ދިވެހި މީޑިއާ

ނޫސްވެރިން މަސްދަރު ހާމަކުރަންޖެހޭ މާއްދާ އަނބުރާ ގެންދިއުމަށް ޖަމިއްޔާތަކުން ގޮވާލައިފި

Sep 28, 2021

ސަރުކާރުން ސްޕޮންސާ ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ބައެއް ހާލަތްތަކުގައި ހާމަކުރަންޖެހޭ ކަމަށް އޮތް މާއްދާ އަނބުރާ ގެންދިއުމަށް ޖަމިއްޔާތަކުން ގޮވާލައިފި އެވެ.

ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގައިވާ ގޮތުން ބައެއް ހާލަތްތަކުގައި ކޯޓުން ކަނޑައަޅައިފިނަަމަ ނޫސްވެރިން އާންމުކުރާ ހަބަރުތަކުގެ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެ މާއްދާގެ (ހ) ގައި ނޫސްވެރިންނަށް ލިބޭ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ކަށަވަރުކޮށްދިން ނަމަވެސް އެ މާއްދާގެ (ށ) ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ދެ ހާލަތެއް ބަޔާންކޮށްފައިވެ އެވެ.

ބިލު މިހާރު އޮތްގޮތުން އެ ދެ ހާލަތުގައި ކޯޓަށް ފެނިއްޖެ ނަމަ ނޫސްވެރިއެއް ބޭނުންކުރި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭނެ އެވެ.

އެ މާއްދާ އަނބުރާ ގެނައުމަށް ގޮވާލައި ބަޔާނެއް ނެރެފައިވަނީ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)، ޓްރާންސްޕޭރަންސީ މޯލްޑިވްސް، އެމްނެސްޓީ އިންޓަނޭޝަނަލް އަދި މޯލްޑިވްސް އެޑިޓާސް ގިލްޑް ގުޅިގެންނެވެ.

ރާއްޖެއާއި ބޭރުގެ ޖަމިއްޔާއެއް ހިމެނޭހެން ފަސް ޖަމިއްޔާއަކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ގޮތަށް މި ދެ މާއްދާއާ އެކު ގާނޫނު ތަސްދީގުކޮށްފިނަމަ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި "ޝާއިއު ކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް" ބަޔާންކޮށްފައިވާ ހައްގުތައް ބޮޑުތަނުން ހަނިވެގެންދާނެ ކަމަށެވެ.

މަސްދަރު ހާމަކުރުމަށް ނޫސްވެރިންނަށް މަޖުބޫރުކުރުމަކީ ރާއްޖެއިން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ ކަމަށްވާ އިންޓަނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ވެސް ހުރަސް އެޅިގެންދާނެ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.

"މި ދެ ހާލަތަކީ އޮބްޖެކްޓިވް އަދި ކޮލިޓޭޓް މިންގަނޑަކުން ވަޒަންކުރުން ނާދިރު ދެ ހާލަތް ކަމަށްވެފައި، އެކަމާ މެދު ޔަގީންކަމާއެކު ގޮތެއް ނިންމުމަކީ ނުވާނެ ކަމެއް ކަމުން މިކަމުގެ ސަބަބުން ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު އިންތިހާއަށް ފަހަތަށް ޖެހިގެންދާނެ އެވެ،" ބަޔާނުގައިވެ އެވެ.

ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ބިލު އެއޮތް ގޮތަށް ގާނޫނަކަށް ވެއްޖެނަމަ، އެކަމުގެ ސަބަބުން ނޫސްވެރިން ބޭނުންކުރާ މަސްދަރުތައް ގެއްލި، ކޯޓުގައި މަސްދަރު ހާމަކޮށްފާނެ ކަމުގެ ބިރަށް މަސްދަރުތަކުގެ ފަރާތުން މައުލޫމާތު ނުދިނުން ފަދަ މައްސަލަތައް ދިމާވެދާނެ ކަމަށެވެ.

ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު، ބައެއް ހާލަތްތަކުގައި ހާމަކުރަން ޖެހޭ ގޮތަށް އޮތުމުން މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ދެ އިދާރާ އިން ވަނީ އެ މާއްދާ އުނިކުރަންވެސް ގޮވާލާފަ އެވެ. މީގެ އިތުރުން މަޖިލީސް މެންބަރުންނާއި ގާނޫނީ ދާއިރާގެ ބޭފުޅުން އަދި ސިޔާސީ ޕާޓީތަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.