ދިވެހި މީޑިއާ

އެމްއެމްސީއާއި ބްރޯޑްކޮމާއި އައިކޮމް އެއްކޮށްލަން ހުށަހަޅަނީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އެއް މުއައްސަސާއަކަށް ހަދާ ގޮތަށް އާ މީޑިއާ ކޮމިޝަންގެ ގާނޫނު ބައްޓަން ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅުއްވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސް ކޮށްފި އެވެ.

އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން ފަށާފައިވަނީ އެމްއެމްސީއާއި ބްރޯޑްކޮމް އެއްކޮށްލާ ގޮތަށް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތެވެ. އެމްއެމްސީއަކީ އޮންލައިން އަދި ޕްރިންޓް މީޑިއާ މޮނިޓާ ކުރުމުގެ މެންޑޭޓް އޮންނަ މުއައްސަސާ އެވެ. ބްރޯޑްކޮމްގެ މެންޑޭޓްގައި އޮންނަނީ ބްރޯޑްކާސްޓިން މީޑިއާތައް މޮނިޓާ ކުރުމެވެ. އެކަމަކު އެއީ ދާދި އެއް މަސައްކަތެކެވެ.

އޭޖީން އެކުލަވާލާ އެ ގާނޫނަށް ހިޔާލުތައް ހުށަހެޅުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތިން މެންބަރުންގެ ސަބް ކޮމިޓީއެއް ނަގައި މީޑިއާގެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައިވެ އެވެ. އެ ކަމަށް ތިން މެންބަރުންގެ ސަބް ކޮމިޓީއެއް ވެސް ނެގި އެވެ. އެ ކޮމިޓީގައި ތިއްބެވީ ކުރީގެ ދެ ނޫސްވެރިން ކަމުގައިވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް އާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމްގެ އިތުރުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މައި ކޮމިޓީއަށް މިއަދު އެ ސަބް ކޮމިޓީގެ ރިޕޯޓް ހުށަހެޅި އެވެ. އެ ރިޕޯޓްގައި ވަނީ ބްރޯޑްކޮމް އާއި އެމްއެމްސީގެ އިތުރުން އާއި އައިކޮމް ވެސް އާ ކޮމިޝަންގެ ތެރެއަށް ގެނައުމަށެވެ. އެ ގޮތުން މައި ކޮމިޓީން ފާސްކުރީ އާ ކޮމިޝަންގެ ދަށުގައި އޮންނަ މިނިވަން ލޭޔާއެއްގެ ގޮތުގައި އައިކޮމް ބޭއްވުމަށެވެ.

ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައި ބްރޯޑްކޮމްއަށް ލިބިދީފައިވާ މެންޑޭޓްތައް އާ ކޮމިޝަންގެ ގާނޫނުގައި އެ ކޮމިޝަނަށް ލިބޭ ގޮތަށާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި އައިކޮމްއަށް ލިބިދީފައިވާ މެންޑޭޓްތައް ވެސް އާ ކޮމިޝަންގެ ގާނޫނުގައި ހިމެނުމަށް އޭޖީއަށް ހުށަހަޅަން ކޮމިޓީން މިއަދު ފާސްކުރި އެވެ.

އާ ކޮމިޝަންގެ މެންބަރުން ކަނޑައެޅުމުގެ ބާރު މަޖިލީހަށް

ސަބް ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން މީޑިއާގެ އާ ކޮމިޝަންގައި ތިއްބަވާނީ ފަސް މެންބަރުންނެވެ. އެ ފަސް މެންބަރުން އައްޔަން ކުރާނީ މިހާރު ވެސް އެހެން މިނިވަން ކޮމިޝަންތަކަށް މެންބަރުން އައްޔަން ކުރާ އުސޫލުންނެވެ. އެއީ މަޖިލީހުން ރުހުން ދޭ މީހުންތަކެއް ރައީސުލްޖުމްހުރިއްޔާ އައްޔަން ކުރައްވާ އުސޫލެވެ.

މީޑިއާގެ އާ ކޮމިޝަނަކީ މަޖިލީހަށް ޖަވާބުދާރީ ވާން ޖެހޭނެ ކޮމިޝަނެއް ކަމަށް ވެސް ސަބް ކޮމިޓީ ރިޕޯޓްގައިވެ އެވެ. އަދި އެ ކޮމިޝަނަށް އައްޔަން ކުރެވޭ މެންބަރުން ވަކިކުރުމުގެ ބާރު ވެސް ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ގޮތަށް ގާނޫނު އެކުލަވާލަން އޭޖީއަށް ހުށަހަޅަން ކޮމިޓީ ރިޕޯޓްގައި ބުނެފައިވެ އެވެ.

ކޮމިޝަންގައި މީޑިއާތަކުން އިންތިހާބު ކުރާ ބޯޑެއް

މީޑިއާގެ އާ ކޮމިޝަންގައި މީޑީއާތަކުން އިންތިހާބު ކުރާ ބޭފުޅުން ހިމެނޭ ގޮތަށް ބޯޑެއް އެކުލަވާލަން ވެސް ސަބް ކޮމިޓީން ހުށަހަޅާފައިވެ އެވެ. އެ ބޯޑުގައި ތިބޭނީ ހަތް މެންބަރުން ކަމަށެވެ. އެ ގޮތުން ބޯޑަށް އާދެވޭނީ ކޮންމެ މީޑިއާއަކުން މަދުވެގެން އެއް ނޫސްވެރިޔަކު ކަމަށެވެ. އެއީ މިހާރު މީޑިއާ ކައުންސިލްގެ އެކުލެވުން އޮންނަ ކަމަށެވެ.

އެ ބޯޑުގައި ތިބޭ މެންބަރުންނަކީ ވެސް މިހާރު މީޑީއާ ކައުންސިލްގައި ތިބޭ މެންބަރުން ގޮތަށް ސިޓިން އުޖޫރައެއް ލިބޭ ގޮތަށް ތިބޭނެ މެންބަރުން ކަމަށެވެ. އެ ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތަކަށް އޮންނާނީ ކޮމިޝަންގެ މެންބަރުންނަށް މީޑިއާގެ ކަންކަމުގައި ލަފާ ދިނުން ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

މީގެ އިތުރުން މީޑިއާތައް ރަޖިސްޓްރީ ކުރުމާއި މީޑިއާތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި މީޑިއާތައް އުވާލުމާއި މޮނިޓާ ކުރުމާއި އެހެނިހެން ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް އޮންނާނީ މީޑިއާގެ އާ ކޮމިޝަނަށް ރިޕޯޓްގައި ބުނެފައިވެ އެވެ. މީޑިއާތައް ރަޖިސްޓްރީކުރުމާއި ރަޖިސްޓްރީ ބެލެހެއްޓުން މިހާރު އޮންނަނީ ހޯމް މިނިސްޓްރީ ދަށުގަ އެވެ.