ހަބަރު

149 ކިލޯގެ ޑްރަގު މައްސަލާގައި އިހުމާލު ސާފުކުރަން ޕީޖީ ކޮމިޓީއަށް

ކަނޑު މަގުން ރާއްޖެ އެތެރެކޮށް ގދ. އަތޮޅުގެ ފަޅުރަށް، ހުޅުވާރުލުގައި ވަޅުލައިގެން އުޅެނިކޮށް 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ކުރި ދައުވާތައް އިޖުރާއަތްތަކާއި ހިލާފުކަމަށް ބުނެ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލި މައްސަލާގައި ކަން ހިނގާ ދިޔަ ގޮތް ސާފުކުރުމަށް، ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

މިިދިޔަ އޭޕްރީލް މަހު ފެނުނު މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހެއްގެ ދައުވާ ކުރަން ޕީޖީގެ އޮފީހުން އެންމެ ފުރަތަމަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. ނަމަވެސް، އެ މައްސަލަ ހުށަހަޅަން ޖެހޭނީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަކަށް ކަމަށް ބުނެ އިބްތިދާއީ މަރުހަލާގައި ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން ދައުލަތުން އެ މައްސަލަ ހުށަހަޅާފައިވަނީ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

އެ މައްސަލާގައި ބޭއްވި ޝަރީއަތުގައި އެ ދައުވާތައް ކޯޓުން ބޭރު ކޮށްލާފައިވަނީ ދައުވާ ކުރަން ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ފަހުން މައްސަލަ ހުށަހަޅާފައިވާތީ އެވެ. އަދި ހެކި ހޯދުމާއި ތުހުމަތަށް ދައުވާކޮށްފައިވާ މީހުން ހައްޔަރުކުރުމުގައި އިޖުރާއަތްތަކާ ހިލާފުވެފައިވާކަމަށް ކޯޓުން ވަނީ ފާހަގަކޮށްފަ އެވެ.

އިޖުރާއަތްތަކާއި ހިލާފަށް ފުލުހުންނާއި ޕީޖީ އޮފީހުން އަމަލުކޮށްފައިވާކަމަށް ކޯޓުން ފާހަގަކޮށްފައިވާއިރު، އެކަމުގައި ވެފައިވާ އިހުމާލުތައް ބެލުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހަޅުއްވާފައިވަނީ އެ ކޮމިޓީގެ މުގައްރަރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

އެއާއެކު އިންތި ފޮނުއްވި ސިޓީއާ ގުޅިގެން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، ރިޔާސަތުގައި އިންނެވި ކޮމިޓީގެ ނައިބު މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، އެ މައްސަލާގައި ފުލުހުންވެސް އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭއިރު، ކަން ހިނގާދިޔަގޮތް ފުލުހުންގެ ފަރާތުން ސާފުކުރުމުގެ މަސައްކަތް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން މިހާރު ކުރަމުންދާ ކަމަށެވެ.

ދެ މުއައްސަސާގެ މެންޑޭޓް މަޖިލީހުގެ ދެ ކޮމިޓީއަކަށް ލިބިގެންވާއިރު، މި މައްސަލާގައި އޮންނަ ގަވާއިދުގެ ތެރެއިން ދެ ކޮމިޓީ ގުޅިގެން މަސައްކަތް ކުރުން މުހިއްމުކަމަށް ސިރާޖު ވިދާޅުވި އެވެ.

އެކަމަށް ތާއީދު ކުރައްވައި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ، ފުލުހުންނާއި ޕީޖީ އޮފީސް ވަކިވަކިން ދެ ކޮމިޓީއަކަށް ގެނެސްގެން އެއް މައްސަލައަކާގުޅޭ މައުލޫމާތު ސާފުކުރުމުން، އޮޅުންތަކެއް އެރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެހެންކަމުން، ދެ ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ނަގައިގެން މި މައްސަލަ ބެލުން މުހިއްމުކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަރުހަލާ ކުރިއަށްދިޔަ ނަމަވެސް، ޖުޑީޝަރީގެ ކޮމިޓީގެ މެންޑޭޓް ތެރޭގައި ހިމެނޭ ޕީޖީ ވީ އެންމެ އަވަހަކަށް ހާޒިރުކުރުމަށް ހުށަހެޅުމުން، ގަވައިދު ތަންދޭ އެންމެ އަވަހަކަށް ޕީޖީ ޝަމީމް ހާޒިރުކުރުމަށް މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.

ދައުވާތައް ބޭރުކޮށްލުމުގެ އިތުރުން، އެ މައްސަލާގައި ގައްދޫ ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ހަތަރު މީހުންވެސް އިއްޔެ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

ރާއްޖެ އެތެރެކޮށް އެ ރަށަށް ބަލާފައި ވަޅުލައިގެން އުޅެނިކޮށް އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ޕެކިންގައި ހުރި ހެރޮއިން އާއި ކެނެބިސް އެވެ. އެ މައްސަލާގައި އެ ފަޅު ރަށުން އަތުލީ 100 ކިލޯގެ ހެރޮއިން އާއި 49 ކިލޯގެ ކެނަބިސް އެވެ. އެތަކެތީގެ މަގުމަތީގެ އަގަށް 240 މިލިޔަން ރުފިޔާގެ އަރަ އެވެ.

ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލި މައްސަލަ އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ.