މަސްތުވާތަކެތި

70 ކިލޯގެ ޑްރަގު މައްސަލަ: 10 މީހަކަށް ދައުވާ

Feb 15, 2021
2

ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މިދިއަ ޑިސެމްބަރު މަހު ހައްޔަރުކުރި މީހުންގެ ތެރެއިން 10 މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މިދިޔަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއާއި، ރ. އިންގުރައިދޫ، އެލެސްކާ، މުހައްމަދު ވިސާމް އިސްވެހުރެ، "މަސްޖަރީ 2" ނަމަކަށްކިޔާ ދޯންޏެއްގައި، ބަރުދަނުގައި 72 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރިކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ހިމެނޭ 10 މީހެއްގެ މައްޗަށް ދައުވާކޮށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލާގައި އިސްކޮށް ތިބި ދެ މީހުންގެ އިތުރުން، އަށް މީހެއްގެ މައްޗަށް ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އެވެ.

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ކުރާ މީހުން

  • ސ. ހުޅުދޫ، ދޭލިޔާގެ، ޢިރުފާން ތަޤިއްޔު
  • ރ. އިނގުރައިދޫ، އެލެސްކާ، މުޙައްމަދު ވިސާމް
  • ރ. އިނގުރައިދޫ، އެލެސްކާ، ޢަބްދުﷲ ވިސާމް
  • ދ. މާއެނބޫދޫ، އަނބުގޮސްދޮށުގެ، އަޙްމަދު ނަޞީރު
  • ކ. މާލެ، ހ. ގާރޑްންބިޔުޓީ، މުޙައްމަދު އަކްރަމް
  • ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުޙައްމަދު ޝަރީފް
  • ލ. ގަން-ތުނޑި، ޕެރިސްހޮލިޑޭ، މުޙައްމަދު ފުރުޤާން
  • ރ. ރަސްގެތީމު، ފީރޯޒްގެ، އަޙްމަދު ޝިނާން
  • ތ. ތިމަރަފުށި، ތަނޑިރަތްމާގެ، މުޙައްމަދު ވަޖީޙު
  • ކ މާލެ، މއ. ކަނޑޫގެ، ޢަލީ އަޙުމަދު

މީގެ އިތުރުން، ދ. މާއެނބޫދޫ، އަނބުގޮސްދޮށުގެ، އަހުމަދު ނަސީރު، ކ. މާލެ، ހ. ގާޑްންބިޔުޓީ، މުހައްމަދު އަކްރަމްގެ އިތުރުން، ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުޙައްމަދު ޝަރީފްގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން ހަފްތާއެއްހާ ދުވަސްކުރިން ފަށައިގެން ހިންގަމުންދިޔަ އޮޕަރޭޝަނުގައި ފުލުހުން ދިޔައީ ރާއްޖޭގެ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.

މި އޮޕަރޭޝަނުގައި ރާއްޖެ އެތެރެކުރި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދާފައިވާކަމަށް ފުލުހުން ބުނެ އެވެ