ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ދައުލަތުން ނިންމައިފި އެވެ.
ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ އަމުރު ނެރުނީ އަމިއްލަ މީހަކު ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
މައްސަލަ ހުށަހަޅާފައި ވަނީ ގުޅިފަޅު ހިއްކާތީ އެ ސަރަހައްދާއި އެ ސަރަހައްދު ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެވެ.
މިމައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ހައިކޯޓުގެ އަމުރާ ގުޅިގެން ބަންޑާރަނައިބް އަހްމަދު އުޝާމް ވިދާޅުވީ ގުޅިފަޅު ޕްރޮޖެކްޓަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓަކަށްވެފައި ގުޅިފަޅު ބިން ހިއްކުމުގެ 80 ޕަސަންޓް މަސައްކަތް ނިމިފައިވާތީ މިމަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށެވެ.
އެހެންވެ ދައުލަތުގެ ފަރާތުން ހައިކޯޓުގެ އަމުރު ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް މިހާރު ނިންމާފައިވާ ކަމަށްވެސް ބަންޑާރަނައިބް ވިދާޅުވެފައިވެ އެވެ.
ގުޅިފަޅަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ސަރުކާރުން ބިން ހިއްކަން ފެށި މަޝްރޫއެކެވެ.
ގުޅިފަޅު ބިން ހިއްކުން ހުއްޓުވާފައި މިވަނީ އެ ތަނުން ހިއްކި ބިމުން ބައެއް މީހުންނަށް ގޯތި ލިބުނު ކަމުގެ ލިޔުންވެސް ދޫކޮށްފައި ވަނިކޮށެވެ.