ޖޭއެސްސީގައި އިންނަވާ ރައީސް މުހައްމަދު ނަޝީދު، ސިޔާސީއެއް ނޫނެވެ. މެންބަރު ހިސާން ހުސެއިން، ސިޔާސީއެއް ނޫނެވެ. އެކަމަކު، އެތަނުގައި އަބްދުﷲ މަސީހާއި ގާސިމް އިބްރާހިމް އިންނެވި އިރު ވަރަށް ސިޔާސީ އެވެ. މެންބަރު އިބްރާހިމް ރިޒާ އިންނެވި އަދި ކިހާ ސިޔާސީ ހެއްޔެވެ؟ އެހެންވީމާ މިތާނގައި އޮތް، ސުވާލަކީ ސިޔާސީ ވަނީ ވަކި ނަމެއް ހެއްޔެވެ؟ ނޫންނަމަ، އެ ސިޔާސީ މަގާމު ހެއްޔެވެ؟
ޖޭއެސްސީގެ ރައީސް ކަމުގެ މަގާމުގައި މިވަގުތު ހުންނެވި، ތުޅާދޫ ދާއިިރާގެ މެންބަރު ހިސާން ހުސެއިން، މި މަގާމުތަކަށް ވަޑައިގެންނެވުމުގެ ކުރިން ވިދާޅުވެފައިވާ އޮތް ވިދާޅުވުމެކެވެ: "ޖޭއެސްސީގައި ތިއްބަވަން ޖެހޭނީ ނަޒާހަތްތެރި، ގާބިލު، ތައުލީމީ ބޭފުޅުން،"
ދޮރުތައް ބަންދުކޮށްގެން އެކަމަކު ބައެއް ނޫސްވެރިންނަށް ދައުވަތު ދީގެން ކުރިއަށް ގެންދިޔަ ޝަރުއީ ދާއިރާގެ މިދިޔަ އަހަރުގެ މަހާސިންތާގައި ހިސާން ވިދާޅުވެފައި ވަނީ ޖޭއެސްސީ ބައްޓަން ކޮށްފައި އޮތީ ބާރުގަދަ ސިޔާސީ ފަރާތްތަކުގެ ނުފޫޒު ވަންނަ ގޮތަށް ކަމަށެވެ. އެހެންވެ، ޝަރުއީ ދާއިރާ އިސްލާހު ކުރަން ޖޭއެސްސީ އެކުލަވައިލެވޭ ގޮތް ބަދަލު ގެނައުން މުހިންމެވެ.
އަދިވެސް ޖޭއެސްސީ ހަމަ އޮތީ އެ ގަދަ ނުފޫޒަށް ދޮރު ހުޅުވޭހެނެވެ. އެކަމަކު މިހާރު އެ ވާހަކަ ދެއްކުން ވެސް މުހިންމު ކަމަކަށް ނުވެއެވެ. ގޮނޑީގައި ތިއްބެވި ބޭފުޅުން ބަދަލުވުމާއެކު ވައި ޖެހޭ ދިމާ ވެސް ބަދަލުވީއެވެ.
ކެމްޕެއިންގައި ވެސް އެ ވާހަކަ އެންމެ ބާރު ލައްވައި ދެއްކެވި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިހާރު ވަނީ ރާގު ބަދަލު ކުރައްވާފައެވެ. އެހެންމެ ފަހުން ވެސް ވިދާޅުވެފައި ވަނީ، ޖޭއެސްސީގައި ތިއްބަވަނީ ދެ ހުވައެއްގެ މަތީގައި ތިއްބަވާ ބޭފުޅުން ކަމެވެ. އެހެންވީމަ އެއަށްވުރެ އިންސާފުވެރި ބައެއް ވަކި ހޯދާނީ ކޮންތާކުންހޭ ހެއްޔޭއެވެ.
ބަދަލު ގެންނާނެ ކަމަށް ވާހަކަ ދައްކާ ދައްކާ ތިބެ އެވެ. އެކަމަކު ވީ ކަމެއް ނެތެވެ. އެހެންވެ އެ ވާހަކަ އިހަށް ބާއްވާނީއެވެ. އެކަމަކު، މިހާރު އޮތް ޖޭއެސްސީގެ މަސައްކަތްތަށް ބަލައިލުން މިއީ މުނާސަބު ވަގުތެކެވެ.
މާ ދުރަށް ނުގޮސް، އެންމެ ފަހުގެ މައްސަލައެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ މައްޗަށް އުފުލި ހަތް ދައުވާ ބޭރުކޮށްލި ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ ސަސްޕެންޝަނެވެ. އެ ސަސްޕެންޝަން އައީ، އަދީބުއާ އެއްކޮޅަށް އެ ހުކުމް ކުރުމާއެކު، މައްސަލާގައި ހިމެނޭ އަނެއް ފަރާތް، ޕްރޮސިކިއުޓާ ޖެނަރަލް ހުށަހެޅުއްވި ސުލޫކީ މައްސަލައާއެކުގައެވެ.
މި ނިންމުމުގެ ވާހަކަ ފާހަގަ ކުރަން ދެތިން ސަބަބެއް އެބަ އޮތެވެ. ފުރަތަމަ ކަމަކީ، ފަނޑިޔާރުންނަށް ލިބިދޭ އަސާސީ އިމްތިޔާޒުތަކުގެ ތެރެއިން އެންމެ މުހިންމު އިމްތިޔާޒަކީ އެމީހުން ނިންމާ ނިންމުމަކާ ގުޅޭ ގޮތުން މައްސަލައެއް ނުބެލޭނެ ކަމެވެ. އެމީހުންގެ ނިންމުމަކާ ގުޅިގެން ކުށްވެރި ނުވާނެ ކަމެވެ. އިސްމާއީލް ރަޝީދުގެ އެ ބޮޑު ނިންމުމުގައި ގާނޫނީ ގޮތުން އެންމެ އާދައިގެ މީހާއަށް ވެސް ސުވާލު އުފެއްދޭ ފަދަ ކަންކަން އެބަހުއްޓެވެ. އެކަމަކު، އެއީ އެ ގާޒީއަށް ފެނިލެއްވި ގޮތެވެ. ދަށު ކޯޓުގެ ނިންމުމެކެވެ. އިސްތިއުނާފު ދެ މަރުހަލާ އެބަ އޮތެވެ.
އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނަނީ ވެސް އެހެންވެ އެވެ. ކޮންމެ ހުކުމެއް ވެސް އިސްތިއުނާފަށް ހުށަހަޅަނީ "ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް އިއްވާފައިވާ ހުކުމެއް ކަމަށް ކަނޑައެޅުމަށް" އެވެ. ވީއިރު، އިސްމާއީލް ރަޝީދުގެ ނިންމުން އެކޮޅުން ކޮޅުން ޖަހައި އެއީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފު ނިންމުމެއް ކަމަށް މަތީ ކޯޓުން ކަނޑައެޅެން އެބަ އޮތެވެ. އެއީ ގާނޫނީ ނިޒާމުން ނެރެފައިވާ ނިންމުމެއްނަމަ އެކަން ހިނގަން ޖެހޭ ހިނގަން މަޖުބޫރު މަގަކީ ވެސް އެއީއެވެ.
މި ވާހަކަ މިހާ ހިސާބުން މަޑުޖައްސާލަން ޖެހެނީ ޖޭއެސްސީގެ ބަޔާނާ ހެދިއެވެ. އިސްމާއީލް ރަޝީދު ދެ މަހަށް ސަސްޕެންޑްކޮށް ނެރުނު ބަޔާނުގައި އެ ކޮމިޝަނުން ބުނީ ބަލަމުން ދަނީ އިސްމާއިލް ރަޝީދު، އަދީބާ ގުޅޭ ގޮތުން ނިންމެވި ނިންމުމާ ގުޅޭ މައްސަލައެއް ނޫނެވެ. އިސްމާއިލް ރަޝީދު ފަނޑިޔާރުންގެ ސުލޫކާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވެފައިވާ ކަމަށް ތުހުމަތުވާ މައްސަލައެކެވެ. އޭގެ ތަފްސީލްތައް ހާމަ ކުރުމުން އެއެއްވެސް އެނގިދާނެއެވެ.
ބަޔާނުގައި އެހެން ބުނެލުމަކުން މިކަމުގައި އޮތް ކަންބޮޑުވުން ހިނދައެއް ނުލެވޭނެއެވެ. ދައުލަތް ބޭނުންވި ގޮތް ނޫން އެހެން ގޮތަކަށް އިސްމާއިލް ރަޝީދުގެ ނިންމެވުމުން އައުމުން ސުލޫކީ މައްސަލައެއް އުފަންވީއެވެ. އެހާ ފާޅުކަން ބޮޑު ގޮތެއްގައި އިސްމާއީލް ރަޝީދު، ސުލޫކާ ހިލާފުވާނަމަ، އެކަން ރޭކާލީ މިފަދަ ހުކުމެއް އައުމުން ހެއްޔެވެ؟ ނޫންނަމަ، އެކަން އެނގިތިބެ ވެސް އަޅާލުން މުހިންމު ކަމަކަށް އޭރު ނުވީ ހެއްޔެވެ؟ މީގެ ވަރަށް ރައްޓެހި މައްސަލައެއް ވެސް މި ދޭތެރެއިން ހިނގާފައިވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އެންމެ ފުރަތަމަ ޝަރީއަތް ހިންގެވި ކުރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމްގެ މައްސަލައެވެ. އޭނާއަކީ އެކެއް ފެބުރުއަރީގެ ބޮޑު އަމުރާ ގުޅިގެން ނުވަ ބޭފުޅުންގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ގެންދެވި ގާޒީއެވެ. ކުއްލި ގޮތަކަށް އިސް ގާޒީކަން ވެސް އެހެން ސީނިއާ ގާޒީން ކޯޓުގައި ތިއްބާ ވެސް ލިބިވަޑައިގެންނެވިއެވެ. އޭރު ވެސް ބައެއް މީހުން، ގާޒީއަށް ތުހުމަތުތައް ކުރިއެވެ. އެއަށްފަހު ސަރުކާރު ބަދަލުވި ފަހުން ރައީސް ޔާމީންގެ ޝަރީއަތް ވެސް ވަރަށް ބޮޑަށް ހުޅުވާލައިގެން ގާޒީ ހައިލަމް ކުރިއަށް ގެންދެވިއެވެ. ޖޭއެސްސީއަށް އޭރު ގާޒީގެ އެއްވެސް މައްސަލައެއް ނެތެވެ.
ނަމަވެސް ޝެއާ ކުރެއްވި ފޮޓޯގަނޑެއްގެ މައްސަލަ ވަރަށް ބޮޑުވެ، ރައީސް ޔާމީންގެ މައްސަލާގައި ހުކުމް އިއްވަން އޮތް ދުވަހު ގާޒީ ހައިލަމް ސަސްޕެންޑް ކުރީއެވެ. އަނެއްކާ އެހެން ބޮޑު ސުލޫކީ މައްސަލައެއް ވެސް ކޮމިޝަނާ ހަމައަށް އެއާއެކު އައިސްފިއެވެ.
ގާޒީ ހައިލަމް ވިދާޅުވި ގޮތުގައި، އެއީ ޖޭއެސްސީއިން އެންގި ގޮތަށް ހުކުމް ނުލިއްޔުމުން އައި ސަސްޕެންޝަނެކެވެ. އެއަށް ބުނާނެ އެއްޗެއް ނޭނގެއެވެ. ނަމަވެސް އިސްމާއިލް ރަޝީދުގެ މައްސަލަ އާއި ހައިލަމްގެ މައްސަލައިން ފެންނަން މިހުރީ އެއް ގޮތް ސިފަތަކެވެ. ދެ މައްސަލާގައި ވެސް ގާޒީންނަށް ކޯޓުން އަތް ދޫކޮށްލަން ޖެހުނުއިރު މައްސަލާގައި ހިމެނެނީ، ސަރުކާރާ ހިޔާލު ތަފާތު، އިދިކޮޅު ދެ ލީޑަރުންނެވެ. ސަރުކާރުގެ ނަން މިތަނަށް ވައްދަން ޖެހުނީ ޖޭއެސްސީ އޮތް ގޮތުން އެތަނުގައި ސަރުކާރުގެ ބޭފުޅުން ގިނަވީމައެވެ.
އިސްމާއިލް ރަޝީދުގެ މައްސަލައާ ގުޅިގެން ދެން ފާހަގަ ކުރަން އޮންނަ ނުކުތާއަކީ ކޯޓުގައި ދެން ތިއްބެވި ގާޒީންނަށް އޮތް ބިރުވެރިކަމެވެ. މައްސަލާގެ ވަށައިގެންވާ ކަންކަމަށް ބަލައި އަނެއްކާ ވެސް ހަމަ އަދީބުގެ މައްސަލާގައި ކުރިމިނަލް ކޯޓުގެ އެހެން ގާޒީއަކަށް ގޮތްތަކެއް ނިންމަވަން ޖެހޭނެ ކަމަށް ބެލެވެއެވެ. ސަބަބަކީ ހައިކޯޓަށް މިހާރު އިސްތިއުނާފު ކޮށްފައިވާ އިސްމާއީލް ރަޝީދުގެ ނިންމުން ބާތިލްކޮށް އަލުން މައްސަލަ ބެލުމަށް ދަށު ކޯޓަށް އަންގާނެ ކަމަށް ޔަގީނާ ގާތަށް ލަފާ ކުރެވޭތީއެވެ. ކުރިން ކުރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވި ގާޒީއެއް މިކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މައްސަލާގެ ވަށައިގެންވާ ކަންކަމަށް ބެލުމަށްފަހު އެހެން ގާޒީއަކަށް ނިންމުން ނިންމަވަން ޖެހޭއިރު ފުރިހަމަ ނުފޫޒެއް ނެތް މާހައުލެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ކޮންމެހެން ދައުލަތަށް މައްސަލަ ކާމިޔާބުވާން މަޖުބޫރު ނުވާއިރު އަނެއްކާ ވެސް އެފަދަ ގޮތަކަށް ގާޒީއަކު ނިންމެވުމުން ނިންމަވާއިރަށް އެ ނިންމުމަށް މީޑިއާގައި ފާޑުކިޔާ، ސުލޫކީ މައްސަލަ ނުވައްދާނެ ކަމުގެ ޔަގީން ކަމެއް އޭނާއަށް ނެތެވެ. އޭނާ އެ ހުރީ ފުރިހަމަ މިނިވަން ހާލަތެއްގަ ނޫން ކަމާއި އެއީ ގާޒީގެ ނިންމުމަށް ފޯރާނެ ނުފޫޒެއްކަން އެ ގާޒީ ފާހަގަ ކުރެއްވިއެވެ.
އެހެން މައްސަލައެކެވެ. ހައިކޯޓުގެ އިސްފަނޑިޔާރު ސުޖާއު އުސްމާންއަކީ އެތައް ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ ބޭފުޅެކެވެ. ސޯޝަލް މީޑިއާގައި ވެސް ރައީސް ޔާމީންގެ ކެމްޕެއިންގައި އުޅުއްވި ކަމުގެ ފޮޓޯތައް ދައުރުވެއެވެ. އެއީ 2018 ވަަނަ އަހަރުއެވެ. ވަކިކުރަން މަޖިލީހަށް ފޮނުވި ގާޒީ ހަސަން ނަޖީބުގެ ތަހުގީގު ރިޕޯޓުން ވެސް ފަނޑިޔާރު ސުޖާއު ވެސް ސުލޫކާ ހިލާފުވެފައިވާކަން ސާބިތުވާން، ހާމަވާން އެ އޮތީ ރީއްޗަށް ފެންނާށެވެ.
މިއީ އިސްމާއިލް ރަޝީދުގެ މައްސަލާގައި ކޮމިޝަނުން ބުނި ފަދައިން ފާޅުގައި ފެންނާން އޮތް ސުލޫކާ ހިލާފު ބޮޑު މައްސަލައެކެވެ. ސުޖާއުގެ މައްސަލަ ތަހުގީގު ކުރަން ފެށިތާ ވެސް އަހަރަކަށްވުރެ ގިނަ ދުވަސް މިހާރު ފާއިތުވެއްޖެ އެވެ. ނަަމަވެސް އިސްމާއިލް ރަޝީދާއި ހައިލަމަށް އައި ފަދަ ކުއްލި ސަސްޕެންޝަނެއް ސުޖާއުއަކަށް އިހަކަށް ދުވަހާ ހަމައަށް ވެސް ނަޔައެވެ.
ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެފައިވާ ގޮތުގައި، ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލަ އަދި ފަނޑިޔާރު ޝުޖާއު އުސްމާނުގެ ސުލޫކީ މައްސަލަތައް ބެލުމުގައި އަމަލު ކޮށްފައިވާ ގޮތަށް ބަލާއިރު، ޖޭއެސްސީއިން ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި އިންސާފުވެރިކަމާ ހަމަހަމަކަން އެއްވެސް މިންވަރަކަށް ނުގެންގުޅޭކަން ސާފުވެއެވެ.
މިފަދަ ފާޑުކިޔުންތައް ވެސް ވަށާލާފައި ވަނިކޮށް އެންމެ ފަހުން ސުޖާއުއާ ހަމައަށް ސަސްޕެންޝަން ފޯރީއެވެ. އިއްތިފާގެއް ކަމެއް ގޯހެއް ކަމެއް ނޭނގެއެވެ. ފަނޑިޔާރު ސުޖާއުގެ ސަސްޕެންޝަން ވެސް އައީ ހަމަ ސިޔާސީ މައްސަލައަކާއެކުއެވެ. އިސްމާއިލް ރަޝީދުގެ ނިންމުން ބާތިލް ކުރުމަށް ހައިކޯޓަށް ހުށަހަޅައި، އެ މައްސަލަ ރަޖިސްޓްރީވުމާއެކު ސަސްޕެންޑް ވެސް ކުރެވިއްޖެއެވެ. މި ހުރިހާ ދުވަހު އެކަން ނުކުރެވި މިއަދަށް އެކަން ކުރެވުނު ގޮތެއް ސާފުނުވިއެވެ. ކޮމިޝަންގެ ނިންމުން އެހެން ބައްޓަންކުރި މޮޅު ސަބަބެއް ވެސް ނުވިސްނެއެވެ.
މިފަދަ އެތައް ނިންމުމަކަށްފަހު ވެސް ޖޭއެސްސީއިން އަމަލު ކުރާ ގޮތް އެ ބޭފުޅުން ދިފާއު ކުރައްވައެވެ. ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތުގައި ދެމިތިއްބަވާނެ ކަމުގެ ޔަގީންކަމާއެކު ނަޒާހަތްތެރިކަމުގެ ވާހަކަ ވެސް އަމުނާލައެވެ.
ޖޭއެސްސީއިން ވަކިކުރި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި ގޮތުގައި ދުވާލަކު ފަސް ފަހަރު ތަސްބީހަ ކިޔާހެން ކަންތައް ކުރަނީ ރަނގަޅަށޭ ބުންޏަސް ކޯޓުތަކަށް ނުފޫޒު ފޯރުވަން ހިންގާ ޣައިރުދުސްތޫރީ ބާތިލުކަންތައް ސައްހައެއް ނުވާނެއެވެ. ސުލޫކީގެ ނަމުގަ ބަލާ 90 ޕަސެންޓް ކޭސްތަކަކީ ޖުޑިޝަލް ފަންކްޝަންގެ ތެރެއަށް ވަންނަ ކަންތައްތަކެވެ.
ފަހަރުގައި އެ ބޭފުޅުންނާމެދު ޖޭއެސްސީއިން ނިންމުން އައި ގޮތުން ވަކި އަތަކަށް ވަރަށް ބޮޑަށް ބުރަވެ ވާހަކަ ދެއްކެވުން އެކަށީގެންވެއެވެ. އެހެންވެ، އެފަދަ ބޭފުޅުންގެ ވާހަކަތަކަށް މާބޮޑު ބުރަދަނެއް ދިނުމެއް ނެތިވެސް ޖޭއެސްސީގެ އަމަލުތައް ތަހުލީލުކޮށް ގޮތެއްކިއިދާނެއެވެ. އިސްމާއިލް ރަޝީދުގެ މައްސަލާގައި ކަން ހިނގައިދިޔަ ގޮތަށް ބަލާއިރު ޖޭއެސްސީގެ މިނިވަންކަމާމެދު އެހެންޏާ ސުވާލު ނުއުފައްދާ މީހުން ވެސް ވަނީ އެކަން ކޮށްފައެވެ. އެހެންވީއިރު މިއީ ޖޭއެސްސީއިން ވިސްނާލަން ޖެހޭ ވަގުތެވެ.
ޖޭއެސްސީގެ އެންމެ ބޮޑު ޓާސްކު ކަމަށްވާ ސުޕްރީމް ކޯޓުގެ "ސާފުކުރުން" އެވަނީ ނިމުމަކަށް އައިސްފައެވެ. އެހެންވީއިރު ދެން އޮތް މަސައްކަތަކަށް ވާންވީ މުޅި ޝަރުއީ ދާއިރާގެ ކުރި މަގަށްޓަކައި ޖޭއެސްސީ ބަދަލު ކުރުމުގެ މުހިންމު މަސައްކަތެވެ. ގާޒީއަކާމެދު ފިޔަވަޅު އަޅާ ކޮންމެ ފަހަރަކު ސިޔާސީ ކަންތައްގަނޑެއްގެ ތެރޭގައި ނޭބުރޭ ދުވަހެއް ހޯދުމެވެ. ހޯދަން ބޭނުންވި ހުރިހާ ބާރެއް ލިބުނީ އެފަދަ ވައުދުތައް ފުއްދާނެ ކަމުގެ ކަށަވަރުކަން ދިނީމައެވެ. ޖޭއެސްސީއަށް އޭރު ހުށަހެޅި ބަދަލު ގަނައުން އަވަސްކުރުމަކީ ތިޔަ ބަޔަކަށް މިހާރު ލާޒިމް ކަމެވެ.
ކިތަންމެ ގޮތަކަށް ސިފަ ކުރިޔަސް ސިޔާސީ މީހަކު، ސިޔާސީ ނުވާނެ އެއީ ނެތް ގޮތެކެވެ. މިހާރު ކޮމިޝަންގައި ތިއްބެވި ސިޔާސީ ބޭފުޅުން ގަބޫލު ކުރެއްވި ހަމައަކީ ވެސް އެއީ އެވެ. އެހެންވީއިރު ހުލާސާއަކީ ކޮމިޝަނުން ސިޔާސީ ކުލަ ނުފިލާ ކަމެވެ.