ޕްރޮސެކިއުޓާ ޖެނެރަލް {ޕީޖީ) އޮފީހުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި 150 މީހެއްގެ މައްޗަށް 193 ދައުވާ އުފުލައިފި އެވެ.
ޕީޖީ އޮފީހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ތެރޭގައި ދައުވާ ކުރަން ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ 61 ދައުވާ އާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ހަ ދައުވާ އާއި މަސްތުވާތަކެތި މުއާމަލާތު ކުރުމުގެ ތިން ދައުވާގެ އިތުރުން މަސްތުވާތަކެތި ޕެޑްލްކުރުމުގެ ދެ ދައުވާއެއް ވަނީ ކޯޓުތަކަށް ހުށަހަޅާފަ އެވެ.
ވައްކަން ކުރުމުގެ 20 ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ 14 ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ 14 ދައުވާ ވަނީ ކޯޓުތަަކަށް ހުށަހަޅާފަ އެވެ. މީގެއިތުރުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ނުވަ ދައުވާ އެއް ވެސް މިދިޔަ މަހު ކޯޓުތަކަށް ހުށަހަޅާފައިވެ އެވެ.
ޕީޖީ އޮފީހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު ދައުވާ ކުރުމަށް އެދި އެ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަނަށް 214 މައްސަލަ ހުށަހެޅުނެވެ.
މީގެތެރެއިން 60 މައްސަލަ ބަލައިގަތްއިރު 48 މައްސަލަ ދިރާސާކުރަމުންދާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް 70 މައްސަލަ އަނބުރާ ފޮނުވާލާފައިވާއިރު އެކި ސަބަބުތަކާއި ހުރެ 36 މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.