ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ ނިންމުމަށް ބަންޑާރަނައިބާއި ޖޭއެސްސީން ގޮންޖަހައިފި

Feb 20, 2022
2

ސުޕްރީމް ކޯޓުގެ ނިންމުމަށް ގޮންޖެއްސެވުމަށްފަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލާނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ބަންޑާރަނައިބްގެ އޮފީހުން ބުނެފި އެވެ.

ހުޅުމާލޭގައި 2012 ވަނަ އަހަރު މެޖިސްޓްރޭޓް ކޯޓެއް ހެދުމުން އެ ދުވަސްވަރު ބައެއް ގާނޫނީ ބޭފުޅުން ދިޔައީ އެއީ ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފު ނިންމުމެއް ކަމަށް ވިދާޅުވަމުންނެވެ.

ނަމަވެސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މައްސަލައިގައި ޑިސެމްބަރު 5، 2012 ގައި ސުޕްރީމް ކޯޓުން ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފަށް އުފައްދާފައިވާ ކޯޓެއް ނޫން ކަމަށް ކަނޑައަޅާފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ އެ ގަޒިއްޔާ ބިނާކޮށްފައިވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް އަދި ހަގީގަތާ ވެސް ހިލާފު ކަންތައްތަކެއްގެ މައްޗަށް ކަމަށް ކޮމިޝަނަށް ފާހަގަކުރެވޭތީ ޖޭއެސްސީން ވަނީ ހުޅުމާލޭގެ މެޖިސްޓްރޭޓް ކޯޓު އުވާލުމަށް އޮކްޓޫބަރު 4، 2020 ގައި ނިންމާފަ އެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުން މުރާޖައާ ކޮށްދިނުމަށް ވެސް ޖޭއެސްސީން އަލުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލަ އަލުން މުރާޖައާކޮށް މިމަހުގެ އަށްވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ގާނޫނީ ހައިސިއްޔަތާ މެދު އެ ކޯޓުން ކުރިން ނިންމި ނިންމުމުގައި ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް ފާހަގަވާން ނެތް ކަމަށް ކަނޑައަޅައި ޖޭއެސްސީން ހުށަހެޅި މައްސަލަ މުރާޖައާކޮށްދެވެން ނެތް ކަމަށް ނިންމާފަ އެވެ.

ކޯޓުތަކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވަނީ މާލޭގައި އުފައްދާނީ ސްޕީރިއާ ކޯޓުތައް ކަމަށެވެ. ރަށްރަށުގައި ހުންނަނީ މެޖިސްޓްރޭޓް ކޯޓުތައް ކަމަށެވެ.

ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިނގިއްޔާއި ހުޅުމާލެ ވެސް ހިމެނޭ ގޮތަށް ކަމަށް ފާހަގަކޮށް ޖޭއެސްސީން މިއަދު ބުނީ ހުޅުމާލެ އަކީ އަދި ވިލިނގިއްޔަކީ ވެސް އިދާރީ ވަކި ރަށްރަށް ނޫން ކަމަށާއި އެއީ މާލޭގެ އަވަށްތަކެއް ކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށެވެ. މާލޭގައި ސްޕީރިއާ ކޯޓުތައް ގާއިމުކޮށްފައި އަދި ހަމަ މާލޭގެ އަވަށްއަވަށުގައި މެޖިސްޓްރޭޓް ކޯޓުތައް ގާއިމުކުރުމަކީ ގާނޫނާ ހިލާފު ނުވެ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަކީ އެއްވެސް އޮޅުމެއް ނެތްހާ ސާފުކޮށް އޮތް ކަމެއް ކަމަށްވެސް ޖޭއެސްސީން ބުނެ އެވެ.

"ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުފެދިފައިވާ ގޮތާ މެދު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރައްވާފައިވާ ނިޔާ މުރާޖާކޮށްދެވެން ނެތްކަމަށް އެ ކޯޓުން ނިންމި ނަމަވެސް، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމައްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުންނެވެ." ޖޭއެސްސީން ބުނެފައިވެ އެވެ.

ހުޅުމާލޭގެ މެޖިސްޓްރޭޓް ކޯޓުގެ މައްސަލަ މުރާޖައާ ކޮށްދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭގެ މެޖިސްޓްރޭޓް ކޯޓަކީ ސިޔާސީ މަގުސަދެއް ހާސލްކުރުމަށް އުފެއްދި ތަނެއް ކަމަށެވެެ. ގާނޫނާ ހިލާފު އެނިންމުން ނަގަހައްޓާފައިވަނީ ސުޕްރީމް ކޯޓުން ޑިސެމްބަރު 5، 2012 ގައި ނިންމި ގަޒިއްޔާ އިން ކަމަށް ބަންޑާރަނައިބް ވެސް ވިދާޅުވެފައިވެ އެވެ.

"ގާނޫނުގައި ނެތް ކަމެއް ގާނޫނާ އެއްގޮތަށް ނުކުރެވޭނެ! ގާނޫނީ މިބޮޑު ފުށުއެރުން / ފާޅުކަން ބޮޑު ބޭއިންސާފު ރަނގަޅުކުރުމަށް ގާނޫނު އިސްލާހުކުރާނަން،" ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ބަންޑާރަނައިބް ވިދާޅުވި އެވެ.