މަސްތުވާތެކެތީގެ ބޮޑު މައްސަލައެއްގައި ފުލުހުން ކޯޓު އަމުރެއް ނެތި އޮފީހަކަށް ވަދެ ހެކި ހޯދާފައިވާތީ ތުހުމަތުވާ މީހާއަށް އަދަބު ނުދެވި މައްސަލަ ސުޕްރީމް ކޯޓުގައި ވެސް ނާކާމިޔާބުވެއްޖެ އެވެ.
މި މައްސަލައަކީ 2011 ވަނަ އަހަރުގެ ތެރޭގައި އަތުލައިގަތް ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ އެވެ. މި މައްސަލާގައި ހައްޔަރުކުރި ރ. މަޑުއްވަރީ މުޝްތަރީގޭ ހުސައިން ސޮބާހު އުމުރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކުރި އެވެ. ނަމަވެސް 2014 ވަނަ އަހަރުގެ ތެރޭގައި ހައިކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.
ހައިކޯޓުން އުމުރު ދުވަހުގެ އެ ހުކުމް ބާތިލް ކުރީ ފުލުހުން ހެކި ހޯދާފައި އޮތް ގޮތް ގޯސްވެ، އެ މައްޗަށް އޭނާއަށް އަދަބު ދެވެން ނޯންނާނެތީ އެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުން އެ ކޯޓުން ވެސް ވަނީ ހައިކޯޓުގެ ހުކުމަށް ތާއިދުކޮށް ފުލުހުން ހެކި ހޯދުމުގައި ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް އިސްކަންދޭން އަންގާފަ އެވެ.
މި މައްސަލާގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތަކީ ސޮބާއި އިތުރު މީހަކު މަގުމަތިން ފެނުމުން ހުއްޓުވައި ފާސް ކުރުމުގެ ތެރެއިން ފެނުނު ތަޅުދަނޑިއެއްގެ އެހީގައި އޮފީހަކަށް ވަދެ އެ ތަން ފާސްކުރި އެވެ. އެތަނަށް ފުލުހުން ވަނީ ކޯޓު އަމުރެއް ނެތި އެވެ. އަދި މަގުމަތިން ސޮބާހު ހުއްޓުވާފައިވަނީ ވެސް ކުށެއް ކުރަނިކޮށެއް ނޫނެވެ. އޮފީހުން ފެނުނު މަސްތުވާތަކެތިން ސިބާހުގެ އިނގިލީގެ ނިޝާން ފެނިފައިވެ އެވެ.
ސުޕްރީމް ކޯޓުން ބުނީ އެ މަސްތުވާތަކެތިން ސޮބާހުގެ އިނގިލީގެ ނިޝާން ފެނިފައިވީ ނަމަވެސް ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކިތައް ބަލައިގަތުން ގާނޫނު އަސާސީއިން ވެސް މަނާ ކުރާތީ އެ ހެއްކަށް ބުރަދަނެއް ދެވެން ނޯންނާނެ ކަމަށެވެ. އެ އޮފީހަށް ފުލުހުން ކޯޓު އަމުރެއް ނެތި ވަދެފައިވަނީ ގާނޫނު އަސާސީއިން އެކަމަށް ހުއްދަދޭ ހާލަތެއް އޮވެގެން ނޫން ކަމަށެވެ.
ގާނޫނު އަސާސީގެ 47 ވަނަ މާއްދާގައިވާ ގޮތުން، ކޯޓު އަމުރެއް ނެތި މީހެއްގެ އަމިއްލަ ތަނަކަށް ވަދެވޭނީ މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތެއްގައި އެކަންޏެވެ. ގާނޫނު އަސާސީގެ މި ހައްގު ހަނިކޮށްފައިވާ ގާނޫނު މި ހާދިސާ ހިނގި ވަގުތު ވުޖޫދުގައި ނެތްކަން ވެސް ހުކުމްގައި ފާހަގަކުރި އެވެ.
ދައުލަތުން ބުނެފައިވާ ގޮތުގައި އެ ތަނަށް ކޯޓު އަމުރެއް ނެތި ފުލުހުން ވަނީ ފުލުހުންގެ އިހްތިޔާރުތަކާއި ބާރުތައް ބޭނުން ކުރުމުގެ ގަވާއިދުގައި އެފަދަ ތަންތަނަށް ވަނުމުގެ ބާރު އޮތީމަ އެވެ. އަދި އެގޮތަށް ފުލުހުން އަމަލު ކޮށްފައިވަނީ ހެޔޮ ނިޔަތުގައި ޕްރޮބަބްލް ކޯޒްއެއް އޮވެގެން ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް ހުކުމްގައި ބުނީ ގާނޫނަކުން ހަނިކޮށްފައި ނުވާ ހައްގެއް ގަވައިދަކުން ހަނި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި ފާހަގަކުރި ގޮތުގައި ފުލުހުންނަށް ގޯސް ހެދުނީ މިކަމުގައި ގާނޫނީ އިޖުރާއަތުގެ މަގަށްވުރެ، ކުރު މަގެއް އިހްތިޔާރު ކުރުމުންނެވެ. ހުކުމްގައި ބުނި ގޮތުގައި ގާނޫނާ އެއްގޮތަށް ކޯޓު އަމުރެއް ހޯދައި ގާނޫނީ ގޮތުން ބަލައިގަނެވޭނެ ހަރުދަނާ ހެކި ހޯދަން ވަގުތު މި ކަމުގައި ފުލުހުންނަށް ލިބުނެވެ. އެ މަގުން ދިޔުމުގެ ބަދަލުގައި އިހްތިޔާރުކުރި ފަސޭހަ އަދި ކުރު މަގަކީ ގާނޫނާ ހިލާފު މަގެއް ކަމަށް ހުކުމްގައި ބުންޏެވެ.
މީގެއިތުރުން ދައުލަތުން ފާހަގަ ކުރާ "ހެޔޮ ނިޔަތަކީ" ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގެއް މަހުރޫމްކޮށްލުމަށް ދެއްކޭނެ ހުއްޖަތެއް ނޫން ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުންޏެވެ. "ހެޔޮ ނިޔަތް" ކަމަށް ބުނެ ހައްގުތައް މަހުރޫމް ކުރަން ފުރުސަތު ދީފިނަމަ އޭގެ ނާޖާއިޒް ފައިދާ ނެގުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.
ހުކުމްގައި ބުނީ ހައްގުތައް ނިވާފަތްގަނޑަކަށް ހަދައިގެން ކުށްކުރާ އަދި ކުށުން ސަލާމާތްވާން މަސައްކަތް ކުރާނަމަ އެކަން ހުއްޓުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. ކުށްކުރާ މީހުންނަށް އަދަބު ދޭން ދައުލަތުން ބޭނުންވާނަމަ އަމަލު ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އިޖުރާއަތްތައް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. ނޫންނަމަ ނަތީޖާއަކަށް ވެގެންދާނީ ކުށްވެރިން އެއްކޮށް މިނިވަންވެގެން ދިއުން ކަމަށް ބުންޏެވެ.
މި މައްސަލައިން ލިބުނު ފިލާވަޅެއްގެ ގޮތުގައި ހުކުމްގައި ބުނެފައިވަނީ ގާނޫނުގައިވާ އިޖުރާއަތްތައް ފުރިހަމަ ނުކުރާނަމަ އަދަބު ލިބުން އެކަށިގެންވާ މީހަކު މިނިވަންވެ، އެފަދަ ކުށްތަކުން މުޖުތަމައު ސަލާމަތް ކުރުމަށް ދައުލަތުން ކުރާ މަސައްކަތް ބޭކާރުވެގެންދާނެ ކަމަށެވެ. ގާނޫނަށް އަމަލު ނުކުރުމުގެ ނަތީޖާއަކީ މުޅި މުޖުތަމައުގެ މަސްލަހަތު ގެއްލުމާއެކު ތުހުމަތު ކުރެވޭ މީހާގެ ވެސް ހައްގުތަކެއް ގެއްލިގެން ދިޔުން ކަމަށެވެ.
މި ހުކުމް އިއްވާފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.