ރާއްޖޭގައި މިވަގުތު ސިއްރު ކޮށްގެން ހެކި ބަސް ނެގޭކަށް ނެތެވެ. ގައުމުގެ ޝަރުއީ ނިޒާމަށް މި ދިމާވީ ހަދާހާ ބޮޑު ކަމެކެވެ! ހައިކޯޓުން މިދިޔަ މަހުގެ 27 ވަނަ ދުވަހު އިއްވާފައި ވަނީ ބޮޑު ހުކުމެކެވެ. އެ ހުކުމް ބޮޑުވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިނިވަން ކުރުމަކުން ނޫނެވެ. ސިއްރު ހެއްކާ ގުޅޭ ގޮތުން ކަނޑައެޅި ކަނޑައެޅުމާ ގުޅިގެންނެވެ. އެ ހުކުމްގައި ބުނީ ސިއްރުން ހެކި ބަސް ނެގޭނެ ގޮތެއް ގާނޫނުގައި ނެތޭއެވެ.
އެހެން ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސިއްރު ހެއްކާ ގުޅޭ ގޮތުން ލިޔެފައި އޮތް ލިޔުމެއްގެ މައްޗަށް ބިނާކޮށެވެ. އެ ގާނޫނުގެ 149 ވަނަ މާއްދާގައި ބުނާ ގޮތުގައި ހެކިބަސް ނަގަންވާނީ ޝަރީއަތުގެ މަޖިލީހަށް ހެކީން ހާޒިރު ކޮށްގެން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވީ ނަމަވެސް، ހެއްކާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި، އަދި އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހަވާލާދީފައިވާ ހެއްކާ ބެހޭ ގާނޫނަކީ 1976 ވަނަ އަހަރުގެ ގާނޫނެކެވެ. އެ ގާނޫނަށް އެއްވެސް އިސްލާހެއް ދުވަހަކު ވެސް ގެނެސްފައެއް ނެތެވެ. އެ މުސްކުޅި ގާނޫނު އޮތީ އެ އޮތް ގޮތަށެވެ. އާ ހެއްކާ ބެހޭ ގާނޫނެއް ހެދުމަށް މިދިޔަ މަޖިލީހަށް ބިލެއް ހުށަހެޅިއެވެ. އެކަމަކު އެ ބިލް ފާސް ކުރުން އެ މަޖިލީހަށް މުހިންމެއް ނުވިއެވެ. އެ ބިލް އަނބުރާ ނަގާފައިވާއިރު މި މަޖިލީހަށް ހެއްކާ ބެހޭ ބިލެއް އަދި ނުވަދެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މުސްކުޅި ހެއްކާ ބެހޭ ގާނޫނަށް ހަވާލާ ދީފައިވާއިރު ހެއްކާ ބެހޭ ގާނޫނުގައި އެ ބުނާ ސިއްރުން ހެކި ބަސް ނެގޭނެ ހާލަތްތަކެއް ނެތެވެ. އެހެންވެ، ހައިކޯޓުގެ ތިން ފަނޑިޔާރަކު އިއްތިފާގުން އިއްވާފައިވާ ހުކުމްގައި ބުނަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސިއްރުން ހެކި ބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށް ބުނާއިރު އެ ގޮތްތައް އެ ގާނޫނުގައި ނެތުމަކީ އެ އިޖުރާއަތް ފުރިހަމަ ކުރެވިފައިވާ ކަމަށް ބެލެވެން ނެތް ހާލަތެކޭއެވެ.
މިއީ މީގެ ކުރިން ސިއްރުން ހެކި ބަސް ނެގުމާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ވަރަށް ގިނަ ވަކީލުން ފާހަގަ ކުރައްވާފައިވާ ނުކުތާއެކެވެ. މިހާރުގެ ބާ ކައުންސިލްގެ ރައީސް، މައުމޫން ހަމީދު މި ނުކުތާ ކުރިމިނަލް ކޯޓުގައި ވަރަށް ބޮޑަށް ފާހަގަ ކުރައްވައެވެ. ހައިކޯޓުގައި ވެސް އެކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެކަމަށް އެއްވެސް ކޯޓަކުން ވަކި ނިންމުމެއް މިހާތަނަށް ނިންމާފައި ނެތީއެވެ.
ސިއްރުން ހެކި ބަސް ނަގަމުން ދިޔައީ މީގެކުރިން ވެސް އެގޮތަށް އަމަލުކުރަމުންދާ ކަމަށް ބުނެ ކުރީގެ ގަޒިއްޔާތަކުގެ ހަވާލުގައެވެ. އެގޮތުން ހައިކޯޓުން މީގެކުރިން ސިއްރު ހެކި ބަސް ނެގޭނެ ކަމަށް 2012 ވަނަ އަހަރު ނިންމުމެއް ނިންމާފައި އޮވެއެވެ. އާންމުކޮށް އަމަލު ކުރާ އުސޫލަކީ އެ ހުކުމްގައި ކަނޑައަޅާފައިވާ އުސޫލެވެ.
ރާއްޖޭގައި ސިއްރުން ހެކި ބަސް ނެގުމާ ގުޅޭ ގޮތުން މީގެ ކުރިން ދެބަސްވުމެއް އޮތެވެ. ސިޔާސީ ވެރިންނާ ދެކޮޅަށް "ހަތިޔާރެއްގެ" ގޮތުގައި ސިއްރު ހެކި މީގެ ކުރިން ބޭނުން ކުރަމުން އައި ކަމަށް ބުނެއެވެ. އެކަމަކު މިހާރު އެކަން ވަނީ ނިންމުމަކަށް ގެނެސްފައެވެ. ޖިނާއީ މައްސަލަތަކުގައި އަމަލު ކުރަން ޖެހޭ މައިގަނޑު ސިޔާސަތު މިދިޔަ އަހަރުގެ ތެރޭގައި އަލުން ކަނޑައެޅިއިރު ސިއްރުން ހެކި ބަސް ނެގޭނެ މައްސަލަތަކުގެ ގޮތުގައި ނިންމީ މަރާއި ޓެރަރިޒަމް ފަދަ ކުށްތަކުގައެވެ. އެހެންކަމުން ސިއްރު ހެއްކާ ގުޅިގެން އޮތް އާންމު ކަންބޮޑުވުން މިހާރަކު ނެތެވެ. މަރާއި މަރާމާރީ ފަދަ ބޮޑެތި ޖިނާއީ މައްސަލަތަކުގައި ސިއްރުން ހެކި ބަސް ނެގޭނެ ގޮތެއް ނެތްނަމަ، އެ މައްސަލަތައް ސާބިތު ކުރުމަށް ބޮޑެތި ހުރަސްތައް އޮންނާނެކަން އެއީ ގަބޫލު ކުރަން ޖެހޭ ކަމެކެވެ.
ހައިކޯޓުގެ މި ހުކުމާއެކު އައި ބޮޑު ކަންބޮޑުވުމަކީ ވެސް މިއީއެވެ. އެ ކަންބޮޑުވުމާއެކު ޖިނާއީ ދައުވާ އުފުއްލަވާ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިހާރު ވަނީ ސުޕްރީމް ކޯޓަށް ވަޑައިގެންފައެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ހައިކޯޓުން ސިއްރު ހެއްކާ ގުޅޭ ގޮތުން ނިންމި ނިންމުން ބާތިލްކޮށް ދިނުމަށެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާތުގެ ގާނޫނުގެ 149 ވަނަ މާއްދާއާއެކު، އެ ގާނޫނުގެ 119، 131 އާއި 134 ހިމަނައި، މުޅި ގާނޫނު އެކުގައި ކިޔާއިރު ހައިކޯޓުގެ ހުކުމުން ކަނޑައެޅި ސިއްރު ހެކިބަހުގެ އުސޫލު ރަނގަޅު ކަމަށް ނުފެނެއެވެ. އޭނާ ވިދާޅުވާ ގޮތުން އެ ހުކުމް އޮތް ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 14 ވަނަ ބާބުގެ ބޭނުން ކެނޑިގެންދާނެއެވެ. ގާނޫނުގެ 119، 131 އަދި 134 ވަނަ މާއްދާގައި ސިއްރު ހެކި ބަސް ނެގޭނެ ގޮތް އެބަ އޮތެވެ. އަދި 126 ވަނަ މާއްދާ ބެލުމުން ވެސް ސިއްރުން ހެކި ބަސް ނެގުމުގެ އުސޫލަކީ އިޖުރާއަތު ގާނޫނު ދަންނަ އުސޫލެއްކަން ކަށަވަރުވެއެވެ.
ޝަމީމް މިހެން ވިދާޅުވި ނަމަވެސް ބައެއް ވަކީލުން ވިދާޅުވާ ގޮތުގައި ގާނޫނު ވަރަށް ސާފެވެ. ރާއްޖޭގައި ސިއްރުން ހެކި ބަސް ނެގޭނެ އުސޫލެއް ނެތެވެ.
ޖިނާއީ ބޮޑެތި މައްސަލަތަކެއްގައި ދިފާއީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ އިބްރާހިމް ޝަމީލް ވިދާޅުވި ގޮތުގައި މިއީ ކުއްލިއަކަށް ފެންމަތިވެފައިވާ ބޮޑު ގޯހެއް ނޫނެވެ. މިކަން މިހެންވާނެ މުއައްސަސާތަކަށް ވެސް ކޯޓުތަކަށް ވެސް މާކުރިން ވެސް އެނގޭނެއެވެ. ވަކީލުން އެކަން ކޯޓުތަކުގައި ފާހަގަ ކުރަމުން ދިޔައިރު ވެސް އެކަމަށް ސަމާލު ކަމެއް ނުދިނީކަން ޝަމީލް ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށި ހިސާބުން ވެސް ސިއްރުން ހެކި ބަސް ނަގަމުން ދިޔައީ އެކަން ކުރެވެން ގާނޫނުގައި ނެތީހެވެ.
"ކުރިން އަމަލު ކުރާ އުސޫލުތައް އެހެން ހުރުމުން ކަމަށް ބުނެ ސިއްރުން ހެކި ބަސް ނަގަމުން މިދިޔައީ، އެކަމަކު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެބަ ބުނޭ އެ ގާނޫނު އައުމާއެކު ކުރިން އަމަލު ކުރަމުން ދިޔަ ޝަރީއަތާ ގުޅޭ އުސޫލުތައް ބާތިލްވީ ކަމަށް، އެގޮތަށް ހައިކޯޓުން ގާނޫނު މަނާކޮށްދީފަ ވެސް އެބަ އޮތް، އެހެންވީއިރު ސިއްރު ހެކި ބަސް ނެގެން ނެތީ، އެކަމަކު ސިއްރު ހެކި ބަހަކީ ރާއްޖޭގެ ގާނޫނު ނުދަންނަ އުސޫލެއް ނޫން،" ޝަމީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސިއްރު ހެކި ބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާން ކުރާ ހާލަތްތަކުގައި ކަމަށް ލިޔެފައި އޮތުމުން އެ ނޫން ހާލަތެއްގައި އެކަމެއް ނުކުރެވޭނެއެވެ. ގާނޫނުގައި ކަނޑައަޅާފައި އޮތް ކަމެއް އެއާ ހިލާފަށް ކޯޓުތަކަށް ވެސް ނުކުރެވޭނެ ކަމަށެވެ. ވުޖޫދުގައި ނެތް އުސޫލެއްގެ މައްޗަށް ގޮތް ނިންމުމަކީ ފަނޑިޔާރުންނަށް އޮތް އިހްތިޔާރެއް ނޫނެވެ. އެކަމަކު ޝަމީލް ފާހަގަ ކުރައްވާ ގޮތުގައި މިކަމުގައި ގޯސް ހަދާފައި ވަނީ ފަނޑިޔާރުނެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުންނެވެ.
ރައްޔިތުންގެ މަޖިލީހުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ފާސް ކުރިއިރު ހެއްކާ ބެހޭ ގާނޫނު، އެ ގާނޫނުގެ ނަންބަރު ވެސް ޖެހުމަށްފަހު ފާސްކުރީ ހަމަ އެ ގާނޫނު ބަލައި ވެސް ނުލާތޯ ސުވާލު އުފެދެއެވެ. ހެއްކާ ބެހޭ ގާނޫނުގައި އޮތީ ވެސް އެންމެ ހަތް މާއްދާއެވެ. މިއީ މަޖިލީހުގެ ބޮޑު އިހުމާލެކެވެ. މުޅި ނިޒާމް ހުއްޓިގެންދާފަދަ ގޯހެކެވެ. މި ގޯސް ރަނގަޅު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިފަހުން އިސްލާހެއް ހުށަހެޅިއެވެ. ނަމަވެސް އެ އިސްލާހަކީ އިސްލާހަކަށް ނުވެއެވެ. އިސްލާހުގައި ހިމެނީ ސިއްރު ހެއްކާ ގުޅޭ މާއްދާގައިވާ ހެއްކާ ބެހޭ ގާނޫނު ނަންބަރު އުނި ކުރުމަށެވެ. އެ މާއްދާއަށް އިސްލާހެއް ނުގެނެއެވެ. އެ އިސްލާހު ހުށަހަޅާފައި ވެސް ހެއްކާ ބެހޭ އާ ގާނޫނެއް ހެދުމަށް ސަމާލު ކަމެއް ނުދެއެވެ.
މިހެން ކަންކަން އޮތްވާ އުފެދޭ ސުވާލަކީ ޕްރޮސިކިއުޓާ ޖެނަރަލް ގެންދެވި މައްސަލާގައި ސުޕްރީމް ކޯޓުން ބުނާނެ ވަކި އެއްޗެއް އެބަ އޮތްތޯއެވެ؟
ވަކީލް ޝަމީލް ވިދާޅުވި ގޮތުގައި މިކަމުގައި ސުޕްރީމް ކަނޑައެޅޭނެ ކަމެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ސަބަބަކީ ގާނޫނު ސާފުވުމެވެ. ހައިކޯޓުގެ ހުކުމްގައި މާނަ ކުރާނެ އެއްޗެއް ނެތެވެ. އެ ހުކުމްގައި ބުނެފައި އޮތީ ގާނޫނުގައި އޮތް އެއްޗެކެވެ. ގާނޫނުގައި އެހެން އޮތުމުން އަމަލު ކުރާނެ އުސޫލެއް ނެތް ކަމެވެ.
"ސުޕްރީމް ކޯޓުން ބުނާނެ އެއްޗެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ، އެއީ ސުޕްރީމް ކޯޓަށް ވިޔަސް ގާނޫނީ އުސޫލުތަކެއް ވުޖޫދެއް ނުކުރެވޭނެ، މިކަމަށް ހައްލެއް އަންނާނީ ގާނޫނު އިސްލާހު ކޮށްގެން އެކަނި، އެކަން ކުރެވޭނީ ހަމައެކަނި މަޖިލީހަށް،" ޝަމީލް ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ކަފާލަތް ނުދޭން ނިންމެވި އަމުރުގައި އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބައްލަވާ ފަނޑިޔާރު ހުސެއިން މަޒީދު ވެސް ލިޔުއްވާފައިވާ ގޮތުގައި ކޯޓުތަކަށް ހެދޭނީ ހަމައެކަނި އެ ކޯޓެއްގެ ހިންގުމާ ގުޅޭ ގަވައިދުތަކެވެ. ފަނޑިޔާރުންނަށް ގަވައިދުތައް ހެދުމުގެ ބާރެއް ނެތެވެ. ކުށްވެރިންނަށް ކަފާލަތް ދިނުމަކީ ހައިކޯޓުން އަމިއްލައަށް ހަދާފައިވާ ގަވައިދެއްގައި ހިމަނާފައިވާ ކަމެކެވެ. އެފަދަ ގަވައިދެއް ގާނޫނުގައި ނުބުނާ ޝަރުއީ އިޖުރާއަތެއް ހިމަނައިގެން ހެދޭނެ ކަމަށް ގަބޫލު ނުކުރައްވައެވެ. އެހެންވީއިރު ސިއްރު ހެކި ބަސް ނެގޭނެ ހާލަތްތައް ބަޔާންކޮށް އުސޫލެއް، ގަވައިދެއް ވިޔަސް އެއްވެސް ކޯޓަކަށް ކަނޑައެއް ނޭޅޭނެއެވެ. ޝަމީލް، ސުޕްރީމް ކޯޓުން މިކަމުގައި ބުނާނެ އެއްޗަކާމެދު ސުވާލު އުފައްދަނީ މިހެންވެއެވެ.
"މިއީ ހައްލު ނުކުރެވޭނެ ކަމެއް ނޫން، އެކަމަކު އެކަން ކުރެވޭނީ މަޖިލީހަށް،" ޝަމީލް، އޭނާގެ ވާހަކައަށް ދެއްވި ނިންމެވުމަކީ މިއީއެވެ.
އަދިވެސް ބޮޑު އެހެން ސުވާލެއް އެބަ އޮތެވެ. ހައިކޯޓުގެ މި ހުކުމާއެކު މިހާރު ކުރިއަށްދާ މައްސަލަތަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ ހިނގަހިނގާ ހުރި ޝަރީއަތްތަކުގައި ސިއްރުން ހެކި ބަސް ދިން މީހުންގެ ވަނަވަރު އާންމު ވާނީ ހެއްޔެވެ؟ ސިއްރު ހެކިން ހުށަހަޅާފައިވާ ޝަރީއަތްތަކުގައި ހެކިންގެ ނަންތައް އަނބުރާ ގެންދާނީ ހެއްޔެވެ؟
ކުރިމިނަލް ކޯޓުގައި މީގެ ކުރިން މަސައްކަތް ކުރެއްވި ގާޒީއަކު، އޭނާގެ ހިޔާލު ދެއްވަމުން ވިދާޅުވީ ހައިކޯޓުގެ ފަހުގެ ހުކުމަށް މިހާރު އަމަލު ކުރަން ޖެހޭނެއެވެ. އެ ހުކުމް އިސްތިއުނާފުކޮށްފައި އޮތް ނަމަވެސް އެއީ މިހާރު ވެސް ދެމި އޮތް ނިންމުމެކެވެ.
"ދަށު ކޯޓުތަކުން އަމަލު ކުރަން ޖެހެނީ ކަމެއްގައި މަތީ ކޯޓުތަކުން އަންނަ ފަހުގެ ނިންމުމަށް، ފަހުގެ ނިންމުމަކީ ސިއްރު ހެކި ބަސް ނެގޭނެ ހާލަތެއް ނެތޭ، ކުރިން ސިއްރު ހެއްކާ ގުޅޭ ގޮތުން އޮތް ހައިކޯޓުގެ ނިންމުން އެއާއެކު އެ ވަނީ ނަފީ ވެފައި،" އެ ގާޒީ ވިދާޅުވިއެވެ.
އެހެން ވަކީލަކު ވެސް ވިދާޅުވި ގޮތުގައި ސިއްރު ހެކި ބަސް ނެގޭނެ ކަމަށް ހައިކޯޓުން ކުރިން ކަނޑައަޅާފައި އޮތް ހުކުމަށް މިހާރު އަމަލު ނުކުރެވޭނެއެވެ. އެއީ އެކަމާ ގުޅޭ އާ ހުކުމެއް އައުމުން އެކަންޏެއް ނޫނެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ކުރީގެ ހުކުމަކަށް އެ ހުކުމް ވާތީއެވެ. އެ ހުކުމްގައި ކަނޑައަޅާފައި އެ އޮތް ޝަރީއަތް ކުރުމުގެ އުސޫލު ޖިނާއީ އިޖުރާއަތުގެ ގާނޫނާއެކު އެ ވަނީ ބާތިލްވެފަ ކަމަށް ވަކީލް ފާހަގަ ކުރެއްވިއެވެ.
މިކަމާ ހިޔާލު ތަފާތުވާ ގާޒީއަކު ވިދާޅުވި ގޮތުގައި ދަށު ކޯޓުތަކަށް މިހާރު ވެސް ސިއްރު ހެކި ބަސް ނެގޭނެއެވެ. އެއީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހައިކޯޓުގެ އާ ހުކުމް އިސްތިއުނާފުކޮށްފައި އޮތީމައެވެ. އެ ހުކުމް އިސްތިއުނާފު ކޮށްފައި އޮތުމުން އެ ނިހާއީ ނިންމުމަކަށް ވެގެން ނުދާ ކަމަށެވެ. އެއާމެދު ޗެލެންޖުކޮށްފައި އޮތުމަކީ ހުކުމް ދެމި އޮތުން ނެތް ހާލަތެއް ކަމަށެވެ. ބޮޑެތި ޝަރީއަތަކެއް ހިންގަވާފައިވާ އެ ގާޒީ ވިދާޅުވި ގޮތުގައި އާ ހުކުމް ދެމި ނެތުމުން މިހާރު ބަލަން ޖެހޭނީ ކުރީގެ ހައިކޯޓުގެ ހުކުމަށެވެ. އެ ހުކުމްގައި އޮތް ގޮތަށް ސިއްރު ހެކި ބަސް ނެގޭނެ ކަމަށެވެ. އެހެންވީއިރު މިހާރު އަމަލު ކުރާނެ ގޮތާމެދު މިއޮތީ ބޮޑު ސުވާލެކެވެ. ހިޔާލު ދެކަފިވެފައެވެ.
ކުރިން ވާހަކަ ދެއްކެވި ވަކީލް މުހިންމު ނުކުތާއެއް ފާހަގަ ކުރެއްވިއެވެ. މިއީ މުޅި ނިޒާމް ހުއްޓިގެންދާ ފަދަ ކަމަކަށްވާއިރު މިކަމުގައި ސުޕްރީމް ކޯޓުން އަވަހަށް އެއްޗެއް ބުނަން ޖެހޭ ކަމަށެވެ. "ރެއާ ދުވާލު ތިބިގެން ވެސް" މިކަމުގައި ގޮތެއް ކަނޑައަޅަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. ހަމައެހެން މިއީ މަޖިލީހުން ވެސް ސަމާލުކަން ދޭން ޖެހޭ ބޮޑު މައްސަލައެކެވެ.
މިހާރު ޑްރާފްޓް ކޮށްފައި އޮތް ހެއްކާ ބެހޭ ގާނޫނުގައި ސިއްރު ހެއްކާ ބެހޭ ބައި ހިމަނާފައި އެބަ އޮތެވެ. އެ ގާނޫނަކަށް އަވަހަށް ފާސްކުރަންވީއެވެ. އެކަމަށް ހުރަސްތައް އޮތްނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ނަމަވެސް އިސްލާހު ގެނެސް މި ބޮޑު ގޯސް ހައްލު ކުރަން އެބަ ޖެހެއެވެ. ނޫންނަމަ، ބޮޑެތި ގާތިލުންނާއި ކުޑަކުދިންނާ ބެހޭ މީހުންނާއި ގޭންގް ލީޑަރުން ދޫވެ، ފޫނުބެއްދޭވަރުގެ ގެއްލުންތައް މުޅި މުޖުތަމައުއަށް ލިބިގެން ގޮސްދާނެއެވެ. މިހާރު ގޯހެއް ހަދާފައި އޮތަސް، އެ ގޯސް ހަދައިގެން ނުވާނެއެވެ!