ޝަރުއީ ދާއިރާ އިސްލާހު ކުރަން ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ހިފާފައިވާ ބައެއް ބަދަލުތަކާމެދު އެންމެ ބޮޑު ނުރުހުން އޮތީ ސުޕްރީމް ކޯޓުގެ އެވެ. އެއް ކަމަކީ ސުޕްރީމް ކޯޓުން އަމިއްލައަށް "އަތް ދަށަށް" ގެންގޮސްފައިވާ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަތުން ބީވެގެންދާ ދިއުމެވެ.
ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވަނީ ޑީޖޭއޭ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ބަދަލު ކުރާ ބިލެއް ހުށަހަޅުއްވާފަ އެވެ. ބިލް ބަލައިގަނެ، މިހާރު އޮތީ ޖުޑިޝަރީ ކޮމެޓީގަ އެވެ. ކޮމެޓީގައި ބިލަށް ބަހުސް ކުރަމުންދާއިރު ގިނަ ގާނޫނީ ވަކީލުން ތިއްބަވާ އެ ކޮމެޓީގެ ހުރިހާ މެންބަރުންނަށް ވެސް އެ ބަދަލަށް އެއްބަސްވެ އެވެ.
އެކަމާ ނުރުހިގެން، 25 ސަފުހާގެ ސިޓީއެއް ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ. އެއީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ފޮނުއްވާފައިވާ ސިޓީއެކެވެ. ހުލާސާއަކީ ޑީޖޭއޭ، ސުޕްރީމް ކޯޓުގެ ދަށުން ނެރެ ޖޭއެސްސީގެ ދަށަށް ގެންދިޔުމަކީ މިނިވަން ފަނޑިޔާރު ގެއަކަށް ހުރަސް އެޅޭނެ ކަމެކެވެ. ކޯޓުތަކުގެ އިދާރީ ހިންގުމާއި އެހެން ވެސް އިދާރީ ކަންކަން "ސިޔާސީ" ބައެއްގެ އަތް ދަށަށް ނޫނީ ކޯޓުތަކުން ބޭރަށް ދިޔުމަކީ ގޯހެކެވެ. -- ޖޭއެސްސީއަކީ ސިޔާސީ ނުފޫޒު ވަދެ ހުސްވެފައިވާ ތަނެއް ކަމަށް ޝަރުއީ ދާއިރާ އާއި މަޖިލީހާއި މިހާރުގެ ސަރުކާރުން ވެސް ގަބޫލުކުރެ އެވެ.
މިއީ ފެށުނީންސުރެ ވެސް ސުޕްރީމް ކޯޓުގެ ކަން ބޮޑުވުމެކެވެ. ފެހި ގާނޫނު އަސާސީއިން ސުޕްރީމް ކޯޓާއި ޖޭއެސްސީ އާއި ޑީޖޭއޭ އުފަންކޮށް ގާނޫނު އަސާސީގެ ދަށުން ވުޖޫދުކުރި ޖޭއެސްސީގެ ގާނޫނުގައި ވެސް އެންމެ ފުރަތަމަ ލިޔުނީ ޑީޖޭއޭ އޮންނާނީ ޖޭއެސްސީގެ ދަށުގަ އެވެ. ސަބަބަކީ ޖޭއެސްސީއަކީ ފަނޑިޔާރުގެ މޮނީޓާކޮށް ބެލެހެއްޓުމަށް ހެދި މުސްތަގިއްލު މުއައްސަސާ ކަމަށްވާތީ އެވެ.
އެގޮތް އޭރުގެ ސުޕްރީމް ކޯޓަށް ކަމު ނުގޮސްގެން، ގާނޫނު ތަސްދީީގުކޮށް އަމަލުކުރަން ފެށިތަނާ ރޫލިންއެއް ނެރެ ޖޭއެސްސީގެ ދަށުން ޑީޖޭއޭ ނަގައި ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ކަނޑައެޅި އެވެ. ޑީޖޭއޭ ހިންގާނެ އުސޫލު ވެސް ކަނޑައެޅީ ސުޕްރީމް ކޯޓުންނެވެ.
ދެހާސް އަށް ވަނަ އަހަރު ފަސް ފަނޑިޔާރަކު ސޮއި ކުރައްވާ ނެރެފައިވާ އެ ރޫލިންގައިވާ ގޮތުން ޑީޖޭއޭ، ޖޭއެސްސީގެ ދަށުގައި އޮތުމަކީ ގާނޫނު އަސާސީގެ މާއްދާތަކާ ހިލާފުވާ ކަމެކެވެ. ކޯޓުތަކުން ކުރާ އެންމެހައި ކަންތައްތައް ރައްކާތެރިކޮށް އިދާރީ ހިންގުމާބެހޭ ގަވާއިދު ހެދުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމަށް ބުނާ މާއްދާ އާއި އަދުލު އިންސާފު ގާއިމްކު ރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ކޯޓުތަކަށް ކަމަށް ބުނާ މާއްދާތަކާ ހިލާފުވެ އެވެ. އަދި ގާނޫނު އަސާސީގައި ފަނޑިޔާރުންނަކީ މުސްތަގިއްލު ބައެއް ކަމަށް ބުނާ މާއްދާ އާއި އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތްކުރުމުގެ މާއްދާއާ ވެސް ހިލާފެވެ.
ރޫލިން ބުނާ ގޮތުގައި އޭގެ ސަބަބަކީ ޖޭއެސްސީއަށް ބަރޯސާވާ ގޮތަށް ޝަރީއަތް ހިންގުން ފިޔަވައި ކޯޓުތަކުގެ އެހެން ހުރިހާ ހުރިހާ އިދާރީ ކަމެއް އޮތުމަކީ ޝަރުއީ ދާއިރާގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލިގެންދާ ކަމަކަށްވުމެވެ. އަދި ވަކި ފަރާތަކަށް ނުޖެހި ނުފޫޒެއް ނެތި އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތަށް އެހެން ފަރާތްތަކުގެ ނުފޫޒު ފޯރާނެ ކަމަކަށްވެސް ވުމެވެ.
އެހެންވެ، 2008 ވަނަ އަހަރުގެ އެ ރޫލިންގައި ކަނޑައެޅީ ޖޭއެސްސީ ގާނޫނުގެ އެ މާއްދާ ބާތިލުކޮށް މާއްދާގެ ދަށުން އެކުލަވައިލި ޑީޖޭއޭ، ސުޕްރީމް ކޯޓުގެ ދަށަށް ގެންދާށެވެ. އަދި ޑީޖޭއޭއިން ޖަވާބުދާރީވާން ޖެހޭނީ ވެސް ސުޕްރީމް ކޯޓަށް ކަމަށް ނިންމި އެވެ. ގާނޫނު އަސާސީގެ މާއްދާއަކާ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ފުށު އަރާނަމަ، އެ ކަމެއް ބާތިލް ކުރުމަކީ ސުޕްރީމް ކޯޓަށް މަތިކޮށްފައިވާ ޒިންމާއެކެވެ. ނަމަވެސް، ގާނޫނު ބާތިލު ކުރުމަށްފަހު އަމިއްލައަށް އުސޫލު ހަދައި ގާނޫނެއްގައި ނެތް ކަމެއް ވުޖޫދު ކުރުމަކީ ސުޕްރީމް ކޯޓަށް ބާރެއްތޯ ސުވާލު އުފައްދަ އެވެ.
ޖޭއެސްސީގެ ބިލް ހުށަހަޅުއްވާފައިވާ މެންބަރު ސިރާޖު ވިދާޅުވި ގޮތުގައި އެއީ ސުޕްރީމް ކޯޓަށް ވެސް އޮތް ބާރެއް ނޫނެވެ. ގާނޫނު ހެދުމަކީ ރައްޔިތުންގެ މަޖިލީހަށް އޮތް ބާރެކެވެ. ސުޕްރީމް ކޯޓުން ގާނޫނެއް ނުވަތަ ބައެއް ބާތިލު ކޮށްފިނަމަ އެކަމުގައި ދެން އަމަލު ކުރާނެ ގޮތުގެ ގާނޫނު ދެން ވެސް ހަދާނީ މަޖިލީހުންނެވެ. ސުޕްރީމް ކޯޓަށް ގާނޫނެއް ހެދުމަށް ނުވަތަ އިސްލާހަކަށް ލަފާއެއް ދެވިދާނެ އެވެ. އެކަމަކު، ބަހުސްއަކީ މިއެއް ނޫނެވެ.
ބަހުސަށް ދާއިރު ސިރާޖު ވިދާޅުވި ގޮތުގައި ޖޭއެސްސީގެ ދަށުން ނެރެ ސުޕްރީމް ކޯޓުގެ ފުރިހަމަ ކޮންޓްރޯލްއާއެކު ޑީޖޭއޭ ހިންގުން ވެގެން ދިޔައީ ވަރަށް ނުބައި ތަޖުރިބާއަކަށެވެ. އެ މޮޑެލްގެ ސަބަބުން އެހެން ކޯޓުތަކަށް ސުޕްރީމް ކޯޓުގެ ވަރަށް ބޮޑު ނުފޫޒަކާއި ކޮންޓްރޯލެއް އޮތެވެ. ސުޕްރީމް ކޯޓަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތް ކަމުގައިވީ ނަމަވެސް ދަށު ކޯޓުތަކުގެ އިދާރީ ކަންކަމަށް ބަސް ބުނުމުގެ ރޯލެއް ސުޕްރީމް ކޯޓަކަށް ނޯންނާނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ޑީޖޭއޭ މުޅިން މިނިވަން ތަނެއްގެ ގޮތުގައި ބޭއްވުމުގެ ވައުދާއެކު އެމްޑީޕީ އައީ އެހެންވެ އެވެ.
ނަމަވެސް މިހާރު އެމްޑީޕީގެ ވިސްނުން ބަދަލުވެ، ޑީޖޭއޭ ވަކިން އޮންނަ ތަނެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ޖޭއެސްސީގެ ދަށަށް ގެންދަނީ އެވެ. އޭގެ ސަބަބު ވެސް ސިރާޖު ދެއްކެވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑީޖޭއޭ މުޅިން ވަކިން ބާއްވައިފިނަމަ އެތަން ޖަވާބުދާރީވާން ޖެހޭނީ މަޖިލީހަށެވެ. އޭރަށް ކޯޓުތަކުގެ އިދާރީ ކަންކަމަށް މަޖިލީހަށް ވަދެވި ބަސް ބުނުމުގެ ދޮރު ހުޅުވުނީ އެވެ. ބާރުތައް ވަކިވެ އޮތުމުގެ ބައްޓަމަށް ލޮޅުމެއް އަންނާނެ އެވެ.
"އެހެންވެ އަޅުގަނޑުމެންނަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ ޑީޖޭއޭ، ޖޭއެސްސީގެ ދަށަށް ގެންދިޔުމަށް، އޭރަށް ޑީޖޭއޭ ޖަވާބުދާރީވާން ޖެހެނީ ޖޭއެސްސީއަށް، އޭގައި މަޖިލީހުގެ ދައުރެއް ނޯންނާނެ، ޝަރުއީ ދާއިރާގެ މިނިވަން ކަމާއި މުސްތަގިލްކަން ހިފެހެއްޓޭނެ، ގާނޫނު އަސާސީއަށްފަހު ގެނައި ޖޭއެސްސީގެ ގާނޫނުގައި ވެސް އެންމެ ފުރަތަމަ އެ ގޮތަށް ލިޔެފައި އެއޮތީ ވަރަށް ވިސްނާފައި، ހިކުމަތްތަކެއް ހުރީމަ،" ސިރާޖު ވިދާޅުވި އެވެ.
އާ ބިލްގައިވާ ގޮތުގައި ޑީޖޭއޭ، ޖޭއެސްސީގެ ދަށަށް ގެންދިޔަ ނަމަވެސް ޖޭއެސްސީގެ ދައުރަކީ ހަމައެކަނި އެތަން ޖަވާބުދާރީކުރުމެވެ. ޑީޖޭއޭ ހިންގާނީ އެ ތަނުން އައްޔަން ކުރާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރާއެއްގެ ބެލުމުގެ ދަށުންނެވެ. އޭރަށް ސުޕްރީމް ކޯޓަށް ބަރޯސާނުވެ، ހުރިހާ ކޯޓެއްގެ ވެސް އިދާރީ ހިންގުމާއި ނިންމުންތައް ޑީޖޭއޭއަށް މިނިވަންކަމާއެކު ނިންމޭނެ ކަމަށް އެމްޑީޕީއިން ގަބޫލު ކުރެ އެވެ.
ސުޕްރީމް ކޯޓުން ގާނޫނީ މާއްދާއެއް ބާތިލްކޮށް ނެރެފައިވާ ރޫލިންއާ ހިލާފުވާ ގޮތަށް އާ އިސްލާހެއް ފާސްކުރުމުން ދެން ސުޕްރީމް ކޯޓުން އަމަލު ކުރާނެ ގޮތެއް އަަދި ނޭނގެ އެވެ. ނަމަވެސް އާ މަޖިލީހުން މި ގެންނަ ޝަރުއީ ދާއިރާގެ މުޅި ބައްޓަން ބަދަލުވާނެ އިސްލާހާމެދު ސުޕްރީމް ކޯޓުން ނުރުހުން ފާޅުކުރާނެ އެވެ. އެބަ ކުރޭމެ އެވެ.