ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

149 ކިލޯގެ ޑްރަގު މައްސަލަ: ފެށުމުގައިވެސް ފުލުހުން ހެދީ ގޯސް

ކަނޑު މަގުން ރާއްޖެ އެތެރެކޮށް ގދ. އަތޮޅުގެ ފަޅުރަށް، ހުޅުވާރުލުގައި ވަޅުލައިގެން އުޅެނިކޮށް 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ސާފުނުވެ ހުރި ބައެއް ކަންތައްތައް ސާފުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ހާޒިރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެމައްސަލަ ބޭރުކޮށްލީ ކީއްވެގެންތޯ މިއަދު އޮތް ކޮމިޓީގެ ބައްދަލުވުމުގައި ޕީޖީ އާއި ވަނީ ސުވާލު ކޮށްފަ އެވެ.

ކޮމިޓީއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޕީޖީ ވިދާޅުވީ، ކްރިމިނަލް ކޯޓުން މައްސަލަ ބަލައިނުގަތީ ދެ ކަމަކާއި ގުޅިގެން ކަމަށެވެ. ފުރަތަމަ ކަމަކަށް ދައުވާ ލިބޭ ދެ ފަރާތުން ދީފައިވާ ބަޔާނުގައި ދިފާއީ ވަކީލުން ސޮއިކޮށްފައި ނެތުމުން ދެމީހުން ބަޔާން ނެތްކަމަށް ނިންމުމެވެ. ދެވަނަ ކަމަކަށް މައްސަލައަކީ އެ ކޯޓަށް ބެލުމުގެ އިހްތިސޯސް ނެތް އަދި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބަލަން ޖެހޭނެ މައްސަލައެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލާފައިވާ ކަމަށް ޕީޖީ ވިދާޅުވި އެވެ.

ޕީޖީ ވަނީ މި މައްސަލައިގެ ފެށުމުގައި ވެސް ފުލުހުން ގާނޫނާ ހިލާފަށް އަމަލުކުރިކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ވެސް 24 ގަޑިއިރު ވަންދެން އެއްވެސް ކޯޓެެއްގެ ބަލައި ފާސްކުރުމުގެ އަމުރެއް އަދި ގާނޫނީ ގޮތުން މީހަކު ހައްޔަރުވެސް ނުކޮށް އެމީހުން ގެންގުޅެފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ފަސް މީހުން ފުލުހުން ބަންދުކުރުމުގެ އަމުރެއް ފުލުހުން ހޯދާފައި ވަނީ އެހާދިސާ ހިނގިތާ 24 ގަޑިއިރު ފަހުން އަނެއް ދުވަހުގެ ރޭ ކަމަށް ވެސް ޕީޖީ ފާހަގަ ކުރެއްވިއެވެ.

މިމައްސަލައިގައި ފަސް މީހަކު ހައްޔަރުކުރި އެވެ. އެއީ ގއ. ކޮނޑޭ ގަހާކޯޅި، އަހުމަދު އަނީލް (34)، ގއ. ނިލަންދޫ ދިހްޝާންވިލާ އަލީ ޝާކިރު (30)، ގދ. ގައްދޫ އެދުރުގެ، އަހުމަދު ހާމީމު (42)، ގއ. ކޮނޑޭ ރޮމޭންސް ޝަފީޒް މުހައްމަދު (35)، އަދި ގދ. ގައްދޫ އެދުރުގެ ޔާމިހް ހާލިދު (23) އެވެ.

މައްސަލައިގެ ހެކި ހުއްޓައި މައްސަލަ ނުނިމިގެން އުޅެނީ ކީއްވެތޯ ކޮމިޓީގެ މެންބަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޕީޖީ ވިދާޅުވީ، ފުލުހުން ހޯދާފައިވާ ހެއްކަކީ ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކި ކަމަށެވެ. ސަބަބަކީ ފުލުހުންގެ ތަހުގީގުގައި އެމީހުން ފުރަތަމަ ގެންގުޅެފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވެފައި އެމީހުންނަށް އެއްވެސް ގާނޫނީ އިންޒާރެއް ދީފައި ނުވާތީ ކަމަށެވެ.

މިމައްސަލަ އަލުން ތަހުގީގު ކުރެވިދާނެތޯ ވެސް ކޮމިޓީން ވަނީ ސުވާލުކޮށްފަ އެވެ. ޕީޖީ ވިދާޅުވީ އެއީ އިތުރަށް ބަލަން ޖެހޭ މައުލޫއެއް ކަމަށެވެ.

މި މައްސަލައިގައި ހުރިހާ އިދާރާއަކުން އިހުމާލު ވެފައިވާކަން ކޮމިޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި މައްސަލައިގައި ފުލުހުން، ޕީޖީ، ކްރިމިނަލް ކޯޓު އަދި ޖޭއެސްސީ ވެސް އިހުމާލުވެފައިވާ ކަމަށެވެ.

މިއަދުގެ މަޖިލީހުގެ ދެން އޮތް ބައި ކުރިއަށް ގެންދިޔައީ ސިއްރުކޮށެވެ. ޕީޖީގެ އެދުމާއި އެކީ މައްސަލައިގެ ބާވަތުން ސިއްރުކުރަން ޖެހޭ ބައެއް ކަންތައްތައް ހުރުމުން ކޮމިޓީއަށް ހާޒިރުވެ ތިބި މެމްބަރުންގެ ވޯޓުން ދެން އޮތް ބައި ކުރިއަށް ގެންދިޔައީ ސިއްރުންނެވެ.

ރާއްޖެ އެތެރެކޮށް ގދ. ހުޅުވާރުލުގައި ވަޅުލައިގެން އުޅެނިކޮށް އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ޕެކިންގައި ހުރި ހެރޮއިން އާއި ކެނެބިސް ހިމެނެ އެވެ. އެ މައްސަލާގައި އެ ފަޅު ރަށުން އަތުލީ 100 ކިލޯގެ ހެރޮއިން އާއި 49 ކިލޯގެ ކެނަބިސް އެވެ. އެތަކެތީގެ މަގުމަތީގެ އަގަށް 240 މިލިޔަން ރުފިޔާ އަރަ އެވެ.