ކަނޑު މަގުން ރާއްޖެ އެތެރެކޮށް ގދ. އަތޮޅުގެ ފަޅުރަށް، ހުޅުވާރުލުގައި ވަޅުލައިގެން އުޅެނިކޮށް 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ކުރި ދައުވާތައް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލާފައިވާއިރު، އެ ނިންމުން އިސްތިއުނާފު ކުރުމާމެދު އަދި ގޮތެއް ނިންމާފައިވާ ނުވާ ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނެފި އެވެ.
މިިދިޔަ އޭޕްރީލް މަހު ފެނުނު މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހެއްގެ ދައުވާ ކުރަން ޕީޖީގެ އޮފީހުން އެންމެ ފުރަތަމަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ.
ނަމަވެސް، އެ މައްސަލަ ހުށަހަޅަން ޖެހޭނީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަކަށް ކަމަށް ބުނެ އިބްތިދާއީ މަރުހަލާގައި ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން ދައުލަތުން އެ މައްސަލަ ހުށަހަޅާފައިވަނީ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށެވެ.
އެ މައްސަލާގައި އިއްޔެ ހެނދުނު ބޭއްވި ޝަރީއަތުގައި އެ ދައުވާތައް ކޯޓުން ބޭރު ކޮށްލާފައިވަނީ ދައުވާ ކުރަން ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ފަހުން މައްސަލަ ހުށަހަޅާފައިވާތީ އެވެ.
އަދި ހެކި ހޯދުމާއި ތުހުމަތަށް ދައުވާކޮށްފައިވާ މީހުން ހައްޔަރުކުރުމުގައި އިޖުރާއަތްތަކާ ހިލާފުވެފައިވާކަމަށް ކޯޓުން ވަނީ ފާހަގަކޮށްފަ އެވެ.
އެކަމާ ގުޅިގެން، ޕީޖީގެ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިޔުޓާ އަހްމަދު ޝަފީއު މިއަދު އަވަސްއަށް ވިދާޅުވީ އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ އިޖުރާއީ މައްސަލައެއް ކަމަށް ބުނެ ކަމަށެވެ.
"އިސްތިއުނާފް ކުރުމާމެދު އަދި ގޮތެއް ނުނިންމަން،" ޝަފީއު ވިދާޅުވި އެވެ.
ދައުވާތައް ބޭރުކޮށްލުމުގެ އިތުރުން، އެ މައްސަލާގައި ގައްދޫ ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ހަތަރު މީހުންވެސް އިއްޔެ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
ރާއްޖެ އެތެރެކޮށް އެ ރަށަށް ބަލާފައި ވަޅުލައިގެން އުޅެނިކޮށް އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ޕެކިންގައި ހުރި ހެރޮއިން އާއި ކެނެބިސް އެވެ. އެ މައްސަލާގައި އެ ފަޅު ރަށުން އަތުލީ 100 ކިލޯގެ ހެރޮއިން އާއި 49 ކިލޯގެ ކެނަބިސް އެވެ. އެތަކެތީގެ މަގުމަތީގެ އަގަށް 240 މިލިޔަން ރުފިޔާގެ އަރަ އެވެ.