އެޓާނީ ޖެނެރަލް

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތް ފަށަނީ

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

ހުޅުމާލެ އަކީ މާލޭގެ އަވަށަކަށް ވާއިރު މާލޭގައި ހުންނަ ސުޕީރިއާ ކޯޓުގެ އިތުރުން ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ހުރުމަކީ ކޯޓުތަކުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ބައެއް ގާނޫނީ ބޭފުޅުން ގަބޫލުކުރައްވަ އެވެ.

މި މައްސަލައާ ގުޅިގެން ހިނގި ބަހުސެއްގެ ތެރެއިން 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ސައްހަ ކޯޓެއް ކަމަށެވެ.

އެކަމަކު އޭގެފަހުން 2022 ވަނަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެ ކޯޓު އުވާލުމުގެ މަސައްކަތް ކޮށްފަ އެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތުގެ ތެރެއިން ގާނޫނު އިސްލާހުކުރުމަށް ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް އެޓާނީ ޖެނަރަލްގެ އޮފީހުން މިހާރު ވަނީ ފަށާފަ އެވެ.

ހައި ކޯޓުން އިއްޔެ ކުރި ހުކުމެއްގައިވެސް ވަނީ ހުޅުމާލޭގައި ވަކި ކޯޓެއް ހުރުމަކީ އޭގެ ސަބަބުން އެކި ގޮންޖެހުންތައް ދިމާވާ ސަބަބެއް ކަަމަށް ބުނެފަ އެވެ. އަދި އެކަމަށް ހައްލެއް ހޯދަންޖެހޭ ކަމަށްވެސް ހުކުމްގައި ބުނެފައިވެ އެވެ.