ގާނޫނު އަސާސީއާ ގާނޫނުތައް މާނަ ކުރުމުގައި އަދި ޝަރީއަތުން ބަލާ އެ ނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވެއެވެ. އަދި މި ނޫންވެސް އެތައް ނިންމުންތަކެއް ނިންމުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން ޝަރުއީ ދާއިރާގެ އެންމެ އިސް ފަރާތަކީ ވެސް ސުޕްރީމް ކޯޓެވެ. އެހެން ކަމުން ދައުލަތުގެ އަނެއް ދެ ބާރުގެ ބެލެނިވެރިޔާއާ އެއްގޮތަށް ޝަރުއީ ދާއިރާގައި ސުޕްރީމް ކޯޓަކީ ވެސް ބާރު އޮތް ބެލެނިވެރިޔާ އެވެ. އެކަން މިދިޔަ ދުވަސްތަކުގައި ވަނީ ސާބިތު ވެސް ކޮށްދީފަ އެވެ. އިންތިހާބުގެ ކަންކަމާ ގުޅިގެން ފަހުގެ ނިންމުން ނިންމުމާއި ދުސްތޫރީ ވަރުގަދަ އެތައް އަމުރަކުން އެކަން ދައްކައިދީފައި ވެއެވެ.
ހަމައެއާއެކު ސުޕްރީމް ކޯޓަށް ކުރެވޭ ތުުހުމަތު ވެސް ބޮޑެވެ. އެ ތުހުމަތަކާއި ގުޅިގެން ފަނޑިޔާރުން ހިފާ ހައްޔަރުކޮށް ހުރަގެއަށްލައި ހުކުމްތައް ކޮށް މަގާމުން ވެސް ދުރުކޮށްފައި ވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރު ވެރިކަމަށް އައީ ފަނޑިޔާރުގެ ސާފުކޮށް، އަދުލުވެރި އިންސާފުވެރި ފަނޑިޔާރު ގެއެއް ހޯދައި ދިނުމުގެ ވައުދާއެކުގަ އެވެ. އެ މަސައްކަތުގެ ދަށުން ސުޕްރީމް ކޯޓް އެއްކޮށް ބަދަލުކޮށްފި އެވެ. އެހެން ކޯޓްތަކުގެ ފަނޑިޔާރުން ވެސް ފަހަރަކު ފަނޑިޔާރެއް، ފަހަރަކު ފަނޑިޔާރެއް ދަނީ ޝަރުއީ ނިޒާމުން ބޭރު ކުރަމުންނެވެ.
ނަމަވެސް މިހާރު މިވީ ކީއްހެއްޔެވެ؟ މިހާރު ސުޕްރީމް ކޯޓް ކޮބައި ހެއްޔެވެ؟ އެ ކޯޓުން ނިންމަންޖެހޭ ނިންމުންތައް ކޮބައި ހެއްޔެވެ؟ އެ ކޯޓްގެ ބާރުވެރިކަން އެބައޮތް ހެއްޔެވެ؟ ފަނޑިޔާރުގެ އެކުއެކީ ބަދަލުކޮށްލުމުން އެ ފަނޑިޔާރުން އެ ތިބީ ނުފޫޒުން އެއްކިބާވެގެން ހެއްޔެވެ؟ ނުފޫޒެއް، ބިރެއްވެސް ހަމަ ނެތް ހެއްޔެވެ؟
އެއް ކަމެއް ޔަގީނެވެ. ޝަރުއީ ނިޒާމުގެ މާ ބޮޑު ދައުރެއް މިހާރަކު ނެތެވެ. އަމުދުން ސުޕްރީމް ކޯޓުގެ ދައުރު ވަރަށް ހަނިވެފައި ކުޑަ އެވެ.
ކުރީގެ ނާއިބު ރައީސް އަދި ޖަސްޓިސް މިނިސްޓަރު ކަމާއި، އިސް ގާޒީކަން ވެސް ކުރައްވާފައިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓްގެ ނުވަތަ ޖުޑިޝަރީގެ ދައުރެއް މިވަގުތު ރާއްޖެއަކު ނެތެވެ. އަދި އެހެން ވެފައި ވަނީ ރައްޔިތުންގެ މަޖިލީސް "އަމިއްލައަށް ފަނޑިޔާރުގެއަށް ވެގެން" އެކަމަކު މާ ބޮޑަށް އުޅޭތީ އެވެ. ޖަމީލް ދެކެ ވަޑައިގަންނަވާ ގޮތުގައި ޖުޑިޝަރީ ކޮމެޓީގެ ނަމުގައި ކޮމެޓީއެއް މަޖިލީހުގައި އުފައްދައިގެން ކުރަމުން ގެންދާ ކަންކަމަކީ ނުފޫޒު ފޯރުވާ ބިރު ދެއްކުމެވެ. އެ ނޫން ކަމެއް ނުހިނގަ އެވެ.
ސުޕްރީމް ކޯޓްގެ ދައުރު ގާނޫނު އަސާސީގައި ވަރަށް ސާފެވެ. އެ ކޯޓަކީ ހަމައެކަނި މައްސަލަތަކުގައި އެންމެ ފަހު ބަސް ބުނާ ފަރާތް ނޫން ކަމަށް ޖަމީލު ނޫންސް އެހެން ގިނަ ބޭފުޅުން ވެސް ގަބޫލުފުޅު ކުރައްވަ އެވެ.
ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޝަރުއީ ނިޒާމުގެ ކަންކަމާއި، ފަނޑިޔާރުންގެ މައްސަލަތަކާއި އަދި އެނޫން ވެސް އެހެން ކަންކަމުގައި ސުޕްރީމް ކޯޓަށް ދައުރެއް އޮންނާނެ އެވެ. ނަމަވެސް ފަނޑިޔާރުންނާ ގުޅޭ ހުރިހާ ބާރެއް ޖުޑީޝަލް ސާވިސް ކޮމިޝަނާއި، ރައްޔިތުންގެ މަޖިލީސްތެރެއަށް ޖަމާ ކުރަމުންގޮސް ހުސްވާން ދަނީ އެވެ.
"އަޅުގަނޑުމެން ގަބޫލު ކުރިއަޔަސް އަދި ނުކުރިޔަސް ޖޭއެސްސީއަކީ ސިޔާސީ މުއައްސަސާއެއް. އެތަނުގެ ކޮންޓްރޯލް މި އޮންނަނީ ސިޔާސީ ވަކި ވިސްނުންތަކެއް ހުރި ބޭފުޅުންތަކަކަށް. އެއީ އެކަން މިވަގުތު ހަމަޖެހިފައި އޮތް ގޮތްވެސްމެ. ނަމަވެސް ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް މަތިކުރާ ކަންތައްތަކެއްވޭ. އެކަންކަން މި ފެންނަނީ ފަހަރަކު ކަމެއް ފަަހަރަކު ކަމެއް މަޖިލީހަށް ނަގަމުންދާތަން. ދެން ކިހިނެއްތޯ ސުޕްރީމް ކޯޓްގެ ދައުރު ފެންނާނީ." ޖަމީލް ވިދާޅުވި އެވެ.
އެހެން ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި މިހާރު ދިމާވެފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުުރުމުގެ މައްސަލައަށް އެކަނި ބަލައިލުމުން ވެސް ބާރުތައް ހޯދުމަށް ވާދަވެރިކަން އޮތް މިންވަރު ހާމަވެ އެވެ. އެ މައްސަލައަށް ހައްލު ހޯދައިދެވޭނީ ސުޕްރީމް ކޯޓަށް ކަމަށެވެ. ނަމަވެސް ސިޔާސީ ނުފޫޒެއްގައި ޖެހި އިލެކްޝަންސް ކޮމިޝަނުން ވެސް އެކަމުގައި ގޯހެއް ހެދީ އެވެ.
ބޮޑެތި ބަލިމަޑުކަން ކުރިމަތިވެ، އިންތިހާބު ފަސް ކުރަން ޖެހުނު ކިތަންމެ ހާލަތެއް ދުނިޔެ ތަޖުރިބާކޮށްފައިވެ އެވެ. އެފަދަ ހާލަތްތަކުގައި ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީތަކުން ހައްލު ހޯދީ ވެސް ޝަރުއީ ނިޒާމުގެ ތެރެއިނެނެވެ.
"މިކަމުގައި ދެ ފަރާތުންވެސް [ރައްޔިތުންގެ މަޖިލިހާއި، އިލެކްޝަންސް ކޮމިޝަން] މިވަނީ ގޯސްހަދާފައި. މަޖިލީހަކީ ސިޔާސީ ބޭފުޅުންގެ ތަނެއް. އެހެންވީއިރު ސިޔާސީ ތަނަކުން ދައްކާ ވާހަކައަކަށް ތަބާވެގެން އިންތިހާބު ފަސް ކުރުމުގެ މައްސަލަ ކޯޓުން ނެގުމަކީ އިލެކްޝަންސް ކޮމިޝަނުން އެޅި ގޯސް ފިޔަވަޅެއް. މިއަދު ބައްލަވާ. މަޖިލީހަށް އެ އުޅެނީ މި ކަމަށް ދޭނެ ހައްލެއް ވެސް ނޭނގިގެން. ކުރާނެ ކަމެއްވެސް ނޭނގިގެން،"
ޖަމީލް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓްގެ ދައުރެއް ނެތުމުން އެކަމާ އޭނާ ހައިރާންވެވަޑައިނުގަންނަވަ އެވެ. މިހާތަނަށް ރާއްޖޭގައި ނުއުފެދޭފަދަ އާދަޔާ ހިލާފު ބާރުގަދަ މަޖިލީހެއް އޮތްކަން ދައްކަން އެ މަޖިލީހުގެ ރައީސާއި މެންބަރުން ވެސް މަސައްކަތް ކުރަމުން ގެންދާއިރު ފަނޑިޔާރުން ތިއްބެވީ ބިރާއި ނުފޫޒެއްގެ ތެރޭގައިކަން ވަރަށް ސާފުކޮށް އެނގެއެވެ.
"މުޅި މައްސަލައަކީ އާދަޔާ ހިލާފު ވަރުގަދަ މަޖިލީހެއް އޮތް ކަމަށް ދެކިގެން މަސައްކަތް ކުރުން. ބާރުތަކުގެ މެދުގައި ގާނޫނު އަސާސީން ގެނެސްދިން ހަގީގީ ބެލެންސް މިހާރު ނެތުން. އެހެންވީމަ މަޖިލީހަށް މި ހީވަނީ ބާރު އޮތީ ތިމަންނާމެންގެ އަތްމަތީގައޭ... ދަންނަވަންތޯ، އަޅުގަނޑަށް މިހާރުވެސް އެނގިފައި އެބައޮތް ބައެއް މެންބަރުން ކޯޓްތަކުގެ ފަނޑިޔާރުންނާ ބައްދަލްކޮށް ބިރުދައްކާކަން. އެކަން އަޅުގަނޑަށް އެނގޭ. އެހެންވީމަ މި އުޅެނީ ބާރު އޮތްކަން ދައްކަން ކުރާ މަސައްކަތްތަކެއް. އެއީ މިހާރު ތިއްބެވި ފަނޑިޔާރުންނަށް އިތުބާރު ނުކުރެވޭތީ އެއް ނޫން. ހުރިހާ ކަމެއްގެ ކޮންޓްރޯލް ނަގަން މި މަސައްކަތް ކުރަނީ،" ޖަމީލް ވިދާޅުވި އެވެ.
މުޅި މައްސަލައަކީ އާދަޔާ ހިލާފު ވަރުގަދަ މަޖިލީހެއް އޮތް ކަމަށް ދެކިގެން މަސައްކަތް ކުރުން. ބާރުތަކުގެ މެދުގައި ގާނޫނު އަސާސީން ގެނެސްދިން ހަގީގީ ބެލެންސް މިހާރު ނެތުން. އެހެންވީމަ މަޖިލީހަށް މި ހީވަނީ ބާރު އޮތީ ތިމަންނާމެންގެ އަތްމަތީގައޭ... ދަންނަވަންތޯ، އަޅުގަނޑަށް މިހާރުވެސް އެނގިފައި އެބައޮތް ބައެއް މެންބަރުން ކޯޓްތަކުގެ ފަނޑިޔާރުންނާ ބައްދަލްކޮށް ބިރުދައްކާކަން. އެކަން އަޅުގަނޑަށް އެނގޭ. އެހެންވީމަ މި އުޅެނީ ބާރު އޮތްކަން ދައްކަން ކުރާ މަސައްކަތްތަކެއް،ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބް ރައީސް
ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މި މައްސަލައަށް އޮތް ހައްލަކީ ގާނޫނު އަސާސީން ޖުޑިޝަރީއަށް އޮތް މަގާމު ޖުޑިޝަރީގައި ތިއްބެވި ބޭފުޅުން ދަސް ކުރެއްވުމެވެ. ކޮންމެ ފަހަރަކު ސިޔާސީ ބަޔަކު އައިސް ޖުޑިޝަރީ އިސްލާހު ކުރަނީއޭ ނުވަތަ މިހާރު އޮންނާނީ މިނިވަން ކަމާއެކު މަސައްކަތް ކުރުމުގެ ބާރު ދީފައޭ ބުނަންދެން ނުތިބެންވީ އެވެ.
"މި މައްސަލައަށް އޮތް ހައްލު ވަރަށް ސާފު. އެއީ ޖުޑިޝަރީ އަމިއްލައަށް ތެދުވުން. ކޮބައިކަން އެބައިމީހުންގެ ދައުރަކީ ދަސް ކުރުން. އަދި އަމަލުން ދެއްކުން. އެއީ މިނިވަން ބައެއްކަން އެހެން ބަޔަކު ބުނެދޭކަށް ނުޖެހޭ." މަޖިލީހުގެ އިދިކޮޅު މެންބަރަކު ވިދާޅުވި އެވެ.
ސިޔާސީ އިދިކޮޅު ލީޑަރެއް ކަމަށްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި ވެސް ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެއް ދިމާއެއްގެ ބާރު މާ ގަދަވެފައިވުމެވެ. ނުވަތަ ދެ ބާރެއް އެއްވެ ތިންވަނަ ބާރެއް ޕެރެލައިޒްވެފައި އޮތުމެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިިލީހުގެ މި ދައުރު ފެށުނީއްސުރެ އެ މަޖިލީހުން ކުރަމުންދަނީ ބާރުތައް ހޯދައި އެއްކުރުމުގެ މަސައްކަތެވެ. އެކަމަކު ކޮންމެ ކަމަކަށްވެސް ހައްލު ހޯދައިދީ ކަންކަން ފަހިކޮށްދޭން އޮތް ތަނަކީ މަޖިލީސް ކަމުގެ ދެއްކުމަށް ކުރެވޭ މަސައްކަތަކީ ގާނޫނު އަސާސީ ދަންނަ ކަމެއް ނޫނެވެ.
މަޖިލީހުން އެންމެ ބޮޑަށް "އަރައިގެންފައިވަނީ" ސަރުއީ ނިޒާމުގެ ބާރުތަކަށް ކަމަށްވުމުން އެކަމުގެ ކަންބޮޑުވުން ޝަރުއީ ނިޒާމުގެ ތެރޭގައި އެބައޮތެވެ. ހާއްސަކޮށް ސުޕްރީމް ކޯޓްގަ އެވެ. މަތީ އެ ކޯޓްގައި މިހާރު ތިއްބެވީ އާ މަޖިލީހުން ރުހުންދީ އައްޔަން ކޮށްފައިވާ ފަނޑިޔާރުން ނަމަވެސް އެ ފަނޑިޔާރުންނަކީ ގާބިލް، އަދި ތައުލީމީ ފަނޑިޔާރުންނަށްވާތީ ނުފޫޒެއްގެ ތެރޭގައި މަސައްކަތް ކުރަން އެ ފަނޑިޔާރުން އަބަދަކު ނުތިބޭނެ އެވެ.
"މަޖިލީހުން މި ޖަހާ ސަކަރާތުގެ ސަބަބުން އެކަންކަން ހުއްޓާލަން އަދި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ފަނޑިޔާރުން ވިދާޅުވާނެ. އަދި ތިޔަހެން ނުހައްދަވާށޭ ވެސް ވިދާޅުވާނެ. ދަންނަންޖެހޭ ކަމަކީ ހުރިހާ ފަނޑިޔާރުނެއް މިހާލަތު މިގޮތަށް ދާން ދޫކޮށްލައިގެން ނުތިބޭނެ. އެހެންވީމަ މި މަރުހަލާ މިހެން ދިޔައަސް އެކަން ގިނަ ދުވަހަކަށް ދެމިއެއް ނޯންނާނެ،"
އުމަރު ގަބޫލު ކުރައްވާ ގޮތުގައި ރައްޔިތުންގެ މަޖިލިސް ބޭނުން ކޮށްގެން ޝަރުއީ ނިޒާމަށް މަޖިލީސްތެރެއިން ނުފޫޒު ފޯރުވާ އެހެން ސަބަބެއްވެސް އެބައޮތެވެ. އެއީ ރައީސް ސޯލިހަށްވުރެ ރައީސް މުހައްމަދު ނަޝީދުގެ ބާރު ގަދަ ކަމަށް ދެއްކުމަށް ކުރާ މަސައްކަތް ފުޅާކޮށްފައި ބޭއްވުމެވެ.
"ހަގީގަތުގައި މި ދެ ބޭފުޅުން [ރައީސް ސޯލިހާއި ރައީސް ނަޝީދު] ގެ ދެމެދުގައި ކުރިއަށްދާ ދެކޮޅަށް ވާދެމުމުގެ ކަންކަން މި ހިނގަނީ. ކޮން ބޭފުޅެއްގެ ބާރެއްތޯ ފަނޑިޔާރުންގެ މައްޗަށް ހިނގަނީ. އެހެން ނަމަވެސް އަޅުގަނޑު ކުރިންވެސް މި ދެންނެވިހެން މިކަން ގިނަ ދުވަހަކަށް ދެމިގެން ނުދާނެ!"
އުމަރު އިޝާރާތް އެ ކުރައްވަނީ ޝަރުއީ ނިޒާމުގެ ތެރެއިން އެ ނިޒާމު ހަގީގީ ބާރުވެރި ކަމުގައި ތެދުވާނެ ވަގުތެކެވެ. ނުވަތަ އޮތް ބާރަށްވުރެ ބޮޑު ބާރަކާއެކު ތެދުވެ ބޮނޑިއެއް އަޅާނެ ވަގުތެކެވެ. އޭގެ މިސާލު އޭނާ ނެންގެވީ އެކެއް ފެބްރުއަރީގެ އަމުރުންނެވެ،
އޭނާ ވިދާޅުވި ގޮތުގައި އެތައް ގޮންޖެހުންތަކާއެކު ޝަރުއީ ނިޒާމަށް ކަމެއް ނިންމަން ނުކެރި އޭރު އޮތީ ވެރިކަމުގެ ނިޒާމުގެ ބާރުގަދަވެގެނެވެ. އެކަމުގެ އާހިރު ނަތީޖާއަކަށްވީ އެކެއް ފެބްރުއަރީގައި ވަރުގަދަ ބޮޑު އަމުރެއް ނުކުތުމެވެ. ނަމަވެސް ސުޕްރީމް ކޯޓުން އޭރު ތެދުވި ގޮތް އުމަރު ގަބޫލެއް ނުކުރައްވަ އެވެ. އެހެން ނަމަވެސް އެފަދަ ހާލަތުތައް އަންނަނީ ނުފޫޒު ފޯރުވާ ބިރު ދެއްކުން އިންތިހާއަށް ދިއުމުން ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
"މިދާ ގޮތުން އެއް ގޮތަކީ [ރައީސް ސޯލިހް] ހަށިފޮޅާލާފައި ތެދުވާނެ ނޫނީ ސުޕްރީމް ކޯޓް ތެދުވާނެ، ފަހަރުގައި ދެ ބާރު އެކުގައި ވެސް ތެދުވެ ދާނެ. އަބަދަކު އެއްބާރަކަށް އެހެން ފުރުސަތު ދީގެން ދެން އޮތް ބާރުތަކެއް ނޯންނާނެ،"
މިދާ ގޮތުން އެއް ގޮތަކީ [ރައީސް ސޯލިހް] ހަށިފޮޅާލާފައި ތެދުވާނެ ނޫނީ ސުޕްރީމް ކޯޓް ތެދުވާނެ، ފަހަރުގައި ދެ ބާރު އެކުގައި ވެސް ތެދުވެ ދާނެ. އަބަދަކު އެއްބާރަކަށް އެހެން ފުރުސަތު ދީގެން ދެން އޮތް ބާރުތަކެއް ނޯންނާނެ،އުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު
މިހާތަނަށް ހިނގާދިޔަ ކަންކަމަށް ބަލާއިރު، އާ ސީޕްލޭން ޓާމިނަލްގެ މައްސަލައާ، ލޯކަލް ކައުންސިލް އިންތިހާބުގެ މައްސަލައަކީ ވެސް މަޖިލީހުގެ ޒިންމާއެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް އެކަންކަމުގެ ޒިންމާ އޮތް މުއައްސަސާތަކުން ކަންކަން ކުރިއަނުދީ މަޖިލީހުން ކަންކަން ނިންމަން ދިމާކުރީ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓްގައި އޮތް މައްސަލަ ނަގާ، މަޖިލީހަށް މައްސަލަ ގެންދިއުމަކީ އިލެކްޝަންސް ކޮމިޝަނުން ޕްރެޝަރުގައި ކޮށްފައިވާ ކަމެއް ކަމަށް މީހުން ގަބޫލު ކުރެއެވެ.