ހަބަރު

149 ކިލޯގެ ޑްރަގުގެ ދައުވާތައް ބޭރުކޮށްލި މައްސަލަ މަޖިލީހަށް

ކަނޑު މަގުން ރާއްޖެ އެތެރެކޮށް ގދ. އަތޮޅުގެ ފަޅުރަށް، ހުޅުވާރުލުގައި ވަޅުލައިގެން އުޅެނިކޮށް 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ކުރި ދައުވާތައް އިޖުރާއަތްތަކާއި ހިލާފުކަމަށް ބުނެ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލާފައިވާއިރު، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިިދިޔަ އޭޕްރީލް މަހު ފެނުނު މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހެއްގެ ދައުވާ ކުރަން ޕީޖީގެ އޮފީހުން އެންމެ ފުރަތަމަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ.

ނަމަވެސް، އެ މައްސަލަ ހުށަހަޅަން ޖެހޭނީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަކަށް ކަމަށް ބުނެ އިބްތިދާއީ މަރުހަލާގައި ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން ދައުލަތުން އެ މައްސަލަ ހުށަހަޅާފައިވަނީ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

އެ މައްސަލާގައި ބޭއްވި ޝަރީއަތުގައި އެ ދައުވާތައް ކޯޓުން ބޭރު ކޮށްލާފައިވަނީ ދައުވާ ކުރަން ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ފަހުން މައްސަލަ ހުށަހަޅާފައިވާތީ އެވެ.

އަދި ހެކި ހޯދުމާއި ތުހުމަތަށް ދައުވާކޮށްފައިވާ މީހުން ހައްޔަރުކުރުމުގައި އިޖުރާއަތްތަކާ ހިލާފުވެފައިވާކަމަށް ކޯޓުން ވަނީ ފާހަގަކޮށްފަ އެވެ.

އިޖުރާއަތްތަކާއި ހިލާފަށް ފުލުހުންނާއި ޕީޖީ އޮފީހުން އަމަލުކޮށްފައިވާކަމަށް ކޯޓުން ފާހަގަކޮށްފައިވާއިރު، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، އެ މައްސަލާގައި ވެފައިވާ އިހުމާލުތައް ބެލުމަށް މަޖިލީހަށް އިއްޔެ ހުށަހަޅުއްވާފައިވާ ކަމަށެވެ.

"މި އިހުމާލުތަކުގެ މައްސަލަ ބަލައި، ޖުޑިޝަރީ ކޮމެޓީގެ މެންޑޭޓް ލިބިގެންވާ ފަރާތްތަކުގެ ތެރެއިން މި މައްސަލާގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީކުރުވުަށްޓަކައި އިއްޔެ ވާނީ މަޖިލީހަށް މައްސަލަ ހުށަހަޅާފައި،" އިންތި މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ދައުވާތައް ބޭރުކޮށްލި މައްސަލަ އިސްތިއުނާފުކުރަން އަދި ނިންމާފައިނުވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ދައުވާތައް ބޭރުކޮށްލުމުގެ އިތުރުން، އެ މައްސަލާގައި ގައްދޫ ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ހަތަރު މީހުންވެސް އިއްޔެ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

ރާއްޖެ އެތެރެކޮށް އެ ރަށަށް ބަލާފައި ވަޅުލައިގެން އުޅެނިކޮށް އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ޕެކިންގައި ހުރި ހެރޮއިން އާއި ކެނެބިސް އެވެ. އެ މައްސަލާގައި އެ ފަޅު ރަށުން އަތުލީ 100 ކިލޯގެ ހެރޮއިން އާއި 49 ކިލޯގެ ކެނަބިސް އެވެ. އެތަކެތީގެ މަގުމަތީގެ އަގަށް 240 މިލިޔަން ރުފިޔާގެ އަރަ އެވެ.