ކްރިމިނަލް ކޯޓް

61 ކިލޯގެ ޑްރަގު މައްސަލަ: ދެ މީހަކަށް ކުށް ސާބިތެއް ނުވި

ރާއްޖެއިން ބޭރުގެ ނެޓްވޯކްތަކަކާ ގުޅިގެން ދޯންޏެއްގައި 61 ކިލޯ ޑުރަގު ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް 2020 ވަނަ އަހަރު އަތުލައިގަތް މ. ބޮއިލިން ފިޝް، އަހުމަދް ވިސާމް އާއި، މ. ވިރާހް މުހައްމަދު ޝާމިންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ނެތުމުން ޖަލު އަދަބުން ސަލާމަތްވެއްޖެ އެވެ.

އަހްމަދު ވިސާމް އަދި މުހައްމަދު ޝާމިން ވަނީ ތަހުގީގަށް ހައްޔަރުކުރުމުން އެމީހުންގެ ފޯނުގެ ޕާސްވޯޑް ހަނދާން ނެތް ކަމަށް ބުނެ ފޯން ހުޅުވައި ދޭން އިންކާރުކޮށްފަ އެވެ. އެހެންކަމުން ދައުލަތުން ވަނީ އެމީހުންގެ މައްޗަށް އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާކޮށްފަ އެވެ.

މަސްތުވާތަކެތީގެ މައްސަލަ އާއި ގުޅިގެން ތަހުގީގު މަރުހަލާ އަދި ޝަރީއަތުގެ މަރުހަލާގައި ވިސާމް ދެ އަހަރާއި ހަތް މަހާ 24 ދުވަސް ހޭދަކޮށްފައިވާއިރު ޝާމިން ހަތް މަހާއި 23 ދުވަސް ބަންދުގައި ހޭދަކޮށްފައިވެ އެވެ.

އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ކުށަކީ ޖިނާޔަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމަށް ވާތީ މި ކުށުގެ އަސްލު އަދަބަކީ އެއް އަހަރާއި ހަތްމަހާއި ހަ ދުވަހެވެ.

މި މައްސަލާގައި އަހްމަދު ވިސާމްގެ މައްޗަށް ކަނޑައެޅޭ މުއްދަތަށް ވުރެ ދިގު މުއްދަތެއް އޭނާ ޖަލު ބަންދުގައި ހޭދަކޮށްފައިވެ އެވެ. އެހެންވެ ދައުލަތުން ވަނީ ވިސާމުގެ މައްޗަށް އުފުލި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާއާއި ގުޅިގެން އޭނާ ތަންފީޒު ކުރަންޖެހޭ އަދަބެއް މިހާރު ނެތް ކަމަށް ކަނޑައަޅައި ދިނުމަށް އެދިފަ އެވެ. ދައުލަތުން އެގޮތަށް އެދުމުންނާއި ވިސާމު ޖަލުގައި ހުންނަންޖެހޭ މުއްދަތު ހަމަވެފައިވާތީ ވިސާމު ވަނީ ސަލާމަތްވެފަ އެވެ.

މުހައްމަދު ޝާމިންގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާގެ އަސްލު އަދަބު ކަމަށްވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ތެރެއިން ހަތް މަހާއި 23 ދުވަސް އޭނާ ވަނީ ޖަލު ބަންދުގައި ހޭދަކޮށްފަ އެވެ. އެހެންވެ އޭނާ ޖަލުގައި ތަންފީޒު ކުރަންޖެހެނީ 11 މަހާއި 13 ދުވަހެވެ. ޖަލުގައި ތަންފީޒު ކުރަންޖެހޭ އަދަބު ލުއިކޮށްދިނުމަށް ޝާމިން އެދިފައިވެ އެވެ. އެހެންވެ އޭނާ ތަންފީޒުކުރަންޖެހޭ 11 މަހާއި 13 ދުވަހުގެ ތެރެއިން ހަ މަހުގެ ޖަލުގެ އަދަބު އެއް އަހަރުގެ ގޭ ބަންދުގެ އަދަބަކަށް ބަދަލުކުުރުމަށް ނިންމާފައިވެ އެވެ. ޖަލުގެ އަދަބު ގޭބަންދަށް ބަދަލުކުރާނަމަ ހުކުމްގެ ގޮތުގައި ހޭދަކުރަންޖެހޭ މުއްދަތު އިތުރުވެ އެވެ. އަދި ހުކުމްގައި ބާކީ އޮންނަ ފަސް މަހާއި 13 ދުވަހުގެ ޖަލު އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށް ޖުރިމަނާގެ ގޮތުގައި 32،600 ރުފިޔާ ދައްކަންވެސް ކޯޓުން ޝާމިންގެ މައްޗަށް ހުކުމްކޮށްފައިވެ އެވެ.

ރާއްޖެއިން ބޭރުގެ ނެޓްވޯކްތަކަކާ ގުޅިގެން 61 ކިލޯގެ ޑުރަގު ރާއްޖެ އެތެރެކުރަން އުޅުމުގެ ކުށުގައި ޖުމްލަ 10 މީހަކަށް ދައުލަތުން ދައުވާކޮށްފައިވެ އެވެ. މީގެތެރެއިން ހަ މީހަކަށް ކުށް ސާބިތުވެ މި ހަ މީހުން އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ކުށް ސާބިތު ނުވާ މީހުންގެ ތެރޭގައި އަހްމަދު ވިސާމް އާއި މުހައްމަދު ޝާމިންގެ އިތުރުން އަދި އިތުރު ދެ މީހުން ވެސް ހިމެނެ އެވެ. މި މީހުންގެ މައްޗަށް ކުށް ސާބިތު ނުވީ ދޯނިން ފެނުނު މަސްތުވާތަކެތި މި މީހުންނަށް ދެއްކުމުގެ ގޮތުން ދޯންޏަށް ގެންގޮސް އެކަން ކޮށްފައި ނުވާތީ އާއި، މަސްތުވާތަކެއްޗާއި މި މީހުންނާ ގުޅުން ހުރި ގޮތެއް ދައުލަތަށް ބުނެދެވިފައި ނުވާތީ އެވެ.