ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅަށް ހަރަދުތައް ކޮށްފައިވާ ގޮތުގެ ރަސީދުތައް ނުދޭން އެ ސަރުކާރުން ދެކޮޅު ހެދުމުން އެ ރަސީދުތައް ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ރަސީދުތައް ނުދޭން ސޯލިހްގެ ސަރުކާރުން ނިންމި ނިންމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޯޓުގައި ދިފާއުކޮށްފި އެވެ.
ރައީސް ސޯލިހް ސަރުކާރުގެ އިސް ވަފްދަކާ އެކު ބޮޑު ހަރަދެއް ކުރައްވައިގެން އެމެރިކާއަށް ވަޑައިގަތީ އދގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށެވެ.
މި ދަތުރުފުޅުގައި ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލު ހޯދުމަށް އެދުނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްވަރުގަ އެވެ.
އޭނާ އެދިވަޑައިގެންފައި އޮތީ ދަތުރުކުރެއްވި ވަފްދުގެ ހުރިހާ ބޭފުޅުންގެ ނަންތަކާއި، ޓިކެޓަށް ހޭދަ ކުރި ފައިސާގެ ޖުމްލަ އަދަދާއި، ފައިސާ ރަސީދު ހޯދުމަށެވެ.
މި ތަފްސީލުތައް ރައީސް ސޯލިހުގެ ސަރުކާރުން ނުދިނުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އެޓާނީ ޖެނެރަލްގެ ވަކީލް ވަނީ ދިފާއުކުރައްވާފަ އެވެ.
ކުރީގެ ސަރުކާރުން އެ ތަފްސީލުތައް ހުށަހެޅުމަށް ދެކޮޅު ހެދީ އެއީ ސަލާމަތާ ގުޅިފައިވާ ހަރަދުތަކަކަށްވެފައި އަދި ބައެއް ބޭފުޅުންގެ ޒާތީ މައުލޫމާތުވެސް ހިމެނޭ ހަރަދުތަކަކަށް ވާތީ އެވެ.
މިމައްސަލައިގައި ހައިކޯޓުން މީގެކުރިން ނިންމާފައި އޮތީ ސަރުކާރުން ބުނާ ސަލާމަތީ އަދި ޒާތީ މައުލޫމާތު ނުހިމަނާ އެ ރަސީދުތައް ދިނުމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި އެ މައްސަލަ ދައުލަތުން އޮތީ އިސްތިއުނާފް ކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުގައި މިއަދު ދައުލަތުގެ ވަކީލް ވަނީ ކުރީގެ ސަރުކާރުން ނިންމި ނިންމުން ދިފާއު ކުރައްވާފަ އެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ ފައިސާގެ ރަސީދުތައް ދޫކުރުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުން ލާޒިމު ނުކުރާ ކަމަށެވެ. އެއީ ދައުލަތުގެ މުއައްސަސާއެއްގައި ރައްކާކޮށްފައިވާ ތިންވަނަ ފަރާތެއްގެ މިލްކަކަށްވާ ތަކެތި ދިނުމަށް ލާޒިމު ނުކުރަނީ ކަމަށްވެސް ވިދާޅުވި އެވެ.
އެޓާނީ ޖެނަރަލް އޮފީހުގެ ވަކީލު ވަނީ ހައިކޯޓުން ނިންމި ނިންމުމުގައި ބަޔާންކުރާ ގޮތުން ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭ އަސްލު ހުށަހަޅަން ޖެހޭ ކަމަށް ބުނެ، ހައިކޯޓުގެ އެ ނިންމުން ބާތިލުކުރުމަށްވެސް އެދިފަ އެވެ.