ޖޭއެސްސީ

ޖޭއެސްސީ ބަދަލެއް ނުކުރާނެ!

މި ފަހުގެ ތާރީހެއްގައި ކޯޓްތަކުން އެންމެ ބޮޑެތި ހުކުމްތަކެއް އިއްވި ފަސް އަހަރަށް ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ފަސް އަހަރު ވާނެއެވެ. ސިޔާސީ ބޭފުޅުންގެ މައްޗަށް ފުލުފުލުގައި ދިގު މުއްދަތުގެ ހުކުމްތައް އިއްވަމުން ގެންދެވިއެވެ. ޝަރުއީ ނިޒާމާމެދު ގާނޫނީ ދާއިރާގެ ބޭފުޅުންނާއި އާންމުން އަދި އޭރުގެ އިދިކޮޅު ސިޔާސީ ބޭފުޅުން އިންތިހާއަށް ކަންބޮޑުވިއެވެ. އެކަން އެހެން ދިމާވީ ސަރުކާރުގެ ނުފޫޒު އިންތިހާއަށް ކޯޓްތަކަށް އޮތުމުން ކަމަށް އެންމެންވެސް ގަބޫލުކުރެއެވެ. އެ ނުފޫޒަށް ހުޅުވިފައި އޮތް ދޮރަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެތުރިފައި އޮތް ގޮތެވެ. ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބެވުމެވެ. އެ ބޭފުުޅުން މެދުވެރިކޮށް ކޯޓްތަކާއި ފަނޑިޔާރުންނަށް ސަރުކާރުން ބޭނުންވާ ގޮތަކަށް ގެންދިޔައީ ނުފޫޒު ފޯރުވަމުންނެވެ.

އެކަން އެހެން އޮތުމުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ އޭރުގެ އިދިކޮޅަށެވެ. އެހެން ކަމުން އިދިކޮޅުގެ އެންމެ ގަދަ އަޑަކަށް ކެންޕެއިންގައި ވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމުގެ އަޑެވެ. އެ ވައުދެވެ. ރައީސް ސޯލިހުން ފެށިގެން އޭރުގެ އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބޭ ހަމަ ކޮންމެ މީހަކު ހެން ދެއްކެވީ އެ ވާހަކައެވެ. ޖޭއެސްސީގައި ސިޔާސީ މީހުން ތިބެން ނުޖެހޭނެ ކަމަށެވެ. ކިތަންމެ ކުޑަ ބާރެއް ލިބިވަޑައިގެންނެވި ނަމަވެސް އެންމެ ފުރަތަމަ ކުރައްވާނީ އެކަން ކަމަށް ވިދާޅުވެ ތަކުރާރުކޮށް ވައުދުވެވަޑައިގެންނެވިއެވެ.

އެ ވަރުންވީއެއް ނޫނެވެ. ރަައީސް ސޯލިހުގެ ރިޔާސީ މެނިފެސްޓޯގައިވެސް އެ ވާހަކަ ލިޔުނީއެވެ. 2020 ގެ ކުރިން ޖޭއެސްސީ އެކުލެވިގެން ވާ ގޮތް ބަދަލުކޮށް ޖުޑިޝަރީ އިސްލާހުކޮށް ނިންމަވާނެ ކަމަށް ލިޔެފައިވެއެވެ. އަދި އެމްޑީޕީން މަޖިލީސް އިންތިހާބުގައި ރައްޔިތުންނަށް ވިއްކި މެނިފެސްޓޯގައިވެސް އެ ވާހަކަ ތަކުރާރުކުރައްވާފައިވެއެވެ.

ވެރިކަންވެސް ލިބިއްޖެއެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައްޔިތުން ދީފިއެވެ. ނަމަވެސް ރައްޔިތުންނަށް ވީ ވައުދު ލީ ޑަސްބިނަށެވެ. އެއީ ނުދައްކާ ވާހަކައަށް ހެއްދެވީއެވެ. ކޯޓްގައި ތިއްބެވި ހިތާ ނުވާ ހުރިހާ ފަނޑިޔާރުން ވަކިކޮށް ބޭނުންވާ ފަނޑިޔާރުން އައްޔަންކޮށް ޖޭއެސްސީގެ ގޮނޑިކޮޅުތަކުގައި އެ ސިޔާސީ ވެރިން އިށީންނަވާ ޖުޑިޝަރީ އިސްލާހުކޮށް ނިމުނީ ކަމަށް ވިދާޅުވެ ތައްގަނޑުވެސް ޖެއްސެވީއެވެ.

ސަރުކާރުން އަދި އެމްޑީޕީން ވީ ވައުދު ނުފުއްދާ ފަސްކުރަމުންދާތީ އެންމެ ފަހުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ހުށައެޅީ އިދިކޮޅުންނެވެ. ކުރިން ޖުޑިޝަރީ ހިސާރުކޮށްގެން އުޅުނު ކޮޅުންނެވެ. ނަމަވެސް އިދިކޮޅުގެ އެ ބިލަށް ބަހުސްކޮށްލަންވެސް އެމްޑީޕީގެ މެންބަރަކަށް ކެރިވަޑައިނުގަނެވެ. އަދި މަޖިލީހުގައި އަމަލު ކުރާ އާންމު އުސޫލުން އަމަލުކޮށްލާނެ ހިތްވަރުވެސް މަޖިލީހުގެ ރިޔާސަތަށް ލިބިވަޑައިނުގެންނެވިއެވެ.

ޖޭއެސްސީ އިސްލާހު ކުރަން ގަންނާ ކުރައްވާ ބިރުން އަވަހަށް ވޯޓް ނަގައިގެން މަޖިލީހުން ބިލް ބޭރުކޮށްލީއެވެ. ކުރިން އޮންނަ އުސޫލުގެ ތެރެއިން ބިލެއް ހުށައެޅުމުން ބަހުސް ކުރަން ބޭނުންވާ މެންބަރުންނަށް ފުުރުސަތުދީ ފަހު ބަސް އިއްވަން ބިލް ހުށައެޅި ފަރާތަށް ފުުރުސަތު ދެއެވެ. މިފަހަރު އެކަންވެސް ނުކުރެއްވިއެވެ. އަދި އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުގައި ކޮމެޓީއަށް އެ ބިލް ގެންގޮސް ބޭނުންވާ ބަދަލުތައް ގެންނަންވެސް ބޭނުން ނުވީއެވެ.

މިއީ ރައްޔިތުންނަށްވީ ވައުދާ މުޅީން ހިލާފުވުމެކެވެ. ސަރުކާރުގައި މިހާރު ތިއްބެވި ވެރިންނާއި ސަރުކާރު ހިންގާ ޕާޓީތަކުގެ މެންބަރުން ދެއްކެވި ވާހަކަތައް ރައްޔިތުން ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ޖޭއެސްސީ ބައްޓަން ކޮށްފައި އޮތީ ބާރުގަދަ ސިޔާސީ ފަރާތްތަކުގެ ނުފޫޒު ވަންނަ ގޮތަށް ކަމަށް އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިން ވިދާޅުވި ހަނދާން ރައްޔިތުން އެބަހުއްޓެވެ. ޖޭއެސްސީ ބަދަލު ކުރުމުގެ ވައުދު ރަނުން ރަނަަށް ފުއްދަވާނެ ކަަމަށް ރައީސް ނަޝީދާއި ރައީސް ސޯލިހު ތަކުރާރުކޮށް ވެވަޑައިގެންނެވި ވައުދު ތާޒާކޮށް ހަނދާނުގައި އެބަހުއްޓެވެ. ނަމަވެސް ބާރު ލިބި ސިޔާސީ ނުފޫޒު ފޯރުވަން ފުރުސަތު ލިބުނީމަ އެ ގޮތް ރަނގަޅުވީ ކަން ރައްޔިތުންނަށް އެނގެއެވެ.

މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން އަކީ ޖޭއެސްސީ އޮތް ގޮތް ބަދަލުވާން ޖެހޭ ކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅުންގެ ތެރެއިން އެކެވެ. ސަރުކާރު ނިސްބަތްވާ ޕާޓީތަކުގެ މެންބަރުންގެ ތެރެއިން އެ ހަނދާން ހުރި ހަމަައެކަނި މެންބަރަކީވެސް އެއީއެވެ. އެމްޑީޕީން އިއްޔެ އަމަލު ކުރި ގޮތަށް ފާޅުގައި އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅަކީވެސް އަލީ ހުސައިންނެވެ.

އަލީގެ ނަޒަރުގައި އެމްޑީޕީން ރައްޔިތުންނަށްވީ ވައުދު ފުއްދުމުގައި އިހުމާލުވެއްޖެ އެވެ. އަދި އެމްޑީޕީން ވެރިކަމަށް އަންނަން ދެއްކި ވާހަކަތަކުގެ އިހުލާސްތެރިކަމާމެދުވެސް ސުވާލު އުފެދިއްޖެ އެވެ. އަދި މިހާރު ޖޭއެސްސީގައި ތިއްބެވީ ސިޔާސީ ބައެއް ނޫން ކަމަށް ވިދާޅުވެ ކުރިން ދެއްކެވި ވާހަކަތައް އޮޅުވާލަން ވާހަކަ ދެއްކުން އަލީ ހުސައިން ކުށްވެރި ކުރެއްވިއެވެ.

"އޭރު ވިދާޅުވީ މުޅި ނިޒާމު ގޯހޭ. ކަނޑައެޅިގެން ގޯސް ނިޒާމެއް ބޭނުންކޮށްގެން ދެން ރަނގަޅު ކަމެއް ކުރެވޭނެ ކަމަށް ދެކުމަކީ ގޯހެއް،" އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވި ގޮތުގައި ޖޭއެސްސީގައި ތިބީ ސިޔާސީ ބޭފުޅުންކަން އެއީ ސާފުކޮށް ފެންނަން އޮތް ހަގީގަތެކެވެ. އެ ކޮމިޝަންގައި އެންމެ ބޮޑު ޕާޓީގެ ރައީސް އެބަ އިންނެވެ. އެމަނިކުފާނުގެ ގާނޫނީ ވަކީލް އެބަ އިންނެވިއެވެ. އެ ޕާޓީގެ ސްލޮޓެއްގައި ބަންޑާރަ ނާއިބްގެ މަގާމުގައި ހުންނެވި ބޭފުޅާ ހިމެނިވަޑައިގަންނަވައެވެ. އަލީ ވިދާޅުވި ގޮތުގައި ކޮންމެ ވާހަކައެއް ދެއްކި ނަަމަވެސް އެ ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ.

"އަޅުގަނޑުގެ ވާހަކައަކީ ކުރިން އެއީ ގޯސްކޮށް އޮތް ކަމެއް ކަމަށް ވިދާޅުވެ މިއަދު އެކަން އެގޮތަށް ބޭއްވުމަށް ވަކާލާތުކޮށް އެކަން ޑިފެންޑް ކުރީމަ ކުރިން އެ ވާހަކަ ދެއްކެވި ނިޔަތާމެދު މިހާރު މި ވަނީ ސުވާލު އުފެދިފައި. ވަރަށް ބޮޑަށް އެބޭފުޅުންގެ [އެމްޑީޕީ] ގެ ނިޔަތާމެދު ސުވާލު އުފެދޭ،"

އަޅުގަނޑުގެ ވާހަކައަކީ ކުރިން އެއީ ގޯސްކޮށް އޮތް ކަމެއް ކަމަށް ވިދާޅުވެ މިއަދު އެކަން އެގޮތަށް ބޭއްވުމަށް ވަކާލާތުކޮށް އެކަން ޑިފެންޑް ކުރީމަ ކުރިން އެ ވާހަކަ ދެއްކެވި ނިޔަތާމެދު މިހާރު މި ވަނީ ސުވާލު އުފެދިފައި. ވަރަށް ބޮޑަށް އެބޭފުޅުންގެ [އެމްޑީޕީ] ގެ ނިޔަތާމެދު ސުވާލު އުފެދޭ
އަލީ ހުސައިން | ކެންދޫ ދާއިރާގެ މެންބަރު

ޖޭއެސްސީ އެކުލަވާލިއިރު ވެސް އެގޮތަށް އެކަން ނުކުރަން އެދިވަޑައިގެން ދިގު ސިޓީފުޅެއް ލިޔުއްވި އެއް ބޭފުޅަކީ އޭރުގެ ޖަސްޓިސް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ. ނަމަވެސް ޖަމީލުގެ އެ ދިގު ސިޓީފުޅު އެ ފޮނުވި ތަނެއްގައި އޮތް ގޮތަކަށް އޮތީއެވެ. ޖަމީލް ހުންނެވީ އަދިވެސް އެ ވަކާލާތުގަައެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ހިޔާނާތްތެރިވެއްޖެއެވެ. ރައްޔިތުންނަށް ވައުދުވީ ބާރު ހޯދަންކަން ސާބިތުވެއްޖެ އެވެ. ޖަމީލް ދެކެވަޑައިގަންނަވާ ގޮތުގަައި ރައްޔިތުން ވޯޓް ދިނީ އެމްޑީޕީއަށް ނުވަތަ ވަކި ބޭފުޅަކަށް ނޫނެވެ. ވޯޓް ދިނީ ވިއްކެވި ސިޔާސަތު ތަކަށެވެ. ނަމަވެސް އިއްޔެގެ ވޯޓުން ހާމަވީ އެމްޑީޕީން ބާރު ހޯދަން ކޮންމެ ފަދަ ވާހަކައެއް ދައްކަވާނެ ކަމެވެ. ބާރު ލިބުމުން އެ ބާރު ގެއްލޭނެ ކަމެއް ނުކުރައްވާނެ ކަމެވެ.

"ދަންނަވަންތޯ.. މުޅި އެމްޑީޕީގެ މި ވެރިކަން އަޅުގަނޑަށް ސިފަ ކުރެވެނީ ރައްޔިތުންގެ މޫނުގައި ޖެހި ތަފާލެއްގެ ގޮތުގައި. އަބަދުވެސް އެމްޑީޕީން މަސައްކަތް ކުރީ ޖުޑިޝަރީގެ ތެރެއަށް އަތް ބާނަން. އެކަން ނަޝީދުގެ ވެރިކަން ވެއްޓެން ދިޔައިރު ރާވާފައި އޮތް ކަންކަމުން ހާމަވޭ،" ކުރިން އިސްގާޒީ ކަމާއި ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ޖަމީލް ވިދާޅުވިއެވެ.

ދަންނަވަންތޯ.. މުޅި އެމްޑީޕީގެ މި ވެރިކަން އަޅުގަނޑަށް ސިފަ ކުރެވެނީ ރައްޔިތުންގެ މޫނުގައި ޖެހި ތަފާލެއްގެ ގޮތުގައި. އަބަދުވެސް އެމްޑީޕީން މަސައްކަތް ކުރީ ޖުޑިޝަރީގެ ތެރެއަށް އަތް ބާނަން. އެކަން ނަޝީދުގެ ވެރިކަން ވެއްޓެން ދިޔައިރު ރާވާފައި އޮތް ކަންކަމުން ހާމަވޭ
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބް ރައީސް

އިއްޔެ ވޯޓްގައި ޖޭއެސްސީ ބަދަލުކުރަން ޖެހޭ ކަމަށް ވަކާލާތު ކުރައްވާ އެ ގޮތަށް ވޯޓް ދެއްވި އެއް ބޭފުޅަކީ ކުރީގެ ޑެޕިއުޓީ އޭޖީ އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ. އުޝާމް ވަނީ މަޖިލީހުގައި އިއްޔެ ކަންކަން ހިނގާ ދިޔަ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ޖޭއެސްސީގެ މެންބަރު އަދި ރައީސް ނަޝީދު އަމަލު ކުރެއްވި ގޮތް ވަރަށް ބޮޑަށް ކުށްވެރި ކުރެއްވިއެވެ.

އުޝާމްގެ ނަޒަރުގައި ގާނޫނު އަސާސީއަށް މިހާ މުހިންމު އިސްލާހެއް ހުށައެޅުނު ހިނދު އެ އިސްލާހުގެ ބަހުސްއަށް އެކަށީގެންވާ ވަގުތެއް ނުދެއްވިއެވެ. އަދި އެމްޑީޕީގެ މެންބަރުން އެ ބަހުސްގައި ބައިވެރިނުވުން އެއީ އެއަށްވުރެ ބޮޑު މައްސަލައެވެ. މީގެ އިތުރުން ބިލްގެ ބަހުސަށްފަހު އަވަސް އަރުވާލާ ފަހު ބަސް ބުނަންވެސް ފުރުސަތު ނުދީ ވޯޓަށް އަހާ އަަވަހަށް ބިލް ބޭރުކޮށްލީއެވެ.

"މިދިޔަ ދިހަވަރަކަށް އަހަރު އެންމެ ބޮޑު އެއް ބަހުސަކީ ޖޭއެސްސީ އެތުރިފައި އޮތް ގޮތް ގޯސް ކަމަށް ބުނެ ކުރެވުނު ބަހުސް. އަދި ރައީސް ސޯލިހުގެ މެނިފެސްޓޯގައި ޖޭއެސްސީ ބަދަލުކުރުމުގެ ވައުދު އެބައޮތް. އެމްޑީޕީން މަޖިލީސް އިންތިހާބަށް ނިކުތީ އެ ވައުދާއެކު. ރައީސްގެ މެނިފެސްޓޯގައި މިހާރުވެސް އެ އޮތީ ލިޔެވިފައި 2020 ގެ ކުރިން އެ އިސްލާހު ގެނެސް ނިންމަން. ނަމަވެސް ކިހިނެތްތޯ ކަންތައް މި ކުރެއްވީ،" އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ އިއްޔެ މަޖިލީހުގައި ކަންކަން ވެގެން ދިޔަ ގޮތުން ރައްޔިތުން ވަރަށް ބޮޑަށް މާޔޫސް ވެއްޖެ އެވެ.

"އެއްވެސް އިހުލާސްތެރިކަމެއް ނެތީމަ މި ގޮތަށް ކަންތައްތައް ކުރާނީ. ހަގީގަތުގައި ފުރުސަތު ލިބިމެ މިކަން އެމްޑީޕީން ކުރަން ބޭނުން ނުވީ. އެއީ އެ ބޭފުޅުންނަށް ޖުޑިޝަރީގެ ކޮންޓްރޯލް އޮތީމަ ކަމަށް އަޅުގަނޑު ދެކެނީ،"

އެއްވެސް އިހުލާސްތެރިކަމެއް ނެތީމަ މި ގޮތަށް ކަންތައްތައް ކުރާނީ. ހަގީގަތުގައި ފުރުސަތު ލިބިމެ މިކަން އެމްޑީޕީން ކުރަން ބޭނުން ނުވީ. އެއީ އެ ބޭފުޅުންނަށް ޖުޑިޝަރީގެ ކޮންޓްރޯލް އޮތީމަ ކަމަށް އަޅުގަނޑު ދެކެނީ
އަހުމަދު އުޝާމް | ވިލިމާލެ ދާއިރާގެ މެންބަރު

އަލީ ހުސައިން ވިދާޅުވި ގޮތުގައި ޖޭއެސްސީ އިސްލާހު ކުރުމަށް ސަރުކާރުން ވީ ވައުދު ފުއްދުމުގައި މިހާރުވެސް މާ ފަސްވެއްޖެ އެވެ. މިހާ ފަހުން އެ މަސައްކަތް ކުރަން ފުރުސަތު ލިބި އެކަން ނުކުރުމަކީ ޖޭއެސްސީ ބަދަލު ކުރަން މިހާރު އެމްޑީޕީން ބޭނުންނުވާ ކަމުގެ ހެއްކެކެވެ. އެކަމުގެ މިސާލުވެސް އޭނާ ދެއްކެވިއެވެ.

އެމްޑީޕީން ކޮންމެހެން ފާސްކުރަން ބޭނުންވާ ކަންކަމަށް މިހާތަނަށް ދިޔައީ ތްރީލައިން ވިޕް އަޅަމުންނެވެ. ނަމަވެސް އެމްޑީޕީން ވީ ވައުދަކާ ގުޅޭ މި މުހިންމު އިސްލާހު އައުމުން އެމްޑީޕީން އެޅީ ފްރީ ވިޕެކެވެ. އަދި ހުރިހާ މެންބަރުން އެކީ އެކަށްޗަކަށް އެއްގޮތަށް ވޯޓްދީ ބިލް މަޖިލީހުން ބޭރުކޮށްލީއެވެ.

"އެހެންވީމަ ވަރަށް ސާފުކޮށް ބުނަން ކެރިދާނެ ޖޭއެސްސީ އިސްލާހު ކުރަން އެމްޑީޕީން ބޭނުންނުވާ ކަން. އެކަން ކުރަން ބޭނުންނަމަ ކުރީސް. ހަގީގަތަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުން މިހާރުވެސް ފަސްވެއްޖެ. މާބޮޑަށް ފަސްވެއްޖެ،"

ޖޭއެސްސީ ބަދަލުކުރާނެ ކަމުގެ ވައުދާއެކު އައިސް އެ މަސައްކަތް ފެށުން ލަސްވާތީ އަމާޒުކުރި ފާޑުކިޔުންތަކާއި ގުޅިގެން ރައީސް ސޯލިހު އެންމެ ފަހުން ދެއްވީ ވަރަށް ހެއްވާ ޖަވާބެކެވެ. ވިދާޅުވިއެވެ؛ "[އެއީ] މަތި މައްޗަށް ހުވާ ކޮށްގެން ތިއްބަވާ ބޭފުޅުން، އެންމެ މިނިވަންވާން ޖެހޭނީ އެ ބޭފުޅުން ނޫންތޯ؟،"

އަލީ ހުސައިން ވިދާޅުވި ގޮތުގައި މިއީ ހަމަޖެހޭ ވާހަކައެއް ނޫނެވެ. ޖޭއެސްސީއަށް އޮތީ ވަރަށް ބޮޑު މެންޑޭޓެކެވެ. ފަނޑިޔާރުންނާއި ގުޅޭ ގޮތުން އެ ކޮމިޝަނަށް އޮތް ޒިންމާ ބޮޑެވެ. އެއިން ކޮންމެ ނިންމުމަކީ އެއްވެސް ސިޔާސީ ނުފޫޒެއް ނެތި ނިންމަންޖެހޭ ނިންމުމެކެވެ. ނަމަވެސް މިއަދުގެ ހަގީގަތަކީ އަދިވެސް ޖޭއެސްސީއަކީ ރާއްޖޭގައި އޮތް އެންމެ ސިޔާސީ މުއައްސަސާއެވެ. އެހެންވީމަ އެ ކޮމިޝަންގައި ޕާޓީގެ ލީޑަރާއި އެ ލީޑަރުގެ ވަކީލުން ތިއްބަވައިގެން ކުރިން ވައުދުވީ ޖޭއެސްސީއެއް ނުހޯދޭނެއެވެ. ރައްޔިތުންގެ އިތުބާރެއް ޖޭއެސްސީއަށް ނުހޯދޭނެއެވެ. ޝަރުއީ ނިޒާމު އިސްލާހު ކޮށެއްވެސް ނުނިމޭނެއެވެ.

ވަރަށް ސާފުކޮށް ބުނަން ކެރިދާނެ ޖޭއެސްސީ އިސްލާހު ކުރަން އެމްޑީޕީން ބޭނުންނުވާ ކަން. އެކަން ކުރަން ބޭނުންނަމަ ކުރީސް. ހަގީގަތަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުން މިހާރުވެސް ފަސްވެއްޖެ. މާބޮޑަށް ފަސްވެއްޖެ
އަލީ ހުސައިން | ކެންދޫ ދާއިިރާގެ މެންބަރު

ޖޭއެސްސީ މިިނިވަން ވާން ޖެހޭ ސަބަބުތައް ގިނައެވެ. ސިޔާސީ ބޭފުުޅުންނަށް ޖޭއެސްސީގެ ދޮރު ބަންދު ކުރަންޖެހޭ އެތަށް ސަބަބެއްވެއެވެ. އެއީ ގައުމުގެ ވަރަށް ގިނަ ކަންކަން އިސްލާހު ކުރުމަށް ކުރާން ޖެހޭ ކަމެކެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ޒަމާނުއްސުރެ ޝަރުއީ ނިޒާމު ބޭނުން ކުރަނީ ބާރުވެރި ފަރާތުން ބަދަލު ހިފަން ބޭނުންކުރާ ޓޫލްއެއްގެ ގޮތުގައެވެ. އެ މަސައްކަތް ކުރާ މައިގަނޑު ބޮޑީއަކީ ޖޭއެސްސީއެވެ. ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވައިގެން ފަނޑިޔާރުންނަށް މަގާމުގެ ބިރު ދައްކައެވެ. ސަރުކާރުން އެދޭ ހުކުމްތައް ނެރުމަށް މަޖުބޫރު ކުރެއެވެ.

"ހަގީގަތަކީ ޝަރުއީ ނިޒާމު މިހާރު މި ބޭނުން ކުރަނީ ސިޔާސީ ގޮތުން ބާރުވެރި ފަރާތްތަކުން ބަދަލު ހިފާ ނިޒާމެއްގެ ގޮތުގައި. އެފަދަ ޓޫލެއްގެ ގޮތުގައި. އެކަން ނިމުމަކަށް ގެންނަން ބޭނުންވަނީ ޖޭއެސްސީ ބަދަލުކުރުން،"

ޖަމީލް ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންވެސްޓް ކުރާނެ އިންވެސްޓަރުން އިތުރު ކުރުމަށްވެސް ޖޭއެސްސީގައި އޮތް ސިޔާސީ ވެރިންގެ ނުފޫޒު ކަނޑުވާލަން ޖެހެއެވެ. އެ މަސައްކަތް އިދިކޮޅުގެ ވެރިކަމެއްގައި ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ 2023 ގައި އުފެދޭ ޕީޕީއެމްގެ ވެރިކަމެއްގައި އެންމެ ފުރަތަަމަ ކަމަކަށް ތަންފީޒު ވެގެންދާނީ އެކަން. ޖޭއެސްސީ ބަދަލުކުރާނެ. އެކަމުގެ ޔަގީންކަން އަރުވަން،"

ޖޭއެސްސީ ބަދަލުކުރުން ދައުރުގެ އެންމެ ފަހަށް؟

މެންބަރު އުޝާމް ވިދާޅުވި ގޮތުގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތް އެމްޑީޕީން ބަދަލު ކުރާނެ އެވެ. ނަމަވެސް އެކަން ކުރައްވާނީ ދައުރުގައި އެންމެ ފަހުން ކުރައްވާ ކަމަކަށެވެ. އެމްޑީޕީން ހިތާވާހާ ގޮތަކަށް ޝަރުއީ ނިޒާމުގެ ކަންކަން ނިންމުމަށްފަހު ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި އެކަން ކޮށްފާނެ އެވެ. އުޝާމް ވިދާޅުވީ އޭނާ ގަބޫލު ކުރައްވަނީ އެމްޑީޕީން އަމަލު ކުރާނީ އެގޮތަށް ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ މި ބޭފުޅުން [އެމްޑީޕީ] ޖޭއެސްސީ އެކުލެވިގެން ވާ ގޮތް ދައުުރުގެ އެންމެ ފަހު ކަމެއްގެ ގޮތުގައި ކުރައްވާނެ ކަމަށް. އޭރުން ވާނީ އެ ބޭފުޅުން ބޭނުންވާ ގޮތަށް ޝަރުއީ ނިޒާމުގެ ކަންކަން ނިންމާފައި. ނަމަވެސް އެއީ އިންސާފުވެރި ގޮތެއް ނޫން. އަދި އެއީ ރައްޔިތުންނަށް ވައުދީ ގޮތެއްވެސް ނޫން،"

އަލީ ހުސައިންވެސް ވަނީ އެ ކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ބޭނުން ހުރިހާ ކަމެއް ކުރުމަށްފަހު ދެން ގެންނަ ބަދަލަކީ ހެޔޮ ނިޔަތެއްގައި ގެންނަ ބަދަލަކަށް ނުވާނެއެވެ. އޭރުން އެކަން ކުރާ ބައެއްގެ ނިޔަތާމެދު ވަރަށް ބޮޑަށް ސުވާލުއުފެދޭނެއެވެ.

"އެތަށް ދުވަހެއް ވަންދެން ވަކާލާތު މި ކުރީ މިއީ ގޯސް ސިސްޓަމެއް ކަމަށް. އެހެންވީމަ އެ ގޯސް ސިސްޓަމުން ނާޖައިޒު ފައިސާ ނަގައިގެން ދެން ފަހުން ކުރާނެ ރަނގަޅަކީ ކޮބައިތޯ؟ އަދި އެކަން ފަހުން ކުރި ނަަމަވެސް އެއީ ރަނގަޅު ނިޔަތުގައި ކުރި ކަމަކަށްވާނެތޯ. ހަމަ ޔަގީނުންވެސް ރައްޔިތުން އެކަން ގަބޫލެއް ނުކުރާނެ. ނިޔަތާމެދު ސުވާލު އުފައްދާނެ،"

މިހާރު ގާނޫނު އަސާސީގައި ބުނާ ގޮތުން، ޖޭއެސްސީގައި މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސް ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވަން ޖެހެ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުގެ ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލަކު އިންނަވަން ޖެހެ އެވެ.

ރައީސްގެ އިސްލާހީ އެޖެންޑާއަށް ތާއީދު ކުރުމުގެ ކުރިން މީގެ ކުރިން ޖުޑިޝަރީން ވަނީ އިސްލާހީ މަހާސިންތާއެއްވެސް ބާއްވާފައެވެ. އެ ބައްދަލްވުމުގައި ޝަރުއީ ދާއިރާގެ ހުރިހާ ދިމާއަކުން ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ހުރިހާ ބޭފުޅުންވެސް ވަނީ ޖޭއެސްސީ މިހާރު އޮތީ ޝަރުއީ ނިޒާމަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވޭ ގޮތަށް ކަމަށް ވިދާޅުވެފައެވެ. އެ ގޮތް ބަދަލުކުރާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓް، އައިސީޖީއިން ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން 2011 ވަނަ އަހަރާއި 2013 ވަނަ އަހަރު އެކުލަވާލި ރިޕޯޓްގައި ވެސް ޖޭއެސްސީ "މާ ސިޔާސީ" ކަމަށް ބުނެފައިވެއެވެ. ޖޭއެސްސީގައި ޝަރުއީ ދާއިރާއާ ގުޅުމެއް ނެތް ބޭފުޅުން ތިބުމަކީ ސީރިއަސް ގޮތެއްގައި ވިސްނަން ޖެހޭ ކަމެއް ކަމަށް އެ ރިޕޯޓް އެކުލަވާލެއްވި އައިސީޖީގެ އޭޝިއާ ޕެސިފިކް ޑައިރެކްޓާ ރޮޖާ ނޯމަން ވިދާޅުވެފައިވެއެވެ. ސިވިލް ސާވިސްގެ ރައީސް އާއި މަޖިލީހުގެ ރައީސްއަކީ އެގޮތަށް ގުޅުމެއް ނެތް ބޭފުޅުންނެވެ.

ނަމަވެސް މިއަދު އެ ހުރިހާ ވާހަކައެއް ބަދަލުވީއެވެ. އެ ވާހަކަ ދައްކަންވެސް ބޭނުމެއް ނުވެއެވެ. އެހެންވީމަ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ އިދިކޮޅުގައި އޮންނައިރު ދައްކާ ވާހަކައަށް މިހާރު މިވަނީ ބަދަލުވެފައެވެ. މިދިޔަ ފަސް އަހަރު އޭރުގެ އިދިކޮޅުންވެސް ހަރުކޮށް ދެއްކީ އެ ވާހަކައެވެ. މިހާރުގެ އިދިކޮޅުންވެސް ހަރުކޮށް އެ ދައްކަނީ އެ ވާހަކައެވެ. ޖަލުން އިދިކޮޅު ލީޑަރު ފޮނުވާލާ މެސެޖްތަކުގައިވެސް އެ އޮންނަނީ އެ ވާހަކައެވެ. ހަގީގަތަކީ މި ވެރިން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުުކުރަން ބޭނުން ނުވެއެވެ. އެއީ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކައެކެވެ. ބާރު ގެއްލުނީމަ ދައްކާ ވާހަކައެކެވެ.