ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާ، ހައިކޯޓުން މިފަހުން ކުރި ހުކުމެއްގައި ވަނީ ތަފާތު ގޮތަކަށް މާނަކޮށްފައެވެ. ލޯބިވެރިޔާއަށް އަނިޔާކުރި މީހެއްގެ ބަންދު މައްސަލައެއްގައި ހައިކޯޓުން ކުރި ހުކުމުން ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ ޖަލުގެ ބަހުރުވައިން ނަމަ، ވާނުވާ ޖެހުން ވަނީ ލާޒިމްވެފައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން ދެ ހާލަތެއްގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރު ފަނޑިޔާރަށް ނެރެވިދާނެ އެވެ. އެއީ، ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާއަށް "ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ" އަދި އެމީހާ ދޫކޮށްލައިފިނަމަ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހަތަރު ހާލަތުންކުރެ ހާލަތެއް އޮވެއްޖެނަމައެވެ.
އެ ހަތަރު ހާލަތަކީ، ހެއްކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެތީ، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެތީ ނުވަތަ ފިލައިފާނެތީ ނުވަތަ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ. މި ހާލަތްތަކުން ހާލަތެއް މެދުވެރިވެދާނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި، އޭނާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެ ކަމަށް ގާނޫނުގައި ލިޔެފައިވެއެވެ.
މި އިބާރާތް ހައިކޯޓުން މި މަހުގެ ނުވަވަނަ ދުވަހު ކުރި ހުކުމްގައި މާނަކޮށްފައި އޮތީ މިހެނެވެ. "މިހާލަތުގައި މިގޮތަށް އަމުރު ނެރުމަކީ، ފަނޑިޔާރުގެ މައްޗަށް ލާޒިމު (mandatory) ކަމެއްކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި 'އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެއެވެ.' އިބާރާތުން އެނގޭ ކަމަށެވެ."
ގާނޫނުގެ މި މާއްދާގެ އިބާރާތް ހައިކޯޓުން މާނަ ކުރުމުގައި ވަކި ކުށްތަކެއް އިސްތިސްނާއެއް ކޮށްފައެއް ނެތެވެ. އެކަން އޮތީ ހުރިހާ ކުށަކަށް ވެސް އަމަލު ކުރަން ޖެހޭ ގޮތަށެވެ.
މީގެ މާނައަކީ މިސާލަކަށް ފިހާރައަކުން ސެންޓު ފުޅިއެއް ވައްކަން ނަގަނިކޮށް އަތުލައިގަންނަ މީހާ ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަނޑިޔާރަށް ލާޒިމްވުމެވެ. އެފަދަ ގިނަ މީހުންގެ ވައްކަމުގެ ކުށުގެ ރިކޯޑް އޮންނާނެއެވެ. ކޯޓަށް ހާޒިރުނުވުމާއި ފިލައިދާނެ ކަމަށް ވެސް ގަބޫލު ކުރެވިދާނެއެވެ. އެފަދަ މީހަކު ދޫވެއްޖެނަމަ އެއީ މުޖުތަމައުއަށް ނުރައްކަލެއް ކަމަށް ވެސް ގަބޫލު ކުރެވިދާނެއެވެ. އެފަދަ މާހައުލަކުން ހައްޔަރު ކުރާއިރު ހެކި ވެސް ހުންނާނެއެވެ. އެމީހާއަށް ތުހުމަތު ކުރެވޭ މިންވަރަށް ސީސީޓީވީ ފުޓޭޖް ނުވަތަ އެހެން ވެސް ހެކި ޔަގީނުން ވެސް ހުންނާނެއެވެ.
އެހެންވީއިރު މިހާރު ހައިކޯޓުގެ ހުކުމުން މާނަ ނެގޭ ގޮތުގައި މިފަދަ މީހާ ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަނޑިޔާރަށް ލާޒިމްވުމަކީ މިކަމުގައި އޮތް ކަންބޮޑުވުމެވެ. ހުކުމްގެ އެ ބައި ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހަޅަން ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ނިންމަވާފައިވަނީ ވެސް އެހެންވެއެވެ.
ޝަރީއަތް ނިމެންދެން ބަންދު ކުރުމާމެދު އަބަދުވެސް ދެކޮޅު ހައްދަވައި، ޝަމީމް ވިދާޅުވީ ގާނޫނު އެގޮތަށް މާނަ ކުރަން ވެއްޖެނަމަ މުޅި ޖަލު ފުރިގެންދާނެ ކަމަށެވެ. ޝަމީމް ވިދާޅުވި ގޮތުގައި، ގާނޫނުގައި އަމުރު ކުރަންވާނެ ކަމަށް ބުނެފައި ވަނީ ހުއްދައެއްގެ ގޮތުގައި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެ ހުއްދަ އަމުރެއް އެއީ ވާޖިބެއް ކަމަށް މާނަ ކުރުމަކީ ގޯހެއް ކަމަށެވެ. ކޮންމެ ހުއްދަ ކަމަކީ ވާޖިބެއް ނޫންކަން ވެސް ފާހަގަ ކުރެއްވިއެވެ.
އޭގެ މިސާލެކެވެ. ކީރިތި ޤުރުއާން ކިޔެވުމަކީ ހުއްދަ އަމުރެކެވެ. ކުރުން މޮޅުއިތުރު ކަމެކެވެ. ނަމަވެސް އެއީ ނަމާދު ކުރުން ފަދަ ވާޖިބު އަމުރެއް ނޫނެވެ. މީގައި ތަފާތެއް އެބަ އޮވެއެވެ.
ހައިކޯޓުން ހުކުމްގައި ޖިނާއީ އިޖުރާއަތުގެ ގާނޫނު އިތުރަށް މާނަކޮށްފައިވާ ގޮތުގައި، ފަހުން ހެކި ފެނިއްޖެ ހާލަތުގައި ޝަރީއަތް ނިމެންދެން ބަންދުކުރުމާއި ނުކުރުމަކީ އިހްތިޔާރީ ކަމެއްގެ ގޮތުގައެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ކ)ގެ މާނަކުރުމެވެ. މި މާއްދާގައި ބަޔާންކޮށްފައި ހާލަތަކީ ބޮޑެތި ކުށްތައް ކުރާ މީހުންނަށް އޮތް ހާލަތެކެވެ. އެހެންކަމުން ބޮޑެތި ކުށްތައް ކުރާ މީހުންނަށް ތުހުމަތުވާ މިންވަރަށް ފަހުން ހެކި ލިބިއްޖެ ނަމަވެސް އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް މި މާއްދާ މާނަކޮށްފައިވާ ގޮތުން ފަނޑިޔާރަށް ލާޒިމެއް ނުވާނެއެވެ. އެ އެވަނީ އިހްތިޔާރީ ކަމަކަށެވެ.
އެހެންކަމުން ޝަމީމް ވިދާޅުވި ގޮތުގައި މިގޮތަށް މި ދެ މާއްދާ މާނަކޮށްފައި އޮތުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. ޝަމީމް ވިދާޅުވާ ގޮތުން އިންސާފު ލިބުމަކީ މީހުން ބަންދުކުރުން ނޫން ކަމާއި އަވަހަށް ޝަރީއަތް ނިމި ހައްގު އަދަބު ލިބުންކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އެހެންވީމަ އިސްކަން ދޭންވީ ޖިނާއީ އިޖުރާއަތުގައި ބުނާ މުއްދަތުތަކުގައި ޝަރީއަތްތައް ނިންމުން ކަމަށެވެ. އޭރަށް ބަންދު މުއްދަތާމެދު އުފެދޭ ހިޔާލު ތަފާތުވުންތައް މަދުވެގެންދާނެއެވެ.
ހައިކޯޓުގެ މި މާނައާ ގުޅިގެން އިތުރަށް ދެން ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ. އެ ކޯޓުން މި މާއްދާ ދެން މާނަ ކުރާ ގޮތެއް ވެގެން ދާނީ ޝައުގުވެރި ކަމަކަށެވެ.
ހައިކޯޓުގެ އާ ހުކުމްގައި ވަރަށް ރަނގަޅު ކަމެއް ވެސް ފާހަގަކޮށްފައިވެއެވެ. ހުކުމްގައިވާ ގޮތުން ގާނޫނުގައި ބުނާ ބޮޑެތި ކުށްތައް ފިޔަވައި އެހެން ކުށްތަކުގެ ތުހުމަތަށް ހައްޔަރު ކުރާ މީހުން، 15 ދުވަހަށްވުރެ އިތުރަށް ބަންދު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫނެވެ. ހުކުމްގައި ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ފަނޑިޔާރަށް ލިބިދޭ އިހްތިޔާރީ ބާރުގެ ދަށުން ކުދި ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 15 ދުވަސް ކަމަށެވެ.
ހުކުމްގައި ބުނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ވެސް ރޫހަކީ ޝަރީއަތުން ހުކުމެއް ކޮށްފައިނުވާ މީހުން ވާނުވާއެއް ނޭނގޭ ގޮތަށް ގިނަ ދުވަސްތަކެއްވަންދެން ބަންދުގައި ނުބެހެއްޓުން ކަމަށެވެ. ކުށުގެ ތުހުމަތުގައި ބަންދު ކުރެވޭ މީހުންގެ މައްސަލަތައް އަވަހަށް ނިންމައި ގޮތްތަކެއް ކަނޑައެެޅުމަކީ ގާނޫނު އަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ވެސް ރޫހު ކަމަށް ހުކުމްގައި ފާހަގަކުރިއެވެ. އަދި، އެ މަގުސަދު ހާސިލް ކުރުމަށްޓަކައި ގާނޫނުގައި ތަހުގީގު އިދާރާތަކާއި ކޯޓުތަކަށް ވަކި މުއްދަތުތަކެއް ކަނޑައަޅާފައިވާކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެއެވެ.