ރައްޔިތުންގެ މަޖިލީހުން މީގެކުރިން އުއްތަމަ ފަނޑިޔާރެއް ނެރެ އެއްލާލި އެވެ. ޖިނާއީ ކަންތަައްގަނޑެއްގެ ތެރެއިން އުއްތަމަ ފަނޑިޔާރެއް ވަކިވެގެން ވެސް ހިނގައްޖެ އެވެ. އަނެއްކާވެސް މިއޮތީ އުއްތަމަ ފަނޑިޔާރާ ދިމާއަށް ބޮޑު ރޯޅިއެއް ނަގާފަ އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހަމަ ރަނގަޅަށް ވެސް ޖެހި، ގަދަހިފުމަކަށް ހިނގައްޖެ އެވެ.
އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް، އޭގެ ފަހުން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ވަޑައިގެންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީއާ ދިމާލަށް މި ރޯޅި އެންމެ ފުރަތަމަ ނެގީ ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް އެންގި އެންގުމާ ހަމައިންނެވެ. އެ އެންގުމާ އެއްގޮތަށް ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފުވާ ގޮތަށް ކޮށްފައިވާ ގިނަ ކަންތައްތަކެއް ދިރާސާކޮށް ރިޕޯޓެއް ހަދާފަ އެވެ. އެ ރިޕޯޓްގައި ޖުމްލަ 17 ކަމެއް ހިމެނެ އެވެ.
އެ ރިޕޯޓް އެހެން އޮތްވާ، ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ލަފާ ހޯދުމަށް ސަރުކާރުން ގެނައި ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ ވެސް އޭނާގެ ރިޕޯޓް ލިޔެފަ އެވެ. އޭގައި މުހިންމު ވާހަކައެއް އޮތެވެ. ސްޕްރީމް ކޯޓުގައި ތިބި ފަނޑިޔާރުން ބައިތިއްބައިގެން ޝަރުއީ ދާއިރާ އިސްލާހު ނުވާނެ ކަމެވެ. ގާނޫނުތައް ކިތަންމެ ފުރިހަމަ ވިޔަސް ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް ކަމަށެވެ. އޭނާ ލިޔުއްވާފައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އެ މައްސަލަތައް ބަލައި ތަހުގީގު ކުރަން ޖެހެ އެވެ. އޭނާގެ އެ ލަފާގެ މަތިން ޖޭއެސްސީއިން އެކަން ކުރަން އަތުކުރި އޮޅާލި އެވެ.
ސުޕްރީމް ކޯޓު ވެސް ތަމްސީލް ކުރާ ޖޭއެސްސީއިން ވަނީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ހަތަރު ފަނޑިޔާރުންނަށް ނޯޓިސް ފޮނުވާފަ އެވެ. އޭގެ ތެރޭގައި ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ ފަނޑިޔާރުންގެ ޖުމްލަ 15 މައްސަލައެއް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ.
ޖޭއެސްސީއަށް ހާޒިރުވާން އެންގި އެންގުމާ ދެކޮޅަށް އުއްތަމަ ފަނޑިޔާރު ނުކުންނެވީ އިއްޔެ އެވެ. ޖޭއެސްސީގެ ނޯޓިސްއަކީ ބާތިލް ނޯޓިސްއެއް ކަމަށް ކަނޑައަޅުއްވައި، ޖޭއެސްސީއަށް ސިޓީފުޅެއް ފޮނުއްވުމަށްފަހު ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި އަމިއްލަ ބަޔާނެއް އުއްތަމަ ފަނޑިޔާރު، ތުހުމަތުތައް ދިފާއު ކުރައްވައި ނެރުއްވި އެވެ. އެ ބަޔާނާއެކު މައްސަލަ ހޫނުވެގެން ދިޔަ އެވެ. އެ ހޫނުގަނޑުގައި ޖޭއެސްސީގެ ބައްދަލުވުމެއް ބާއްވައި އުއްތަމަ ފަނޑިޔާރުގެ ބަޔާނާ ގުޅޭ ސުލޫކީ މައްސަލަ ބަލަން ނިންމީ އެވެ. ޖޭއެސްސީއިން އެ ސުލޫކީ މައްސަލަ ބަލަނީ އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ހަގީގަތް އޮޅޭ ގޮތަށް ވާހަކަތައް ލިޔުއްވައި، ހިނގަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވަން އުޅުއްވި ކަމަށް ބުނެ އެވެ.
އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ގާނޫނީ ގިނަ ކަންތައްތަކެއް ފާހަގަކޮށް ޖޭއެސްސީއަށް ބޮޑެތި ތުހުމަތުތަކެއް އަމާޒު ކުރެއްވި އެވެ. އެ ކޮމިޝަންގެ މެންބަރުން ތިއްބެވީ ހުވަޔާ ހިލާފުވެފަ ކަމަށް ވެސް ވިދާޅުވި އެވެ. ޖޭއެސްސީއިން މަސައްކަތް ކުރަނީ ސުޕްރީމް ކޯޓުގެ ބާރަށް އަރައިގަނެ އަދުލްއިންސާފުގެ ނިޒާމްގެ މިނިވަންކަން ނަގާލުމަށް ކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވައި އެކަން ހުއްޓުވުމަށް ގޮވާލެއްވި އެވެ. އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވާ މައިގަނޑު ސަބަބަކީ ޖޭއެސްސީއިން ބަލަން ނިންމާފައިވާ މައްސަލަތަކުގެ ގޮތުންނެވެ.
ބަޔާނުގައި އުއްތަމަ ފަނޑިޔާރު ލިޔުއްވާފައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ 15 މައްސަލައިގެ ތެރޭގައި ވެސް އެ ކޮމިޝަނަށް ބެލޭނެ އެއްވެސް ސުލޫކީ މައްސަލައެއް ނެތެވެ. އެ 15 މައްސަލައަކީ ވެސް ސުޕްރީމް ކޯޓުން ނިންމާފައިވާ ގަޟާއީ ނިންމުންތަކާ ގުޅޭ މައްސަލަތަކެއްކަން ބަޔާނުގައި ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އެ މައްސަލަތައް ބަލައި އިޖުރާއަތް ހިންގުން ވާނީ ގާނޫނީ އަސާސީ އާއި ގާނޫނުތަކާއި އަދި ބައިނަލްއަގްވާމީ މިންގަނޑުތަކާ ވެސް ހިލާފު ކަމަކަށް ކަމަށް އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި އެވެ. އެއީ ފަނޑިޔާރުން އިއްވާ ހުކުމްތަކާއި ނިންމާ ނިންމުންތަކާ ގުޅިގެން އެ ފަނޑިޔާރެއްގެ މައްސަލަ ބަލައި ފިޔަވަޅު އަޅައި ޖަވާބުދާރީ ނުކުރެވޭނެ ކަމުގެ ހައްގު ރާއްޖޭގައި ފަނޑިޔާރުންނަށް ކަށަވަރުކޮށްދެތީ އެވެ. އުއްތަމަ ފަނޑިޔާރު ދަށު ރޮނގު ދަންމަވާ، ތަކުރާރު ކުރެއްވި އެ ގާނޫނީ ނުކުތާއަށް ހުރިހާ ގާނޫނީ ބޭފުޅުން ވެސް އެއްބަހެވެ. ތަފާތު ރައުޔެއް ނެތެވެ. އެހެންވީރު ޖޭއެސްސީ މިއުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟ ޖޭއެސްސީ އިމުން ބޭރުވަނީ ހެއްޔެވެ؟
ޖޭއެސްސީގެ ރިޕޯޓް ދިރާސާ ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ ނައިބު މުގައްރިރު، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ ޖޭއެސްސީއިން އެކުލަވާލި ރިޕޯޓްގައި ވަނީ ސުޕްރީމް ކޯޓުން އިހުތިސޯސުން ބޭރުން އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ކަންކަން ކަމަށެވެ. އަދި ބަލަމުންދަނީ އެ ކަންކަން ކަމަށެވެ.
"ޖޭއެސްސީއިން އެ ބަލަނީ ފަނޑިޔާރުން އިއްވާފައިވާ ހުކުމްތަކުގެ މައްސަލައެއް ނޫން، އެ ނުވެސް ބެލޭނެ، އެކަމަކު ޖޭއެސްސީއިން އެ ބަލަނީ ފަނޑިޔާރުން ގޯސްކޮށް ހިންގާފައިވާ އިޖުރާއަތްތައް، އިޖުރާއަތްތައް ހިންގި ގޮތާއި އަމަލުތައް ބެހެއްޓެވި ގޮތް ގޯސްވެގެން މި އުޅެނީ،" ސިރާޖު ވިދާޅުވި އެވެ.
ސިރާޖު އޭގެ މިސާލެއް ވެސް ފާހަގަ ކުރެއްވި އެވެ. އެގޮތުން އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮވެ، ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައެއްގެ ފައިލް، ސުޕްރީމް ކޯޓަށް ނަގައި އެ މައްސަލަ ހުއްޓުވުން އެއީ ސުޕްރީމް ކޯޓަށް ނުލިބޭ ބާރެއް ބޭނުން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގައި ތަހުގީގު ކުރަނީ ފަނޑިޔާރު އިއްވާފައިވާ ހުކުމަށް ނޫން ކަމާއި އެ ފައިލް ނެގި ނެގުންކަން ސިރާޖު ފާހަގަ ކުރެއްވި އެވެ. އެއީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ފެތޭކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
އޭގެ އެހެން މައްސަލައެކެވެ. އެކެއް ފެބުރުއަރީގައި އެއްވެސް މައްސަލައެއް ހުށަހެޅިފައި ނެތީސް ފަސް ފަނޑިޔާރުންގެ ނެރުނު އަމުރެއް އޭގައި ހިމެނޭ ތިން ފަނޑިޔާރުން ބާތިލް ކުރި ކުރުމުގެ އިޖުރާއަތަކީ ވެސް ގޯސް އިޖުރާއަތެއް ކަމާއި އެކަމުގައި ވެސް ތަހުގީގު ކުރަނީ އެކަން ކަމަށާއި އެ އަމުރު ނޫން ކަމަށް ސިރާޖު ވިދާޅުވި އެވެ. އަމިއްލަ ސޫމޯޓޯ ހިންގައިގެން، ޝަރީއަތް ނުހިންގާ ހުކުމްތައް ނެރުންފަދަ ކަންކަމަކީ ސުޕްރީމް ކޯޓަށް ވެސް ނެތް ބާރުތައް ކަމަށާއި ނެތް ބާރެއް ބޭނުން ހިފާނަމަ އެ ވާނީ ޣައިރު ދުސްތޫރީ ކަމަކަށް ކަމަށް ސިރާޖު ވިދާޅުވި އެވެ. އެކަން އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ވެސް ޖޭއެސްސީއަށް އަމާޒުކޮށް އެމަނިކުފާނު ވެސް ލިޔުއްވާފައިވެ އެވެ.
"ގާނޫނު އަސާސީގެ ނައްސުތަކުން ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ ތެރެއިން މެނުވީ އެއްވެސް ބާރެއްގެ މަސައްކަތްތަކާ ގުޅޭ ކަމެއް އެހެން ބާރަކުން ކޮށްގެން ނުވާނެ ކަމާއި އެފަދައިން ކޮށްފިނަމަ އެއީ ޣައިރު ގާނޫނީ ބާތިލް އަމަލެއް،" އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވެ އެވެ.
ގާނޫނީ ވަކީލް މަހުފޫޒު ސައީދު ވިދާޅުވި ގޮތުގައި ޖެހިގެން އުޅޭ މައްސަލައަކީ ފަނޑިޔާރުންގެ ގާބިލް ކަމާމެދު އުފެދިފައިވާ ސުވާލު ކަމަށެވެ. ޖޭއެސްސީއިން އެކުލަވާލި ރިޕޯޓްގައި ފާހަގަކޮށްފައިވާ 17 ކަން ވެސް ގޮސް ނިމެނީ މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ގާބިލްކަމާމެދު ސުވާލު އުފައްދަމުން ކަމަށެވެ.
"މިސާލަކަށް ބަލާނަމަ ކުރީގެ މެންބަރު ނާޒިމްގެ މައްސަލަ، އެ މައްސަލަ އެންމެ ފުރަތަމަ މުއްދަތު ހަމަވެފައިވަނިކޮށް ހުށަހެޅީމަ ވެސް ޖަލު ހުކުމް އިއްވުމަށްފަހު ސަރުކާރު ބަދަލުވުމާއެކު ޕީޖީ ގޯސްކޮށް އެ ހުކުމް ބާތިލްކޮށްފައިވާ ގޮތާމެދު ސުވާލު އުފެދޭ، އޭގައި ސުވާލު އުފެދެނީ ފަނޑިޔާރުން އަމަލުކޮށްފައި ގޮތުން އެ ބޭފުޅުންގެ ގާބިލްކަމާމެދު،" މަހުފޫޒު ވިދާޅުވި އެވެ.
އެފަދަ ހުކުމްތަކެއް އެހެން އައިސްފައި ހުރުމުން ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒުތަކެއް ކޮންމެ ވެސް އިރެއްގައި އޮތްކަން އެނގިގެންދާ ކަމާއި އެއީ އެ ބޭފުޅުންގެ ގާބިލް ކަމާއި ނަޒާހަތްތެރިކަމާމެދު ޝައްކު އުފެދޭ ހާލަތެއް ކަމަށް މަހުފޫޒު ވިދާޅުވި އެވެ. ފަނޑިޔާރުންނަކީ ނަޒާހަތްތެރި ބަޔަކަށް ވާން ލާޒިމްވާއިރު، އެކަމާމެދު ޝައްކު އުފެދޭނަމަ އެ މައްސަލައެއް ބެލެން ޖެހޭނެ ކަމަށް މަހުފޫޒު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާގެ އިތުބާރު ހިފެހެއްޓުމަކީ ސުޕްރީމް ކޯޓަށް އޮތް ކަމަކަށްވާއިރު، އެކަމުގައި އެ ކޯޓުގެ ފަނޑިޔާރުން ފެއިލްވެ، ޝަރުއީ ދާއިރާގެ އިތުބާރު ގެއްލިގެން ދިޔުމަކީ ވެސް ބަލަން ޖެހޭ ކަމެއް ކަމަށެވެ. ޖޭއެސްސީ ރިޕޯޓްގައި ފާހަގަކޮށް ބަލަމުން ދަނީ އިތުބާރު ގެއްލެން ދިމާވި މައްސަލަތައް ކަމަށް މަހުފޫޒު ވެސް ފާހަގަ ކުރެއްވި އެވެ.
އެ މައްސަލަތައް އެހެން ބަލަމުން ދަނިކޮށް އުއްތަމަ ފަނޑިޔާރު ރައްދުގެ ބަޔާނެއް ރަސްމީ ހައިސިއްޔަތުން ނެރުއްވުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ވެސް މަހުފޫޒު ވިދާޅުވި އެވެ. ޖޭއެސްސީގެ ތަހުގީގަކީ ވެސް ގާނޫނު އަސާސީއިން ބާރު ލިބިގެން ހިންގާ ޝަރުއީ މަރުހަލާއެއް ކަމާއި އެ މަރުހަލާ ކުރިއަށް ދަނިކޮށް އެއަށް ނުފޫޒު ފޯރުވާފަދަ ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެއީ ވަކި ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ޖޭއެސްސީއިން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގައި ހިނގަމުންދާ ޝަރީއަތަކާ ގުޅޭ ގޮތުން އެހެން ފަރާތަކުން އެފަދަ ބަޔާނެއް ނެރެފިނަމަ ކަން ހިނގާނެ ގޮތް ވަރަށް ސާފު، އެހެންވީމަ އެފަދަ ޝަރުއީ މަރުހަލާތަކަށް ސުޕްރީމް ކޯޓާއި އުއްތަމަ ފަނޑިޔާރު ވެސް ޖެހޭނެ އިހްތިރާމް ކުރަން، ނެރުއްވި ބަޔާނުގެ ބަދަލުގައި އުއްތަމަ ފަނޑިޔާރު ޖެހިވަޑައިގަަންނަވާނީ ޖޭއެސްސީއަށް ޖަވާބުދާރީވާން،" މަހުފޫޒު ވިދާޅުވި އެވެ.
އެކަމަކު، އެހެން ގޮތަކަށް ވިސްނަވާ ބޭފުޅުން ވެސް އެބަ ތިއްބެވި އެވެ. ގާނޫނީ ވަކީލް އާދަމް އާސިފް، ޖޭއެސްސީގެ ތަހުގީގު ސިފަ ކުރައްވާފައިވަނީ އިސްލާހު ކުރުމުގެ ނަމުގައި ޝަރުއީ ދާއިރާ ހިސޯރުކުރުން ކަމުގަ އެވެ. ބައެއް ބޭފުޅުން އެހެން ވިދާޅުވާ ސަބަބަކީ ޖޭއެސްސީގެ ފޯމޭޝަން އޮތް ގޮތުން ސަރުކާރަށް ތާއިދު ކުރައްވާ، ނޫނީ ސަރުކާރަށް ބުރަވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއް ތިއްބެވީމަ އެވެ.
ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ރިޕޯޓް އެކުލަވާލި ކޮމެޓީގައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނަކީ ސުޕްރީމް ކޯޓުން މީގެކުރިން ވަކީލުން ސަސްޕެންޑް ކުރި ކުރުމުގައި ސަސްޕެންޑްކުރި ހަތަރު ވަކީލުންްނެވެ. އެއީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ވަކީލުންގެ ފަރާތުން އިންނަވާ އަބްދުލް މާނިއު ހުސެއިންނާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިންނެވެ.
"އެ މެންބަރުން ތިއްބަވައިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ބެލުމަކީ އެންމެ މަސްލަހަތު ހުރި ގޮތްތޯ ވެސް ސުވާލު އުފެދޭ، ރިޕޯޓްގައި އެ މައްސަލަ ވެސް އެބަ އޮތް، ވިކްޓިމްތަކެއް މިތިބީ ކޮމެޓީގައި، ބަދަލު ހިފުމެކޭ ބުނެވިދާނެ ހާލަތެއް މިޔަކީ،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.
އޭނާ އެހެން ކަމެއް ވެސް ފާހަގަ ކުރެއްވި އެވެ. އެއީ ޖޭއެސްސީގެ ފޯމޭޝަން އޮތް ގޮތުގެ ކަންބޮޑުވުމެވެ. މިހާރު ޖޭއެސްސީގައި ތިއްބެވި ބައެއް މެންބަރުންނަކީ އެ ކޮމިޝަނުން އޮތް ގޮތުން މީގެކުރިން ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމުން ފާޑުވިދާޅުވި ބޭފުޅުންނެވެ. ސިޔާސީ ނުފޫޒު ޖޭއެސްސީއަށް ވަންނަ ކަމަށް އެންމެ ބޮޑަށް ވިދާޅުވި ބޭފުޅުންނެެވެ. އެކަމަކު، ފޯމޭޝަން ބަދަލު ކުރުމުގެ ވާހަކަ މިހާރު ނުދައްކާ އެއަށްވުރެ ފަނޑިޔާރުންތަކަކަށް ފިޔަވަޅު އެޅުން އިސްކުރާތީ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ރަނގަޅު ގޮތަކީ އެންމެ ފުރިހަމަ ގޮތުގައި ނިޒާމް އިސްލާހު ކުރުން، ފޯމޭޝަން އިސްލާހުކޮށް އެއަަށްފަހު ފަނޑިޔާރުގެ ގެ ބަދަލު ކުރަން އުޅޭނަމަ އިހްލާސްތެރިކަން ބޮޑަށް ފެނުނީސް، މިހާރު މި ފެންނަ މަންޒަރުން ހީވަނީ އިސްލާހު ކުރުމަށްވުރެ ކޮންޓްރޯލް ދަށަށް ޝަރުއީ ނިޒާމް ގެންނަން އުޅޭހެން،" އެ ބޭފުޅާ ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވެސް އިއްޔެ ވިދާޅުވީ މިހާރުގެ އަމާޒު ހުރީ ޝަރުއީ ނިޒާމް ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް ފަނޑިޔާރުން ވަކި ގޮތަކަށް އަމަލު ކުރުމަށް މަޖުބޫރުކޮށް ރާއްޖޭގެ އަދުލްއިންސާފުގެ ނިޒާމް ހަލާކުކޮށްލުމަށް ކަމަށެވެ. އެކަން ހުއްޓުވައިދިނުމަށް އުއްތަމަ ފަނޑިޔާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން ވެސް އެދިވަޑައިގެންނެވި އެވެ.
އަދުލްއިންސާފުގެ އެންމެ މަތީ ފަރާތް ސުޕްރީމް ކޯޓާއި އެ ބާރުގެ ފާރަވެރިޔާ، ޖޭއެސްސީއާ ދެމެދު ފެށިމިވާ "ހަނގުރާމަ" އެހާ އަވަހަށް ފިނިވާނެ ކަމަކަށް ނުބެލެވެ އެވެ. ބޮޑެތި ތަހުގީގުތަކަކާއެކު ބޮޑެތި ފިޔަވަޅުތަކެއް އައުން ވެސް ގާތެވެ. ސުޕްރީމް ކޯޓުގެ އާ ރޫލިންތަކާއި އަމުރުތައް ވެސް އައުން ގާތެވެ. މިކަމުން ޝަރުއީ ދާއިރާ އިސްލާހުވޭތޯ ނޫނީ ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިގެންދާނީތޯ އެއީ މިހާރު އޮތް އެންމެ ބޮޑު ސުވާލެވެ.