ސުޕްރީމް ކޯޓް

ޖުމްލަ މެންބަރުން ގުނާ ގޮތަށް ގެނައި ބަދަލު ގޯސް: ހުކުމް

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާނެ ގޮތް ބަދަލުކޮށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާ އިސްލާހުކޮށް މަޖިލީހުން ފާސްކުރީ ޑިސެމްބަރު 18، 2023 ގަ އެވެ. މި މާއްދާއަށް ގެނައި އިސްލާހުގައިވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެވަގުތު މަޖިލީހުގެ މެންބަރު ކަމުގައި ދެމިތިބި ޖުމްލަ މެންބަރުން ކަމަށެވެ.

އެ އިސްލާހުތައް ބާތިލުކުރަން ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި އެ ކޯޓުން އިއްވި ހުކުމްގައި ބުނީ މަޖިލީހުން ކަންކަން ނިންމުމުގައި އެކި މައްސަލަތަކަށް އެކި އަޣުލަބިއްޔަތު ގާނޫނުއަސާސީގައި ކަނޑައަޅާފައިވަނީ މުހިންމު ބޭނުމެއްގައި ކަމަށެވެ.

ހުކުމްގައި ބުނީ މަޖިލީހުގެ ކޮންމެ ގޮނޑިއަކީ އިންތިހާބީ ދާއިރާ ތަމްސީލުކުރާ އެއްޗެއް ކަމަށެވެ.

"އެންމެ ގޮނޑިއެއްގެ ފަހަތުގައި އެތައް ހާސް ރައްޔިތުންނެއް ތިބެއެވެ. އެންމެ ގޮނޑިއެއް ތަމްސީލުކުރާ މެންބަރަކީ އެތައް ހާސް ރައްޔިތުންނެއްގެ މަސްލަހަތު ތަމްސީލުކުރާ މަންދޫބެވެ. މިއީ އެ މެންބަރަކު ޖަލްސާއަކަށް ހާޒިރުވިޔަސް ނުވަތަ ނުވިޔަސް ނުވަތަ ހާޒިރުވެ ނިންމުމެއްގައި ބައިވެރިވިޔަސް ނުވަތަ ނުވިޔަސްވެސްމެއެވެ." ހުކުމްގައިވެ އެވެ.

މަޖިލީހުގެ ގޮނޑިއެއް ހުސްވުމަކީ އެ ދާއިރާއެއް މަޖިލީހުގައި އެއްކޮށް ތަމްސީލުކުރުން ހުއްޓޭނެ ކަމެއް ނޫން ކަމަށް ހުކުމްގައިވެ އެވެ.

ޖުމްލަ މެންބަރުން ގުނާ ގޮތް ބަދަލުކޮށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު މަޖިލީހުން މިހާރު ބާތިލުކޮށްފައިވާތީ މިކަމުގައި އަޅާނެ ފިޔަވަޅެއް ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.