ޝަރުއީ ދާއިރާ ރިފޯމް ކުރުން

ގާޒީންނަށް ނުފޫޒު ފޯރުވާ، ގާޒީން ނުފޫޒަށް ލެނބޭ!

ޝަރުއީ ނިޒާމު އިސްލާހު ކުރަން ޖެހޭ ވާހަކަ އާއި ޝަރުއީ ނިޒާމު އިސްލާހު ކުރާނެ ކަމުގެ ވައުދަކީ އެންމެ ފަހުގެ ތިން ރިޔާސީ އިންތިހާބުގައި ވެސް އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކަ އެވެ. އިދިކޮޅުގައި އޮންނަ ޕާޓީއަކުން އެންމެ ހަރުއަޑުގައި ދައްކާ އެއް ވާހަކައަކަށް ވެފައި އޮންނަނީ ވެސް ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ ވާހަކަ އެވެ. އަދި ވެރިކަން ލިބިއްޖެނަމަ އެކަން ކުރާނެ ވާހަކަ އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ސިޔާސީ ނުފޫޒުން އެއްކިބާ ކުރުވުމާއި ފަނޑިޔާރުންނަށް ބިރު ދެއްކުން ހުއްޓުވާނެ ކަމެވެ. ފަށްފަށްކޮށް، ތަކުރާރު ކުރާ މި ވާހަކަތަކާއެކު ޝަރުއީ ނިޒާމު އޮތް ހާލަތު ވަރަށް ރަނގަޅަށް ތަސައްވުރު ކޮށްލެވެއެވެ. އަދި ވެރިކަމުގައި ތިއްބަވާ ބޭފުޅުން އެ ނިޒާމަށް ނުފޫޒު ފޯރުވާ މިންވަރު ހާމަވެ އެވެ.

ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ އަޑު އެންމެ ގަދަކޮށްލީ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެވެ. އެހެން އެކަން ދިމާވުމުގައި ވަަރަށް ގިނަ ސަބަބުތައް ހުއްޓެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެެރިކަމުގެ ފަސް އަހަރަކީ ކޯޓްތަކަށް އެންމެ ބާރު ބޮޑުވި ފަސް އަހަރެވެ. އެތައް ލޮޅުންތަކެއް ޝަރުއީ ނިޒާމަށް އައި ދައުރެކެވެ. ކުއްލި އަކަށް ސުޕްރީމް ކޯޓްގެ ބެންޗު ހަތަކުން ފަހަތަށް ބަދަލު ކޮށްލި އެވެ. އެމްޑީޕީގެ އެހީ އިންތިހާއަށް އޮވެގެނެވެ.

އޭގެ ފަހުން ދަށު ކޯޓްގެ އެތައް ފަނޑިޔާރުނެއް ބަދަލުވި އެވެ. އިސް ގާޒީން ބަދަލުވީ އަދަދެއް ވެސް ނޭނގެ އެވެ. ހައިކޯޓަށް ބައެއް ބޭފުޅުން ވަޑައިގެންނެވީ ވަރަށް ކުއްލި ގޮތަކަށެވެ. އެ މުއްދަތަކީ ރާއްޖޭގައި ސިޔާސީ އިސް ލީޑަރުންނާއި ދެކޮޅަށް އެތައް މައްސަލަތަކެއް ކޯޓްތަކުގައި ހިނގާދިޔަ ދުވަސްތަކެކެވެ. ބޮޑެތި ޖަލު ހުކުމްތައް އެ ބޭފުޅުންގެ މައްޗަށް ބަރިބަރިއަށް އިއްވަމުން ގެންދިޔަ އެވެ. ޝަރީއަތްތައް އެހާމެ ހަލުއިވެފައި ބާރެވެ. ކޯޓަށް ވަނުމާއެކު ހުކުމް އިއްވުން އޮންނަނީ ދާދި ގާތުގަ އެވެ. މި ޝަރީއަތްތައް ހިންގީ ހަމައެކަނި ސިޔާސީ ބޭފުޅުންގެ މައްޗަކަށް ނޫނެވެ. އެންމެ މަތީ ކޯޓްގައި ތިއްބެވި ބައެއް ފަނޑިޔާރުން ހިފާ ހައްޔަރުކޮށް ޖަލުގައި ބަންދުކޮށް ޝަރީއަތް ހިންގާ ހުކުމް ކުރެވުނެވެ.

މި ހުރިހާ ކަމަކާހުރެ އޭރުގެ އިދިކޮޅު ފަރާތްތަކަށް ރައްޔިތުންނަށް ވިއްކުމަށް ލިބުނު އެންމެ މުހިންމު ވައުދަކަށްވީ ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ ވައުދެވެ. ބަރިބަރިއަށް އެ ބޭފުޅުން ވިދާޅުވާ ހަވާ ފަޓާސް ބަރިއެއްހެން އިއްވަމުން އައި ހުކުމްތަކާއެކު ޖުޑީޝަރީގެ ހާލަަތު ގޯހުން ގޯހަށް ގޮސް އެއް ކަމެއް ނުކުރިޔަސް ޖުޑީޝަރީ އިސްލާހު ކުރަން އެދޭ ރައްޔިތުންގެ އަދަދު ބޮޑުވިއެވެ. އެހެން ކަމުން ރައީސް ސޯލިހާއި އެމަނިކުފާނުގެ ޓީމުން އެންމެ ބޮޑަށް ވިއްކެވީ ޖުޑީޝަރީ އިސްލާހުކޮށް ސިޔާސީ ނުފޫޒުން އެ ދާއިރާ މިނިވަން ކުރުމުގެ ވައުދެކެވެ. އެކަން ކުރުމަށްޓަކައި ޖޭއެސްސީ ބަދަލުކޮށް ސިޔާސީ ވެރިންގެ ކިބައިން އެ ކޮމިޝަނަށް ސަލާމަތް ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވައުދުވެވަޑައިގެންފައިވެއެވެ.

ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމާއެކު އެކަން މުޅީން ހަނދާން ނެތިއްޖެ އެވެ. ފުރަތަމަވެސް މަޖިލީހުގެ ރަައީސްގެ ހައިސިއްޔަތުން ޖޭއެސްސީއަށް ވަޑައިގެންނެވީ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސެވެ. ރައީސް މުހައްމަދު ނަޝީދެވެ. ކޮމިޝަންގެ މެންބަރަކަށް އެމަނިކުފާނު ވަކީލު އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންނެެވެ. ދުވަސްކޮޅަކުން އެކަމަނާ ވަޑައިގެންނެވީ ޖޭއެސްސީގެ ރައީސްގެ މަގާމަށެވެ. ބަންޑާރަ ނާއިބުގެ ހައިސިއްޔަތުން ޖޭއެސްސީގައި ރައީސް ނަޝީދުގެ ވަކީލު ރިފްއަތެވެ. މި ހުރިހާ ބޭފުޅުން މިއީ ކުރީން އެއް ލޯފާމަކަށް ނިސްބަތްވި އެއް ވިސްނުމެއްގައި ތިބި ބޭފުޅުންނެވެ. އެހެންވީއިރު ޖޭއެސްސީ ބަދަލުކޮށް ސިޔާސީ ބޭފުޅުންގެ ކިބައިން ކޮމިޝަނަށް ސަލާމަތް ކުރުމުގެ އިހުލާސްތެރި ކަމުގެ ކުޑަ މިންވަރެއް ހުރިނަމަވެސް މިހެން ނުހެއްދެވީހެވެ.

ނަމަވެސް މިފަހަރު ވިދާޅުވީ ޖޭއެސްސީގަައި އެ ބޭފުޅުން ތިއްބަވަން ރައްޔިތުން އެދެނީ ކަމަށެވެ. އަދި ޖޭއެސްސީގައި އެ ބޭފުޅުން ތިއްބަވަނީ ސިޔާސީ މީހުންގެ ގޮތުގައި ނޫން ކަމަށެވެ. ދެކޮޅު ނުޖެހޭ މިފަދަ "ހޮޅި" ވާހަކަތައް ދައްކަމުން ދައުރުގެ ދެބައިކުޅަ އެއްބައި ހަމަކޮށް ނިންމާލީއެވެ.

އެކަން އެހެން އޮއްވާ ކުއްލި ގޮތަކަށް ދަށު ކޯޓްގެ ފަނޑިޔާރުންތަކެއް ވާހަކަ ދައްކަވާ އޯޑިއޯތަކެއް އާންމުވެއްޖެ އެވެ. އިތުބާރު ހުރި މަސްދަރުތަކުން ޔަގީންކޮށްދޭ ގޮތުން އެއީ ކްރިމިނަލް ކޯޓްގައި އިދިކޮޅު ލީޑަރު ރަައީސް ޔާމީންގެ ޝަރީއަތް ހިންގެވި ބެންޗުގެ ފަނޑިޔާރުންނެވެ. ތިން ފަނޑިޔާރަކު ވާހަކަަ ދައްކަވާ ކަމަށް ބުނާ ތަފާތު ތިން އޯޑިއޯއެއް އާންމުވިއެވެ. އެއް ބޭފުޅަކު ވިދާޅުވި ގޮތުން ބެންޗުގައި އިންނެވީ ސަރުކާރުން އެދިގެންނެވެ. ހުކުމްގައި އޮތް އެއްޗެއް އެނގިވަޑައިގެންނެވީ އިސް ފަނޑިޔާރު އަލީ ރަޝީދު އިއްވުމުންނެވެ. ސަރުކާރުން އެދުނީ ބަހެއްވެސް ވިދާޅުވެ ކޯޓް ފަޓުލޫނުގައި ބެންޗުގައި އިންނެވުމަށެވެ. އެހެންވެ އެގޮތަށް ކަންތައްތައް ކުރެއްވީއެވެ. 

އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ ފޯކަސް ހުއްޓުނު އެ ޝަރީއަތް ހިންގި ބެންޗުގައި އިންނެވީ ކޯޓްގެ ހިންގެވުން ހަވާލު ކުރައްވާނެ ކަމަށް ސަރުކާރުން ދިން ޔަގީން ކަމަކުންނެވެ. އެ މަގާމަށް ޝައުގުވެރިވެވަޑައިގަންނަވާލެއް ބޮޑު ކަމުންނެވެ. ނަމަވެސް ހުރިހާ ކަމެއް ނިމި ބޭނުން ފުދުމުން ވައުދުވީ ސަރުކާރުގެ ވެރިން ފިލީއެވެ. ގުޅުމުން ފޯނެއް ނުނަންގަވައެވެ. މެސެޖަކަށް ޖަވާބެއް ނުދެއްވައެވެ.

އެހެން ބޭފުޅަކު ވިދާޅުވި ގޮތުން ޝަރީއަތް ހިންގުމުގައި ހުރިހާ ދައުރެއް އޮތީ ގާޒީ އަލީ ރަޝީދަށެވެ. އަލީ ރަޝީދަށް އޮތީ އެކަން ސަރުކާރުން ވިދާޅުވާ ގޮތަށް ނިންމަވާލެއްވުން އެންމެ މަތީ ކޯޓްގެ ފަނޑިޔާރު ކަމެވެ. އެހެން ބޭފުޅުންނަށްވެސް ހަދިޔާއެއް އޮތެވެ. ނަމަވެސް އަލި ރަޝީދުގެ ހަދިޔާ ބޮޑުވެފައި ވަރުގަދައެވެ. އަދި ހަދިޔާ ލިބުނުލެއް އަވަހެވެ. މިފަދަ އެތައް ވާހަކަތަކެކެވެ.

އޯޑިއޯތައް އާންމުވުމުން ޖޭއެސްސީން ތަހުގީގެއް ފެށިއެވެ. ސިޔާސީ ވެރިންނާއެކު ފުރި ބާރުވެފައި އޮތް ޖޭއެސްސީން ދެ ބަޔާނެއް ނެރެ ދޫކޮށްލިއެވެ. އެެއް ބަޔާނުގައި އޮތީ މައްސަލަ ބަލަން ފަށައި ފަނޑިޔާރުން ހާޒިރުކޮށް ސުވާލު ކޮށްފި ކަމަށެވެ. އެ ފަނޑިޔާރުން އޯޑިއޯތައް ދޮގު ކުރާ ކަމެވެ. އަދި އެފަދަ ވާހަކައެއް ދިރިހުރި އެއްވެސް އިންސާނެއްގެ ކަންފަތަށް އިވޭ ވަރަށްވެސް ދައްކާފައި ނުވާނެ ކަމެވެ.

ދެވަނަ ބަޔާނުގައި އޮތީ އޯޑިއޯތަކުގެ ތަހުލީލެއް ފުލުހުން މެދުވެރިކޮށް ހިންގާ ކަމަށެވެ. އަދި ފަނޑިޔާރުން ހިތާ ރޫހުން އެ ތަހުގީގަށް އެއްބާރުލުން ދޭން ނިންމެވި ވާހަކަ އެވެ. އަދި ނުރުހުމުގެ ގޮތުން ރުލެއްވެސް އަރުވާނުލައްވާ އޯޑިއޯ ސާމްޕަލް ދެއްވައިފި ކަމަށެވެ.

އެ ހިސާބުން އަނެއްކާވެސް އައު މަންޒަރެއް ނިއުޅިގަތެވެ. މިފަހަރު މަންޒަރަށް އައީ ރައީސް ޔާމީންގެ ވެރިކަމުގައި ހަލުވި ހުކުމްތައް ނެރުއްވި ފަނޑިޔާރުންނެވެ. އެކި ތުހުމަތުތައްކޮށް މިހާރު އޮތް ޖޭއެސްސީން މަގާމުން ދުރުކުރި ފަނޑިޔާރުންނެވެ. ނޫންނަމަ ވަކި ކުރާނެކަން ގައިމަށް ކަށަވަރުވުމުން އެންމެ ފަހު ވަގުތު އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ފަނޑިޔާރުންނެވެ. އެއީ ހައިކޯޓްގެ ކުރީގެ ފަނޑިޔާރު ޝުޖާއު އުސްމާން އާއި ކްރިމިނަލް ކޯޓްގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބެވެ.

އެ ބޭފުޅުން ވަނީ ބައެއް ގާނޫނީ ވަކީލުންނާއެކު ނޫސްވެރިންްގެ ބައްދަލްވުމެއް ބާއްވަވާ ޖުޑީޝަރީގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާ އިންތިހާ ހިތާމަ ފާޅުކުރައްވާފައެވެ. އަދި އާންމުވެފައިވަނީ ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުން ކަމަށް ވިދާޅުވެ ހުވާ ކުރެއްވެވިއެވެ. އެއީ ވިހި ބާސްވީސް އަހަރު އެކުގައި އުޅުއްވި ބޭފުޅުން ކަމަށް ވިދާޅުވެ އަޑު އޮޅުވައި ނުލެއްވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބައްލަވަން އެދިވަޑައިގަތެވެ. ނަމަވެސް އިންސާފުވެރިކޮށް އެކަން ނުބައްލަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދެން ސާފުކޮށް ދެއްވީ ޝަރުއީ ނިޒާމަށް ސަރުކާރުން ފޯރުވާ ނުފޫޒެވެ. މި ސަރުކާރުން އެކި ގޮތްގޮތުން އެ ބޭފުޅުންނަށް ނުފޫޒު ފޯރުވާ ވަކި މައްސަލަތަކެއް ވަކި ގޮތްތަކަށް ނިންމެވުމަށް ރައީސް އޮފީހުން އެންގެވި ކަމަށެވެ. ޗީފް އޮފް ސްޓާފް ގުޅުއްވާ ބައެއް މައްސަލަތައް ނިންމަވަން ރައީސް ސޯލިހް އެދިވަޑައިގަންނަވާ މިވެނިއެވެނި ގޮތަކަށް ކަމަށް ވިދާޅުވި ކަމަށެވެ.

އެކަމުގެ ހެކި ހުރި ކަމަށްވެސް ވިދާޅުވިއެވެ. އަދި ހެކިވެރިންގެ ގޮތުގައި ބައެއް ފަނޑިޔާރުންގެ ނަންތައްވެސް ވިދާޅުވެ ދެއްވިއެވެ. އެ ހުރިހާ ވާހަކަތަކެއް ދައްކަވާ މާތްﷲ ގަންދީ ހުވާ ކުރެއްވިއެވެ. އަދި އެއީ ސާފު ތެދު ބަހުން ހެޔޮ ނިޔަތުގައި ވިދާޅުވާ ދޮގެއް ކަަސިޔާރު ކަމެއް ނެތް ބަސްތަކެއް ކަމަށް ތަކުރާރު ކުރެއްވިއެވެ.

އެއާއެކު ސަރުކާރު ރޫރޫ އަޅުވައިލިއެވެ. ޖޭއެސްސީ އިސްލާހު ކުރުން ފަސްވި ނަމަވެސް އެކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޗީފް އޮފް ސްޓާފް ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވަވާ ނުފޫޒު ނުފޯރުވާ ކަމަށް ހުވާ ނުކުރެއްވިޔަސް ހަތް ހުވާ ކުރައްވަން ހުންނެވީ ތައްޔާރަށް ކަަމަށްވެސް ވިދާޅުވިއެވެ. އަދި ތުހުމަތުގެ އިނގިލި ދިއްކުރައްވަނީ "ފިނޑިކަމުން" ކަމަށް ވިދާޅުވެ ވިދާޅުވެ ހުންނެވީ އެވެ. ކޮންމެ ސުވާލެއް ކުރެއްވިޔަސް ވިދާޅުވަނީ އެ ބޭފުޅުން ހަމަ "ފިނޑީ" ކަމަށެވެ.

ނަމަވެސް މިފަހަރު ރައްޔިތުންގެ ލޯކުރިމަތީ ހިނގާ މިދިޔަ ކަންތައްތަކުން ޖުޑީޝަރީއަށް އަބަދުވެސް ސިޔާސީ ނުފޫޒު އޮތް މިންވަރު ހާމަވެއްޖެ އެވެ. ޖުޑީޝަރީ މިނިވަން ކުރުމުގެ ވާހަކައަކީ އިދިކޮޅުގައި އޮންނައިރު ޖޯޝް އަރުވަން ދައްކަން އޮތް ހުސް ވާހަކައެވެ. އެކަމުގެ މިސާލަކަށް މިހާރުގެ އިދިކޮޅު ފުދެއެވެ. ރައީސް ޔާމީންގެ ފަސް އަހަރު އެ ހިނގާދިޔަ ހުރިހާ ކަމެއް ނުފެންނަ ކަމަށް ހަދައިގެން ތިބި ހުރިހާ ލޯތަކާއި ކަންފަތްތައް ހުޅުވިފައިވާ ވަރު ނިކަން ބައްލަވާށެވެ. އެ ބޭފުޅުން މިހާރު އެ ދައްކަވާ ވާހަކަތަކުން އަޖައިބު އަންތަރީސްވާހާ ވެއެވެ. އެ ވާހަަކަތަކުން ޖުޑީޝަރީގެ މިނިވަން ގެއްލިގެން އުޅެނީ މިހާރު އެކަންޏޭ ހީވާ ކަހަލަ އެވެ. އަދި އެއީ އެ ބޭފުޅުން ދުވަހަކު ދެކެވަޑައިނުގަންނަވާ ފަދަ މަންޒަރެއް ކަމަށް ހީވާ ފަދައެވެ.

ނަމަވެސް މިކަމުގައި އެންމެ ދެރަކަމަކީ ޖުޑީޝަރީ މިނިވަން ކުރަން އައި ސަރުކާރުން އެކަން ނުކޮށް އެ ހާލަތު އިތުރަށް ގޯސްކުރި ކަމެވެ.

ކުރީން ބަންޑާރަ ނާއިބުކަންވެސް ކުރެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި ޖުޑީޝަރީއަށް ކޮންމެ ސަރުކާރަކުންވެސް އައީ ނުފޫޒު ފޯރުވަމުންނެވެ. އެއީ ގަބޫލު ނުކުރިޔަސް ފެންނަން އޮތް ހަގީގަތެވެ. މިހާރުވެސް އެކަން އޮތީ އެގޮތަށެވެ. ރަައީސް ޔާމީންގެ ވެރިކަމުގައިވެސް އެކަން ހިނގީ އެ މަގުންނެވެ.

އަނެއްކޮޅުން ބައެއް ފަނޑިޔާރުންގެ ހާލު އަދި މާގޯހެވެ. ބައެއް ބޭފުޅުން ތިއްބަވަނީ ނުފޫޒެއް އައުމާއެކު އޭގެ ތެރޭގައި ރަނގަޅަށް ބެދިގެންނެވެ. ކޮންމެ ނުފޫޒެއް އަންނަނީ ބާރުގަދަ ކޯލުތަކާއެކު އަގުހުރި ހަދިޔާތައް ހިފައިގެންނެވެ. ބައެއް ފަހަރު މަގާމުގެ ކުރިއެރުމެވެ. އަނެއް ބައި ފަހަރު އެ ނޫން ހަދިޔާތަކެވެ.

"މިސާލަކަށް ބައްލަވާ. މި ސަރުކާރުން ޖުޑީޝަރީ ރަނގަޅު ކުރާކަން ދެއްކުމަށް ކުރެއްވި އެއް ކަމެއް ސުޕްރީމް ކޯޓްގެ ބެންޗު ބަދަލުކޮށްލެވުމަކީ. ހަގީގަތުގައި އެ ބަދަލު ރަނގަޅު. ވަރަށް ރަނގަޅު ނޫނަސް އެއީ އެކަށީގެންވާ ހެޔޮ ބަދަލެއް. ނަމަވެސް ދަށު ކޯޓް މި ހެއްދެވި ގޮތަކީ އިތުރަށް ގޯސްކޮށްލެއްވީ. ޖުޑީޝަރީ ރަނގަޅު ކުރާނަމަ ފަށަން ޖެހޭނީ ދަށު ކޯޓުން. އެތަނުން ހަދާ ގޯސް ރަނގަޅު ކުރަން މަތީ މަރުހަލާއަށްދާއިރު އޮންނަނީ ވާނެ އެއްޗެއް ވެފައި. އެހެން އެ ނިޒާމު ހިންގަން ސަރުކާރުން އަދިވެސް ބޭނުންވަނީ. އިހުލާސްތެރި ކަމެއް ނުފެނޭ،"

ގާނޫނީ ދާއިރާގެ ތަޖުރިބާކާރު އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި އާންމުވެފައިވާ އޯޑިތަކުންވެސް އަދި ކުރީގެ ފަނޑިޔާރުންގެ ވާހަަކަތަކުންވެސް ސާފުވެ ފެންނަން އޮތް އެންމެ ބޮޑު ހަގީގަތަކީ ޖުޑީޝަރީއަށް ނުފޫޒު އޮތް މިންވަރާއި އެ ނުފޫޒަށް ފަނޑިޔާރުން ލެނބޭ މިންވަރެވެ. އަދި މަގާމުގެ ކުރިއެރުމަށް ބައެއް ފަނޑިޔާރުން މަސައްކަތް ކުރައްވާ މިންވަރެވެ.

"ފުރަތަމަ ކަމަަަށް އޯޑިއޯތަކުގައިވެސް ގިނައިން އަޑު އިވެނީ ތިމަންނާއަށް ދޭން ބުނީ މި މަގާމޭ. އެކަމެއް ނުކުރެއްވިޔޭ. އަނެއް ބޭފުޅަކު އެ ވިދާޅުވަނީ މައްސަލަ ހިންގަން ހަވާލުކުރީ މަތީ ކޯޓްގެ ގޮނޑި ޔަގީން ކޮށްދީފައޭ. އެކަމާއި ކަންބޮޑުވެގެން ނިކުތް ކުރީގެ ފަނޑިޔާރުން މި ވިދާޅުވަނީ ތިމަންނާ ކޮޓަރީގައި އިންނަވަނިކޮށޭ އެހެން ފަނޑިޔާރަކު އައިސް ގުޅުއްވީ ސަރުކާރުގެ ވެރިއަކަށް. އެ ވެރިޔާ ވިދާޅުވީ ނޫނޭ ތިބޭފުޅާއަށޭ ސުޕްރީމްކޯޓް އޮތީ. އެ ވާހަކަ ވިދާޅުވުން އެކަން ނިސްބަތް ކުރެއްވި ފަނޑިޔާރު ނިކުންނަވާ އެ ވިދާޅުވީ އެއީ ދޮގެކޭ. އެ ފަނޑިޔާރޭ އުޅުނީ މަގާމު ދަމަހައްޓަން،" ކުރީގެ ގާޒީ ނަޖީބު އާއި ހައިލަމް ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ ވިދާޅުވިއެވެ.

ވެރިކަމުގައި ތިބޭ އެއްވެސް ބަޔަކު ޖުޑީޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް އެއްބަހެއް ނުވާނެ އެވެ. އަދި އިދިކޮޅުގައި ތިބޭ ބަޔަކު އަބަދުވެސް އެ ތުހުމަތު ސަރުކާރަށް ކުރާނެ އެވެ. އަދި އެންމެ ހަރުއަޑުން ދައްކާނީ ޖުޑީޝަރީ އިސްލާހު ކޮށް ނުފޫޒުން އެއްކިބާ ކުރުމުގެ ވާހަކައެވެ. އެކަމަށް ކުރާނެ މަސައްކަތްވެސް ވިދާޅުވާނެ އެވެ. ނަމަވެސް އެ ވާހަކަތައް އެ ގޮތުގައި އޮންނާނީ އެވެ. ބަދަލުވާނީ ވެރިކަމުގައި ތިބޭ ބޭފުޅުންނެވެ. އެއް ދައުރު އިދިކޮޅު ގައެވެ. އަނެއް ދައުރު ސަރުކާރުގައެވެ.

ކުރަން ވައުދުވީ މަސައްކަތް އޮންނާނީ އެވެ. މިހާރުވެސް މި ފެންނަނީ އެ މަންޒަރެވެ. ނަމަވެސް ތަފާތަކީ ކުރިއަށްވުރެ މަންޒަރު އިތުރަށް ސާފުވީއެވެ. ދެން އަންނަ ވެރިކަމެއްގައިވެސް މަންޒަރު އިތުރަށް ސާފުވާނެ މި ނޫން ކިތަންމެ ކަމެއް ފެންނާނެ އެވެ. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާނެ އެވެ. އަދި އެ ނުފޫޒުގައި ބައެއް ފަނޑިޔާރުން ދާދި ފަސޭހައިން ޖެހިވަޑަައިގަންނަވާނެ އެވެ. އެކަމަށް ހާއްސަ ބޭފުޅުން ކޯޓްތަކުގައި ތިއްބަވާނެ އެވެ. ނެތް ނަމަ ކޮންމެވެސް ގޮތަކުން އެ ކޯޓްތަކަށް ގެންނަވާނެ އެވެ.