ކްރިމިނަލް ކޯޓް

ކެނެބިސް އެތެރެކުރި މީހަކު އުމުރަށް ޖަލަށް

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އެތެރެކުރި މީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މި ހުކުމް ކޮށްފައިވަނީ ޅ. ނައިފަރު، ވެލިދޫގެ، މުހައްމަދު ޝަބިމްގެ މައްޗަށެވެ.

އޭނާ ވަނީ މި އަހަރުގެ މާޗް މަހުގެ 11 ވަނަ ދުވަހު މަސްތުވާތަކެއްޗާއެކު ވިލިމާލޭ ޝެއިހް އަބްދުއްރަހްމާން ޕްރީސްކޫލުގެ ކައިރިން ހައްޔަރުކޮށްފަ އެވެ.

ފުލުހުން ޕެޓްރޯލްކުރުމުގެ ތެރެއިން އޭނާގެ އުޅުން ހުރި ގޮތުން މަަސްތުވާތަކެތި އޭނާގެ އަތުގައި ހުރި ކަމަށް ޝައްކުކުރެވޭތީ ބަލައި ފާސްކުރުމުގެ ތެރެއިން އޭނާގެ ޖީބު ތެރެއިން ވަނީ ފިލްމު ހުސްކުރި ދަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝާއްކުކުރެވޭ އެއްޗެއް ފެނިފަ އެވެ.

މިތަކެތި ޓެސްޓް ކުރުމުން ކެނެބިސްއަށް ޕޮޒިޓިވް ވެފައިވެ އެވެ. މިތަކެތީގެ ބަރުދަނުގައި 23.9378 ގްރާމް ހުރި ކަމަށް ހުކުމުން އެނގެ އެވެ.

ޝަރީއަތުގައި ސުވާލުކުރުމުން ޝަބިމާ ބުނީ މަސްތުވާތަކެތި އޭނާގެ ޖީބުން ފެނުނު ސަބަބެއް އޭނާއަށް ނޭނގޭ ކަމަށެވެ. އެހެންނަމަވެސް އެކަމަށް އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.

ޝަބިމް ކެނެބިސް ބޭނުންކުރިތޯ ބެލުމަށް ހެދި ކުޑަކަމުދާ ޓެސްޓުން ވެސް ޕޮޒިޓިވް ވެފަ އެވެ. އަދި ފުލުހުންގެ ތަހުގީގުގައި އޭނާ ވަނީ އެ ތަކެތި ބޭނުންކުރި ކަމަށް އެއްބަސް ވެފަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުން މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުރި މީހެއްގެ އަތުން 14 ގްރާމަށް ވުރެ ގިނައިން މަސްތުވާތަކެތި ފެނިއްޖެނަމަ އެއީ އެތަކެތި ޓްރެފިކް ކުރާ މީހެއް ކަމަށް ބެލަ އެވެ. އެގޮތުން ޝަބިމަކީ ކެނެބިސް ޓްރެފިކް ކުރާ މީހެއް ކަމަށް ހުކުމުގައި ވަނީ ކަނޑައަޅާފަ އެވެ. އެހެންކަމުން އޭނާއަށް ކެނެބިސް ޓްރެފިކް ކުރުމުން ލިބޭ އަދަބު ކަމަށްވާ އުމުރަށް ޖަލަށް ލުމާއެކު، 100،000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައިވެ އެވެ. އަދި މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދައްކާ ހަލާސްކުރުމަށްވެސް އަމުރުގައިވެ އެވެ.