އެޓާނީ ޖެނެރަލް

ހެއްކާ ބެހޭ ބިލު ކޮމެޓީގައި އިސްލާހުކުރާނަން: އޭޖީ

ސަރުކާރުން ސްޕޮންސާ ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހެއްކާ ބެހޭ ބިލު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާ މިހާރު އޮތް ގޮތުން ބައެއް ހާލަތްތަކުގައި ކޯޓުން ކަނޑައަޅައިފިނަަމަ ނޫސްވެރިން އާންމުކުރާ ހަބަރުތަކުގެ މަސްދަރު ހާމަކުރަން ޖެހެ އެވެ. އެ މާއްދާގެ (ހ) ގައި ނޫސްވެރިންނަށް ލިބޭ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ކަށަވަރުކޮށްދިން ނަމަވެސް އެ މާއްދާގެ (ށ) ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ދެ ހާލަތެއް ބަޔާންކޮށްފައިވެ އެވެ.

ބިލު މިހާރު އޮތްގޮތުން އެ ދެ ހާލަތުގައި ކޯޓަށް ފެނިއްޖެ ނަމަ ނޫސްވެރިއެއް ބޭނުންކުރި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭނެ އެވެ. މިކަމާ ހިތްހަމަ ނުޖެހި މާއްދާތައް އަނބުރާ ގެނައުމަށް ނޫސްވެރިންނާއި އެކި ޖަމިއްޔާތަކުން ދަނީ ގޮވާލަމުންނެވެ.

މަސްދަރު ހާމަކުރަންޖެހޭ މައްސަލާގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން މިއަދު އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި، ނޫސްވެރިންނާއެކު ކުރެވޭ މުއާމަލާތަށް ލިބިދޭ އިމްތިޔާޒުގެ ދާއިރާ ކަނޑައަޅާފައިވާ ކަމަށެވެ. އަދި މައުލޫމާތެއްގެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑު ކަމަށް ޝަރީއަތަށް ބުރަވެވޭ ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ލާޒިމުކުރެވޭ އުސޫލެއް ވެސް ކަނޑައަޅާފައިވާ ކަމަށެވެ.

މި އުސޫލުތައް ކަނޑައަޅާފައިވަނީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި، އެ މިނިވަންކަން ހިފެހެއްޓުން ހުއްދަ ހާލަތްތައް ކަމުގައި ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކުރުމާއެކު، މިނިވަން ދީމިގްރާތީ މުޖުތަމައުތަކުގައި އެފަދަ މިނިވަންކަން ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށްވެސް އޭޖީ އޮފީހުން ބުނެ އެވެ.

ނަމަވެސް ހެއްކާ ބެހޭ ބިލުގައި ހިމެނޭ އެ އުސޫލުތަކުގެ ސަބަބުން ނޫސްވެރިންނާއި އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާކަން އޭޖީ އޮފީހުން ފާހަގަކޮށްފައި ވެއެވެ. އެހެންވެ އެކަމަށް ހައްލު ހޯދުމަށްޓަކައި، އެ ބިލުގެ މާއްދާތައް މުރާޖައާކޮށް، ބިލަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ބިލުގެ ކޮމިޓީ މަރުހަލާގައި ކުރިއަށް ގެންދާނެ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.