އެޓާނީ ޖެނެރަލް

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: އޭޖީ

މޯލްޑިވްސް މީޑިއާ ކައުންސިލް އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވާލާ އާ ކޮމިޝަނެއް އުފެއްދުމަށް މަޖިލީހަށް ހުށައެޅި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުންތަކެއް ހުރުމުން އެކަމަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ބަންޑާރަނައިބް އަހްމަދު އުޝާމު ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވާ އުޝާމު ވިދާޅުވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލާ ގުޅޭ ގޮތުން ޝަކުވާތަކެއް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެ ޝަކުވާތައް އަޑުއައްސަވާ ހައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލްގައިވާ ގޮތުން މިބިލު ގާނޫނަކަށް ވުމުން މިހާރު ހިންގަމުންދާ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވޭނެ އެވެ.

އަދި އެދެ ކޮމިޝަންގެ ދަށުން ކުރަމުންދިޔަ ހުރިހާކަމެއް އަލައްއުފެދޭ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށްގެ ދަށަށް ބަދަލުވެގެންދާނެ އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލުގައިވާ ގޮތުުން އަލަށް އުފައްދާ ކޮމިޝަންގައި ތިއްބަވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއިއެކު ރައީސް އައްޔަންކުރާ ހަތަރު މެމްބަރުންނާއި މީޑިއާތަކުން އިންތިހާބު ކުރާ ތިން މެމްބަރުންނެވެ.

ބިލްގައިވާ ގޮތުން ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މިކޮމިޝަނުންގައި ތިއްބަވާ މެންބަރުގެ ދައުރަކީ ފަސް އަހަރެވެ. ކޮމިޝަން އުފެދި މެމްބަރުން އައްޔަން ކުރެވެންދެން މިކޮމިޝަން ހިންގާނީ ސިވިލް ސާވިސް އިން އެކުލަވާލާ ފަސް މެންބަރުންގެ ވަގުތީ ކޮމެޓީއަކުން ކަމަށްވެސް ބިލްގައިވެ އެވެ.

މިބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ މީޑިއާގެ މަސައްކަތްތަކަށް ހަރުދަނާ މިންގަނޑުތަކެއް ކަނޑައަޅައި، ބްރޯޑްކާސްޓިން ދާއިރާވެސް ހިމެނޭހެން މީޑިއާގެ ހަރުދަނާ އުސޫލުތަކެއް ތަންފީޒު ކުރުމެވެ. ނަމަވެސް މިހާރު މަޖިލީހަށް ހުށައަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލް މިހާރު އޮތްގޮތައް ފާސްވެއްޖެނަމަ މީޑިއާއަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.