އެޓާނީ ޖެނެރަލް

މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއިން ބަޔާނެއް ދީފި

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިސްތިޝާރީ ލަފަޔަކަށް އެދި އދގެ އާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލައިގައި މިއަދު އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދިވެހިރާއްޖެ އިން ބައިވެރިވެ ބަޔާނެއް ދީފި އެވެ.

މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އުފެދޭ ގާނޫނީ ބައެއް ސުވާލުތަކާ ގުޅޭގޮތުން، އައިސީޖޭގެ އިސްތިޝާރީ ލަފައެއް ހޯދުމަށް އެދި އދގެ 77 ވަނަ އާންމު މަޖިލީހުން ފާސްކުރި ގަރާރެއްގެ ދަށުން ހުށަހަޅާފައިވާ މައްސަލަ އެކެވެ.

މި މައްސަލައިގައި ކުރިއަށްދާ އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުންތަކުގައި ބައިވެރިވެ ބަޔާނެއް ހުށަހެޅުމުގެ ފުރުސަތު ގައުމުތަކަށާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފަ އެވެ.

އެގޮތުން އައިސީޖޭގައި މިއަދު ބޭއްވި އަޑުއެހުމުގައި ދިވެހިރާއްޖެ ތަމްސީލް ކުރައްވަމުން ބަންޑާރަނައިބް އަހްމަދު އުޝާމް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ކެނޑިނޭޅި ވަކާލާތުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުން ފާހަގަކުރައްވާފަ އެވެ.

ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ބައިނަލްއަގްވާމީ މުޖުތަމައުން އެހީ ފޯރުކޮށްދިނުމަށްވެސް އުޝާމް ގޮވާލެއްވި އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިގު މުއްދަތެއްގެ ތެރޭގައި ކުރާ އަސަރުތަކަށް ރާއްޖެ ނާޒުކުކަން ފާހަގަކުރައްވައި، އެ އަސަރުތަކުގެ ސަބަބުން ދިވެހި ރައްޔިތުން ދިރިއުޅެމުންދާ ރަށް ބަދަލުކުރަން ޖެހުމަކީ ދިވެހި ސަރުކާރު ދެކޮޅު ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

މިއަޑުއެހުމުގައި ރާއްޖެ ތަމްސީލް ކުރެއްވި ބައިނަލްއަގްވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި ތިމާވެއްޓާ ބެހޭ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންނަ ޒިންމާ ވަރަށް ބޮޑަށް ފާހަގަކޮށްފައިވެ އެވެ. ކަސްޓަމަރީ އިންޓަނޭޝަނަލް ލޯގެ ދަށުން ގައުމުތަކަށް އެއްބާރުލުން ދިނުމަށް އޮންނަ ޒިންމާވެސް ހަނދާންކޮށްދީފައިވެ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އެހީ ފޯރުކޮށްދިނުމަކީ ބައިނަލްއަގްވާމީ މުޖުތަމަްުގެ މަސްއޫލިއްޔަތެއް ކަމުގައިވެސް ފަހަގަކޮށްފައިވެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބައިނަލްއަގްވާމީ މުޖުތަމައުއާ ގުޅިގެން މަސައްކަތްކުރުމުގައި އާއި ދިވެހި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގައި ދިވެހި ސަރުކާރުން ސާބިތުކަމާއެކު އޮންނާނެކަމުގެ ޔަގީންކަންވެސް ދީފައިވެ އެވެ.