދޭން ސިވިލް ކޯޓުން ހުކުމް ކުރި އެވެ. އެއީ 348.10 މިލިއަން ރުފިޔާ އެވެ. އެ ހުކުމް ކޮށްފައި ވަނީ އޮކްޓޫބަރު 23، 2014 އިގަ އެވެ. އެ ހުކުމާ ހިތްހަމަ ނުޖެހި، ދައުލަތުގެ ފަރާތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. ހައިކޯޓުން ހުކުމް ކުރީ ދައުލަތާ އެއްކޮޅަށެވެ. އަދި ސިވިލް ކޯޓުގެ ހުކުމް ބާތިލުކުރި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރީ ދީބާޖާ ކުންފުނިންނެވެ. އެ ކުންފުނީގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ އިލްތިމާސްކުރީ މައިގަނޑު އެންމެ ނުކުތާއެއްގެ މައްޗަށް ރިއާޔަތްކޮށެވެ. އެއީ އެ މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނާ ނުކުތާ އެވެ.

އޭރު އަމަލު ކުރަމުން ދިޔަ އުސޫލުގައިވާ ގޮތުން ދަށު ކޯޓުތަކުގެ ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް 90 ދުވަހުގެ މުއްދަތެއް ލިބެ އެވެ. މިހާރު އެކަމަށް ލިބެނީ 10 ދުވަހުގެ މުއްދަތެކެވެ.

ދައުލަތުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅީ ޖުލައި 22، 2015 އިގަ އެވެ. ނަމަވެސް އިސްތިއުނާފު ކުރަން ލިބޭ 90 ދުވަހަށް ބަލާއިރު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މާޗް 12، 2015 އެވެ.

އެހެންވެ ހައިކޯޓުގެ ހުކުމް ބާތިލުކޮށް، ސިވިލް ކޯޓުގެ ހުކުމަކީ އެ ހުކުމް އިސްތިއުނާފު ކުރުމަށް ލިބުނު މުއްދަތުގައި އިސްތިއުނާފަށް ހުށަހަޅާފައި ނުވާ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އަދި އެ މައްސަލާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ނިހާއީ ހުކުމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދީބާޖާއަށް ދިނުމަށް ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އެ ބަދަލު ބޮޑުވެ އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އެ މައްސަލާގައި މެދު މިނުގެ ހައްލެއް ހޯދުމަށް ސެޓްލްމެންޓް ކޮމިޓީއެއް ހަދައި ދީބާޖާއާއެކު ސަރުކާރުން މަޝްވަރާއަށް ވެސް ދިޔަ އެވެ. އެ މަޝްވަރާތަކަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ. އެއަށް ދީބާޖާ ވެސް އެއްބަސްވި އެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހެޅި އެ މަޖިލީހުން ވަނީ ހުކުމް އެއްކޮށް ރިވިއު ކުރަން ހުށަހަޅަން ބަންޑާރަ ނައިބު އޮފީހުގައި އެދެން ފާސްކޮށްފަ އެވެ. މަޖިލީހުގެ ކޮމިޓީގައި ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާއަށް ބަދަލު ދޭން ސަރުކާރުން ނިންމުމުން އެކަމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިންގާފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގެ ގިނަ މެމްބަރުން ތުހުމަތު ކުރައްވައި އެ ކޮމިޓީގެ ބައްދަލުވުމަކަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ހާޒިރުކޮށް، ގިނަ ސުވާލުތަކެއް އޭނާއަށް ވަނީ ކުރިމަތި ކުރުވި އެވެ.

އެ ބައްދަލުވުމުގައި، ރިފްއަތު ވިދާޅުވެފައިވަނީ ދީބާޖާއަށް ބަދަލު ދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އެ މައްސަލަ ސުޕްރީމް ކޯޓުގައި މުރާޖައާ ކޮށްގެން ސަރުކާރަށް ކާމިޔާބުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ދީބާޖާ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަން އޮތީ ލާޒިމްކޮށްފަ އެވެ. ނަމަވެސް އެ ބިންތައް ވެސް އެ ކުންފުންޏަށް ދޫކޮށްފައެއް ނުވެ އެވެ.