ކަނޑު މަގުން ރާއްޖެ އެތެރެކޮށް ގދ. އަތޮޅުގެ ފަޅުރަށް، ހުޅުވާރުލުގައި ވަޅުލައިގެން އުޅެނިކޮށް އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ އަލުން މުރާޖާކޮށް ދައުވާކުރުމާަ މެދު ގޮތެއް ނިންމަން ޕްރޮސިއުޓާ ޖެނެރަލް(ޕީޖީ) އޮފީހަށް އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ މި މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން މައްސަަލަ ބޭރުކޮށްލުމާ ގުޅިގެން އެކަން ބަލައި މަޖިލީހުގެ ޖުޑިޝަރީ އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި އެގޮތަށް ހުށަހަޅާފައި އޮތުމުން ނެވެ.
އެ ރިޕޯޓް އިއްޔެ މަޖިލީހުގެ ތަޅުމުން ފާސްކުރީ 55 މެންބަރުންގެ ވޯޓާ އެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
މައްސަލައިގެ ޓައިމް ލައިން
- އޭޕްރީލް 2019 - ހުޅުވާރުލުގައި ވަޅުލައިގެން އުޅެނިކޮށް 149 ކިޅޯގެ މަސްތުވާތަކެތި އަތުލައިގަތް
- ޖުލައި 2019- ފަސް މީހެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅި
- އޮގަސްޓް 2019 - މައްސަލަ ހުށަހަޅަން ޖެހޭނީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަކަށް ކަމަށް ބުނެ މައްސަލަ ބޭރުކޮށްލި
- ޖެނުއަރީ 2021 - ގދ. ގައްދޫ ކޯޓަށް އެ މަައްސަލަ ހުށަހެޅުމުން އެ ކޯޓުން ވެސް މައްސަލަ ބޭރުކޮށްލި. އެއީ ދައުވާކުރަން ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވިފަހުން ކޯޓަށް މައްސަލަ ހުށަހަޅުމުން ކަމަށް ބުނެ.
- ޖެނުއަރީ 2021- މި މައްސަލަ އިސްތިއުނާފް ނުކުރަން ޕީޖީން ނިންމުމުން މަޖިލީހުން މައްސަލަ ބަލަން ފެށި
ކޮމިޓީން ދެކޭ ގޮތް: މައްސަލަ ބޭރުކޮށްލިޔަސް އަލުން މައްސަލަ ހުށަހަޅޭނެ
ޑްރަގުގެ މި ބޮޑު މައްސަަލަ އިސްތިއުނާފު ނުކުރުމަށް ޕީޖީން ނިންމި ނަމަވެސް އެ މައްސަލަ ބެލި މަޖިލީހުގެ ސަބް ކޮމިޓީން ދެކޭ ގޮތުގައި އެކަމަށް ހުރަހެއް ނެތެވެ.
ސަބްކޮމިޓީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މި މައްސަލައިގައި ޓްރަޔަލް ކޯޓުގައި އަލުން ދައުވާ ކުރުމުގެ ފުރުސަތު އެބަ އޮތެވެ. އަދި އެކަމުގައި ގާނޫނީ ހުރަހެއް ވެސް ނެތެވެ.
"އިބްތިދާއީ ނުވަތަ ޕްރިލިމިނަރީ މަރުހަލާގެ ހިސާބުން ކޯޓުން ބޭރުކޮށްލާ މައްސަލަތަކުގެ ތެރެއިން އަލުން ދަޢުވާކުރެވެން ހުންނަ މައްސަލަތަކުގައި އަލުން ހަމަ އެ ކޯޓެއްގައި ނުވަތަ އިހުތިސާސް ލިބިގެންވާ އެހެން ކޯޓެއްގައި ހަމަ އެ ދައުވާ ނުވަތަ ދައުވާއަށް ބަދަލު ގެނެސްގެން ދައުލަތުން ދައުވާކުރުމަކީ އަދުލުއިންސާފުގެ ހަރުދަނާ ނިޒާމުތައް ގާއިމުވެފައިވާ ދުނިޔޭގެ ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި އާންމުކޮށް އަމަލުކުރެވެމުންދާ އުސޫލެކެވެ." ކޮމިޓީގެ ރިޕޯޓްގައި ބުނެފައި ވެއެވެ.
ގާނޫނާ ހިލާފަށް ހެކި ހޯދިޔަސް ކޯޓަށް ބަލައިގަނެވޭނެ
މި މައްސަލައި ދައުވާކުރުމަށް ހުރި އެއް ހުރަހެއްގެ ގޮތުގައި ޕީޖީން ފާހަގަކޮށްފައިވަނީ ފުލުހުން ގާނޫނާ ހިލާފަށް ހެކި ހޯދައިފައިވުމެވެ. އޭގެ ތެރޭގައި ފުލުހުންގެ ތަހުގީގުގައި އެމީހުން ފުރަތަމަ ގެންގުޅެފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވެފައި އެމީހުންނަށް އެއްވެސް ގާނޫނީ އިންޒާރެއް ދީފައި ނުވުން ހިމެނެ އެވެ. ނަމަވެސް ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނީ ގާނޫނާ ހިލާފަށް ހޯދާ ހެކިވެސް ބައެއް ހާލަތްތަކުގައި ކޯޓަށް ބަަލައިގަނެވިދާނެ ކަމަށެވެ.
"ގިނަ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ހެއްކެއް، ހެއްކެއްގެ ގޮތުގައި ކޯޓުން ބަލައިނުގަންނަ އިސްތިސްނާ ހާލަތްތަކެއް ވީނަމަވެސް، ކޯޓަށް ބަލައިގަނެވޭ، މައްސަލައާ ގުޅުންހުރި އަދި އެ މައްސަލައަކަށް މުހިންމުވާ އަދި ހެއްކެއްގެ ގޮތުގައި އިތުބާރުހިފޭ، ކޮންމެ ހެއްކަކީ ހެއްކެއްކަމަށް ބަލައިގަންނަމުން ދިއުމަކީ އާންމު އުސޫލެކެވެ. އަދި އެއީ ގާނޫނާ ހިލާފަށް ހޯދާފައިވާ ހެއްކެއްކަމުގައިވީނަމަވެސް މެއެވެ." ކޮމިޓީގެ ރިޕޯޓުގައި ބުނެފައި ވެއެވެ.
އެހެންކަމުން މި މައްސަލަ އަލުން މުރާޖާކޮށް އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ބަލައި އަލުން ދައުވާ ކުރަން ޓްރަޔަލް ކޯޓަށް ހުށަހެޅުމާމެދު ގޮތެއް ނިންމަން ޕީޖީއަށް އަންގަން މަޖިލީހުން އިއްޔެ ފާސްކުރި އެވެ.