ދިވެހި މީޑިއާ

މަސްދަރު ހާމަކުރުވާ މާއްދާ ހިމެނީ ކީއްކުރަން؟

ސަރުކާރުން ސްޕޮންސާ ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގައިވާ ގޮތުން ކޯޓުން ކަނޑައަޅައިފި ހާލަތެއްގައި ހަބަރުތަކުގެ މަސްދަރު ހާމަ ކުރަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. އެ މާއްދާގެ (ހ) ގައި ނޫސްވެރިންނަށް ލިބޭ މަސްދަރު ހިމާޔަތް ކުރުމުގެ ހައްގު ކަށަވަރު ކޮށްދިން ނަމަވެސް (ށ) ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ދެ ހާލަތެއް ބަޔާން ކޮށްފައިވެ އެވެ. ބިލު މިހާރު އޮތް ގޮތުން އެ ދެ ހާލަތުގައި ކޯޓަށް ފެނިއްޖެ ނަމަ ނޫސްވެރިޔާ މައުލޫމާތު ހޯދި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެ އެވެ. އެގޮތުން ކޯޓުގައި ހިނގާ މައްސަލައެއްގައި އެ މައްސަލާގައި ހިމެނޭ މީހަކު ނުވަތަ ބަޔަކު ހުށަހަޅާ ހުށަހެޅުމަކަށް ބިިނާކޮށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެއެވެ. އަދި އެ ނޫސްވެރިއަކު ތަމްސީލުކުރާ މީޑިއާއެއްގެ މައްޗަށް ވެސް އަމުރު ކުރެވިދާނެ އެވެ.

މިއީ ހިޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަން ކަމުގައި ރާއްޖެ ހޯދާފައިވާ ބޮޑު ކާމިޔާބީ ފަހަތަށް ޖައްސާލާނެ އިސްލާހެއްގެ ގޮތުގައި ފާހަގަވެ އެތައް ބަޔަކު ވަނީ އެ މާއްދާއާ ދެކޮޅަށް ތެދުވެފައެވެ. ރައްޔިތުންގެ މަޖިލީހުގައި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެ މާއްދާ ސަމާލު ކަމަށް ގެނައުމުން މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ އެ މާއްދާ އުނިކުރުމަށް ގޮވާލާފައެވެ. މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުންވެސް ވަނީ އެ މާއްދާ އިސްލާހު ކުރުމަށް ގޮވާލާފައެވެ.

ނޫސްވެރިންގެ ހައްގުގަައި މަސައްކަތް ކުރުމަށް އުފައްދާފައިވާ ޖަމިއްޔާތަކުންވެސް ވަނީ އެ މާއްދާއާ ދެކޮޅަށް ތެދުވެފައެވެ. ޖަމިއްޔާތަކުން އެދެނީ ނޫސްވެރިކަން ފަހަތަށް ޖައްސުވާލާނެ އެ މާއްދާ ވަގުތުން އުނިކުރުމަށެވެ.

މައްސަލަ ބޮޑުވެ އާންމުންގެ ނުރުހުންވެސް ސަރުކާރަށް އަމާޒުވުމުން ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ބަޔާނެއް ނެރެ އެ މާއްދާ އިސްލާހު ކުރުމުގެ މަސައްކަތް ކޮމެޓީ މަރުހަލާގައި ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް ފުރަތަމަ މަސައްކަތް ކުރީ ބިލްގައި އެ މާއްދާ ހިމެނި ސަބަބު ސާފުކޮށްދޭށެވެ. އަދި ހެޔޮ ނިޔަތުގައި ކޮށްފައިވާ ކަމެއް ކަމަށް ބަޔާން ކޮށްދިނުމަށެވެ.

ބަންޑާރަނާއިބުގެ އޮފީހުން ބުނި ގޮތުން އުލޫމާތެއްގެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑު ކަމަށް ޝަރީއަތަށް ބުރަވެވޭ ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ލާޒިމުކުރެވޭ އުސޫލުތައް ކަނޑައަޅާފައިވަނީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި އެ މިނިވަންކަން ހިފެހެއްޓުން ހުއްދަ ހާލަތްތައް ކަމުގައި ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހުއެވެ. އަދި މިނިވަން ދީމިގްރާތީ މުޖުތަމައުތަކުގައި އެފަދަ މިނިވަންކަން ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަށްވެސް ރިއާޔަތް ކުރުމަށްފަހު އެވެ.

މި މޭރުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވާހަކަ ދެއްކެވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ހިމެނީ އޮސްޓްރޭލިއާގައި އަމަލުކުރާ އުސޫލަށް ރިއާޔަތްކޮށްފައެވެ. ނަމަވެސް އެ މާއްދާއާ އޮތް ދެކޮޅު ހެދުންތަކާއި ގުޅުވައި ދެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ރާއްޖޭގައި އެންމެ ބޮޑަށް އިސްކަންދޭން ޖެހޭ ކަމެއް ކަމަށެވެ.

ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގައި މި ފަހުން ރާއްޖެ ތަޖުރިބާ ކުރި އެންމެ އުނދަގޫ ދުވަސްތަކަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްތަކެވެ. އެ ދުވަސްތަކުގައި ބައެއް ގާނޫނުތަކަށް ބަދަލު ގެނެވުނެވެ. އަބުރުގެ ގާނޫނުގެ ނަމުގައި ގާނޫނެއް ވުޖޫދުކުރި އެވެ. އެ ގާނޫނުގެ ދަށުން ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރިއެވެ. އަދި ބައެއް ނޫސްވެރިންގެ މައްޗަށް ދައުވާ އުފުލި ކޯޓްގައި މައްސަލަ ހިނގިއެވެ. މިހެން ގޮސް ކިތަންމެ ކަމެކެވެ.

އެކަންކަމާއި ކަންބޮޑުވެ ނޫސްވެރިން މަގުތަކަށް ނިކުތެވެ. މުޒާހަރާތަކާއި އިހުތިޖާޖުތައް ކުރިއެވެ. އެކަމަށް އޭރުގެ އިދިކޮޅުން ވަރަށް ހިތްވަރު ދިނެވެ. އަދި ނޫސްވެރިންގެ ހައްގުގައި އަޑުއުފުލާ ސަރުކާރާ ދެކޮޅަށް ފާޑުކިޔުން ބޮޑުކުރިއެވެ. އަބުރުގެ ގާނޫނު އުވާލާނެ ކަމަށް ވައުދުވެ ވެރިކަމަށް ވަޑައިގެން އެކަން ކުރެއްވިއެވެ. ނަމަވެސް މިއަދު މި އޮތީ އަބުރުގެ ގާނޫނެއް މުހިންމު ވެފައެވެ. އެ މަސައްކަތް ބަންޑާރަ ނާއިބުގެ އޮފީހުގައި ބާރަށް އެބަ ހިނގައެވެ. އޭގެ ކުރިއަށް ހެއްކާ ބެހޭ ބިލުގެ ތެރެއިން މަސްދަރު ހާމަ ކުރުން މަޖުބޫރު ކުރެވޭ ހާލަތެއް ގެންނަން ހުށައެޅީއެވެ.

ބައެއް މީހުންގެ ނަޒަރުގައި މިއީ ސަރުކާރުން ގަސްތުގައި އެނގި ތިބެ ކުރަމުންދާ ކަމެކެވެ. ވެރިކަމުގައި ތިބޭއިރު އަބުރުގެ ގާނޫނުވެސް ވަރަށް މުހިންމެވެ. ނޫސްވެރިން ލިޔާ ކޮންމެ ހަބަރެއްގެ މަސްދަރުވެސް ހޯދާން ބޭނުންވެއެވެ. އެކަންކަމާ ދެކޮޅު ވަނީ އިދިކޮޅުގައި ތިބޭއިރުއެވެ. ފަހަރުގައި އެއީ ސިޔާސީ ގޮތުން ލިބޭ މަންފާއަކަށްޓަކައި ކުރާ ކަމަކަށްވީއެވެ. ރައްޔިތުންގެ ތާއީދު ހޯދުމަށް ދައްކާންވެސް އެއީ ރަނގަޅު ވާހަކައަކަށް ވަނީއެވެ. އެހެން ނޫންނަމަ ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅެއްގެ ފަރާތުން މިކަންކަން ނުފެނުނީހެވެ.

ދެން އޮތީ ސަަރުކާރުން މިފަދަ މާއްދާއެއް ހިމެނި ސަބަބެވެ. އޭޖީވެސް އަދި ރަައީސް ނަޝީދުވެސް އެ ވިދާޅުވީ ތެދެކެވެ. ދުނިޔޭގެ ތަހުޒީބު މުޖްތަމައުތަކުގައި ގާނޫނުތައް ހުންނަނީ އެ ގޮތަށެވެ. ވަރަށް ހާއްސަ ހާލަތްތަކުގައި ކޯޓުން އަންގާ އެންގުމެއްގެ ތެރެއިން މަސްދަރު ހާމަ ކުރަން މަޖުބޫރުވެއެވެ. އޮސްޓްރޭލިއާ ނޫނަސް އެތައް ގައުމެއްގައި އެކަން އޮތީ އެގޮތަށެވެ. އެ ގައުމުތަކުގައި އަބުރުގެ ގާނޫނެއްވެސް އޮވެއެވެ. އޭގެ ދަށުން ހެދިފައިވާ ގިނަ ގާނޫނުތަކެއްވެސް ހުރެއެވެ.

ނަމަވެސް އެކަންކަމާއި ރުހި އެ ގައުމުގެ ރައްޔިތުން އެތިބެނީ އެތަންތަނުގެ ޝަރުއީ ނިޒާމަށް އޮތް އިތުބާރު ބޮޑުކަމުންނެވެ. ގާނޫނުތައް ހަދަނީ އެންމެންގެ މަސްލަހަތައްކަން ރައްޔިތުންނަށް ގަބޫލުކުރެވޭ މިންވަރަށް ގާނޫނު ހަދާ މަޖިލީސް ފަންކުޝަން ކުރާތީއެވެ. އެ ގައުމުތަކުގެ ޝަރުއީ ނިޒާމަށް ބަސްކިޔާ ގޮތްކިޔަން ސިޔާސީ ވެރިން ނުތިބޭތީއެވެ. ސިޔާސީ އުދުޅި ބާނަށް ހުރި ހުރިހާ ދޮރުތައް ގާނޫނުން ބަންދުކޮށްފައިވާތީއެވެ.

ނަމަވެސް ރާއްޖޭގެ ހާލަތު އެތައް ގޮތަކުން ތަފާތެވެ. ހެއްކާބެހޭ ބިލްގައި މަސްދަރު ހާމަކުރެވޭ ހާލަތްތަކެއް ހިމެނީ ޝަރުއީ ނިޒާމުގެ ތެރެއިން އިވޭ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށްވީނަމަވެސް ރާއްޖޭގެ ޝަރުއީ ނިޒާމު އޮތް ހާލަތު އެންމެ ރަނގަޅަށް އެނގޭނީ ސަަރުކާރަށެވެ.

ބިލް ތައްޔާރުކޮށް ގާނޫނު ހަދާ މަޖިލީހަށް ފޮނުވިއިރު އެޓާނީ ޖެނެރަލް އެ އިންނަވަނީ ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ އިހުތިސާސު އޮތް ޖުޑީޝަލް ސާވިސް ކޮމިޝަންގައެވެ. މަޖިލީހުގެ އެމްޑީޕީގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެއީ އެ ކޮމިޝަންގެ ރައީސެވެ. މަޖިލީހުގެ ރައީސް އަދި ރޫލިން ޕާޓީގެ ރަައީސް މުހައްމަދު ނަޝީދަކީ އެ ކޮމިޝަންގެ މެންބަރެކެވެ. ރަައީސްގެ މެންބަރަކު އައްޔަންކޮށް ކޮމިޝަންގެ ފުލް މެޖޯރިޓީ އެ އޮތީ ނުފޫޒު ގަދަ ސިޔާސީ ބޭފުޅުންތަކެއްގެ އަތް މަތީގައެވެ. އެ ބޭފުޅުން ތިއްބަވައިގެން ކްރިމިނަލް ކޯޓާއި ހައިކޯޓާއި ސުޕްރީމް ކޯޓްގެ ހުރިހާ ފަނޑިޔާރުންހެން މަގާމުތަކުން އެ ވަނީ ވަކިކޮށްފައެވެ. ފުލުފުލުގައި މިހާރުވެސް ފަނޑިޔާރުންގެ މައްސަލަތައް ދަނީ ބަލަމުންނެވެ. ބައެއް ފަނޑިޔާރުން މަގާމުން ދުރުކުރަަން ހޭދަވީ މަދު ދުވަސްތަކެކެވެ.

ޖޭއެސްސީ ސިޔާސީ ވެރިންގެ "ހައްޔަރެއް" ގައި ނުބާއްވާނެ ކަމުގެ ވައުދަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް އެ ވައުދުގެ ވާހަކަވެސް ނުދައްކާ ދައުރުގެ ދެބައި އެ ހޭދަވީއެވެ. އޭގެ ބަދަލުގައި ޖޭއެސްސީގައި ސިޔާސީ ނުފޫޒު އިތުރަށް ވަރުގަދަ ކުރީއެވެ. އަދި ޖޭއެސްސީ އިސްލާހު ކުރުން އޮތީ ދައުރުގެ އެންމެ ފަހަށް ކަމަށްވެސް ސަރުކާރުން އެ ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

މަސްދަރު ހާމަކުރުވާ މާއްދާމެދު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާ މެންބަރުންގެ ކަންބޮޑުވުމަކީވެސް ޝަރުއީ ނިޒާމު އޮތް ހާލަތެވެ. ހާއްސަކޮށް ޖޭއެސްސީ އެކުލެވިގެންވާ ގޮތެވެ. އަދި އެ ކޮމިޝަން މިހާރު ފަންކުޝަން ކުރަމުންދާ ގޮތެވެ. ބައެއް މައްސަލަތަކަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަަމަށް ކުރެވޭ ތުހުމަތެވެ. އެފަދަ ތުހުމަތުތަކަށް ފަނޑިޔާރުން ލެނބޭ ކަމަށް ކުރެވޭ ބޮޑު ތުހުމަތެވެ.

ކަންބޮޑުވުން މީޑިއާތަކާއި އާންމުގެ ސަމާލު ކަމަށް ގެނައި މެންބަރު އުޝާމް ވިދާޅުވި ގޮތުގައި ހެއްކާ ބެހޭ ބިލްގައި މަސްދަރު ހާމަކުރަން ޖެހޭ ހާލަތްތަކެއް ބަޔާންކޮށްފައި ވަނީ ގޯސް ނިޔަތެއް އޮވެގެން ނޫން ކަމަށް ވެދާނެ އެވެ. ނަމަވެސް އެއީ ރާއްޖޭގެ ހާލަތާމެދު ނުވިސްނަވާ އަދި ދިރާސާ ކުރުމެއް ނެތި ހިމަނާފައިވާ މާއްދާއެކެވެ.

މާއްދާ މިހާރު އޮތް ގޮތުން އެކަމުން ވަރަށް ގިނަ ގޯސް ނިކުތުމުގެ ފުރުސަތު އެބައޮތެވެ. މަސްދަރު ހިމާޔަތް ކުރުމަކީ އަސާސީ ހައްގަކަށްވާއިރު އެފަދަ ހައްގެއް ހިފަހައްޓާ އެއްވެސް ހާލަތެއް ބަޔާން ކުރާނަމަ އެކަމެއް ވަރަށް ތަފްސީލުކޮށް ބަޔާން ކުރަން ޖެހޭނެ ކަމަށް އުޝާމް ދެކެވަޑައިގަންނަވައެވެ.

"އެކަންކަން ތަފްސީލުކޮށް ހިމެނުމުގެ ބަދަލުގައި މާބޮޑު ދިރާސާ ކުރުމެއް ނެތި މާއްދާއެއް ހިމަނާފައި އޮތްތަން މި ފެންނަނީ. މިހާރު އެ އޮތީ އެކަން ފަނޑިޔާރުންގެ އަތްމައްޗަށް މުޅީން ދޫކޮށްލާފައި. ރާއްޖޭގެ ޖުޑީޝަރީގެ ހާލަތު މިހާރު އޮތްގޮތުން ފަނޑިޔާރުންނަށް އެފަދަ ބާރުތަކެއް ދިނުމަކީ އަޅުގަނޑަށް ގަބޫލުކުރެވޭނެ ކަމެއް ނޫން،"

އުޝާމް ވިދާޅުވި ގޮތުގައި އެެއްކަހަލަ މައްސަލަތަކެއްގައި އެކި ފަނޑިޔާރުންގެ ނިންމުންތައް ތަފާތުކޮށް އައިސްފައިވާއިރު "އާންމު މަސްލަހަތު ބޮޑުވާ ނަމަ" ކަމަށް ބުނެ އެ މާއްދާއިން ފަނޑިޔާރަށް ދީފައިވަނީ ވަރަށް ބޮޑު އިހުތިޔާރެކެވެ. އަަދި އެއީ އެ ބާރު ނާޖައިޒު ގޮތުގައި ބޭނުން ކުރުމުގެ ފުުރުސަަތު އޮތް ކަމެކެވެ. ބައެއް ހާލަތުގައި ނުފޫޒު ފޯރުވައިގެން ފަނޑިޔާރު މެދުވެރިކޮށް އެކަން ކުރުމުގެ ފުރުސަތުވެސް ހުޅުވެނީއެވެ. އެހެންވީމަ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ވެރިކަމަށް ވަޑައިގަތުމަށް ވެފައިވާ ވައުދުތަކާއި ވަރަށް ބޮޑަށް ދެކޮޅަށް ބައެއް މަސައްކަތް ކުރެވޭ މަންޒަރު. ޖޭއެސްސީ ބަދަލުކުރަން ވީ ވައުދު އެ ގޮތުގައި އެ އޮތީ. އެހެންވީމަ މިފަދަ ހާލަތެއްގައި ގާނޫނު އަސާސީން ސާފުކޮށް ލިޔެ ކަށަވަރުކޮށްދީފައި އޮތް ހައްގެއް ހަނިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އުޝާމް ވިދާޅުވިއެވެ.

އުޝާމްގެ ނަޒަރުގައި މިހާރު އޮތް ހާލަތަށް ބަލާއިރު މަސްދަރު ހާމަކުރުވާ މާއްދާ އިސްލާހު ކުރުމުގެ ބޭނުމެއް ނެތެވެ. އެންމެ ރަނގަޅު ގޮތަކީ މާއްދާ އެ ބިލުން އުނިކުރުމެވެ.

އަނެއްކޮޅުން މި މާއްދާއާއެކު ދައުލަތުގެ ތެރޭގައި ނުރަނގަޅު ކަންކަން ހިންގުމަށް އިތުރު ބާރަކަށް ވާނެ އެވެ. މިހާރުވެސް ކޮންމެ ކަމެއްހެން ހުއްޓުވަނީ މީޑިއާތަކުގައި އެ މައުލޫމާތެއް އާންމުކޮށްގެންނެވެ. އެކި ނަން ނަމުގައި މިނިވަން މުއައްސަސާތަކާއި ތަހުގީގީ އިދާރާތައް އުފައްދާފައިވީނަމަވެސް އެފަދަ މުއައްސަސާއަކުން އިސްވެ ހުއްޓުވި ގޯހެއް ނެތެވެ.

މަސްދަރު ހާމަކުރުވަން މަޖުބޫރުނަމަ ނޫސްވެރިންނާ ހަމައަށް ކަންކަން ތިލަކުރާ "އިހުލާސްތެރިން" ގެއްލޭނެ އެވެ. ބިރުގަނެ ފަހަތަށް ޖެހޭނެ އެވެ. އެކަމުން އެ ހުޅުވެނީ ނުރަނގަޅަށް އިތުރު ފުރުސަތަކެވެ. އެފަދަ ކަންކަން ކުރާ މީހުންނަށް އިތުރު ބާރެކެވެ.

މިއީ ރާއްޖޭގައި މަސްދަރު ހާމަކުރުން މަޖުބޫރު ކުރުވޭ ހާލަތެއް ގާނޫނެއްގައި ބަޔާން ކުރަން މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ. މިއީ ނޭންގުމުގެ ތެރޭގައި ސަރުކާރުން ކުރި ކަމެއް ކަމަށް ބެލުމުގެ ފުރުސަތެއް ނެތެވެ. ފަހަރުގައި މިއީ ސަރުކާރުން ކޮށްލި ޓެސްޓެއް ކަަމަށްވެސް ވެދާނެ އެވެ. ނޫންނަމަ މެންބަރުންގެ ސަމާލު ކަމަށް މާބޮޑަށް މި މާއްދާ ނައިސް ހެއްކާ ބެހޭ ގާނޫނު ފާސްކުރެވިދާނެ ކަމަށް ދެކުނީ ކަމަށްވެސް ވެދާނެ އެވެ. ވަރަށް ބޮޑަށް ބުރަވެެނީ މިއީ ވަކި ކަހަލަ ހަބަރުތަކެއް ނުވަތަ މައުލޫމާތުތަކެއް ހުއްޓުވުމުގެ ބޭނުމުގައި ސަރުކާރުން ގަސްތުގައި އެނގި ހުރެ ކުރަން މަސައްކަތް ކުރި ކަމެއް ކަަމަށެވެ. ނަމަވެސް މި މަސައްކަތާއެކު މިނިވަންކަމާއި ހިޔާލުފާޅުކުރުން އަދި ނޫސްވެރިކަަމަށް ސަރުކާރުން ކުރި ގަދަރު ކޮންމެވެސް ވަރަކަށް ގެއްލި ދިޔައީއެވެ. އެ މާއްދާ އުނިކުރިޔަސް އަދި ބަދަލުކޮށް ތަފްސީލު ކުރިޔަސް މަސްދަރު ހާމަކުރުން މަޖުބޫރު ކުރުވޭ ހާލަތްތަކެއް ހިމަނަން މިއީ މުނާސަބު ވަގުތެއް ނޫނެވެ. އެކަން ކުރަން ޖެހޭނީ ދުނިޔޭގެ އެހެން ގައުމުތަކުގައިހެން އެހެން ނިޒާމުތައް ފުރިހަމަ ކުރުމަށް ފަހު އެވެ. ފުރަތަމަ އެކަން ކުރައްވާށެވެ.