ރައްޔިތުންގެ މަޖިލިސް

މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އުވާލައި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފައްދަނީ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުން ބައްދަލުވުމެއްގައި -- ފޮޓޯ: އެމްއެމްސީ
0%
0%
0%

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ބިލް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލް މަޖިލީހަށް ތައާރަފުކޮށްފަ އެވެ.

ބިލްގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީކޮށް ދެމެހެއްޓުމާއި ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު ބްރޯޑްކާސްޓް މީޑިއާ ހިމެނޭހެން، މީޑިއާގައި މަސައްކަތްކުރާ މީހުންނާއި ނޫސްވެރިންގެ ޒިންމާދާރުކަން އިތުރުކޮށް ބަލަހައްޓާނެ މިނިވަން އިދާރީ ނިޒާމެއް ގާއިމުކުރުން ހިމެނެ އެވެ.

ބިލްގައިވާ ގޮތުން މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެމްއެމްސީ އާއި ބްރޯޑްކޮމް އުވޭނެ އެވެ. އަދި އެތަންތަނުގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލުމުގެ ދަށުގައި ހުރި ބިންބިމާއި އިމާރާތްތަކާއި މުދަލާއި ފައިސާ އާއި ވަސީލަތްތަކާއި އަރުޝީދު މި ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ބަދަލުވާނެ އެވެ.

މީގެ އިތުރުން އެމްއެމްސީ އާއި ބްރޯޑްކޮމްގެ މުވައްޒަފުންނަކީވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފުންގެ ގޮތުގައި ބަދަލުވެގެންދާނެ އެވެ.

މި ކޮމިޝަންއަކީ ހަތް މެންބަރުންގެ ކޮމިޝަނެކެވެ. ކޮމިޝަން އެކުލެވިގެން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މެންބަރުންނާއި މީޑިއާ އިން އިންތިހާބުކުރާ ތިން މެންބަރުންގެ މައްޗަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910