ރިޕޯޓް

ފަނޑިޔާރުގެ ސާފުކުރުމުގެ ނިޔަތް އެބައޮތްތަ؟

އެމްޑީޕީއަކީ ސިޔާސީ ފިކުރުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރާ ވާހަކައަކީ ރަނގަޅު ނިޔާ އާއި ފުރިހަމަ އިންސާފުގެ ވާހަކަ އެވެ. އެ ޕާޓީގެ ނިޝާންގެ ގޮތުގައިވާ ތިލަފަތް ވެސް ރަމްޒުކޮށްދެނީ އެ ވާހަކަތައް ކަމަށް ވެއެވެ. ޖުމްލަ ވާހަކައަކީ ފަނޑިޔާރު ގެއާއި ޝަރުއީ ނިޒާމު އިސްލާހު ކުރަންޖެހޭ ވާހަކަ އެވެ.

ޝަރުއީ ކޯޓުތަކުން ކޮށްފައިވާ ގިނަ ހުކުމްތަކާ ގުޅިގެން އެމްޑީޕީން ފާޑުނުކިޔާ ދުވަސްވަރެއް ނެތެވެ. ބުނާ ގޮތުގައި މިހާރު އޮތް ކޯޓުތަކުގައި ތިބި ފަނޑިޔާރުންނަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ބައެކެވެ. ހާއްސަކޮށް ސުޕްރީމް ކޯޓެވެ. ސުޕްރީމް ކޯޓުން "ޖުޑިޝަރީ ޑިކްޓޭޓާޝިޕް" އެއް ގާއިމުކޮށްފައިވާ ކަމަށް އެ ޕާޓީގެ އިސް ބޭފުޅުން ސިފަ ކުރައްވަ އެވެ.

އެފަދަ އިސް ބޭފުޅުން ވިދާޅުވާ ގޮތަށް ފަނޑިޔާރު ގެ "ދޮވެ ސާފު ކުރަން" ބޭނުންވާ ހުރިހާ ކަމެއް އެމްޑީޕީއަށް ރައްޔިތުން މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ. މިދިއަ ރިޔާސީ އިންތިހާބުގައި ސަރުކާރު ހަވާލު ކުރީ އެމްޑީޕީއާ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސުޕަ މެޖޯރިޓީ ދިނީ އެމްޑީީޕީއަށެވެ. ނަމަވެސް ހެޔޮ ނިޔަތެއްގައި ފަނޑިޔާރު ގެ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރާއި މަޖިލީސް ކުރަމުންދޭތޯ އެގޮތުގައި އެކަން ކުރާނެތޯ އެއީ އޮތް ސުވާލެކެވެ. ގައިމުވެސް ކަން ކުރެވޭނެ ބާރު ނެތިގެން ނުކުރެވުނޭ ބުނާނެ އެއްވެސް ފުރުސަތެއް މިހާރު އެމްޑީޕީއަަކަށް ވެސް އަދި އެ ޕާޓީގެ ސަރުކާރަކަށް ވެސް ނެތެވެ. ހުރިހާ ބާރެއް އޮތީ އެމްޑީޕީގެ ސަރުކާރާއި އެމްޑީޕީގެ މުށުގަ އެވެ.

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުމުގެ ޕްރޮސެސް

ޖުޑީޝަލް ރިފޯމްގެ ނަމުގައި އެމްޑީޕީން ދަނީ ޖުޑިޝަރީއާ ގުޅުން ހުރި ގާނޫނުތަކަށް ބަދަލުތަކަށް ގެންނަމުންނެވެ. އޭގެ ތެރެއިން އެއް ބަދަލަކީ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ފަހަކުން ހަތަކަށް އިތުރު ކުރުމެވެ. އެހެންކަމުން ބެންޗަށް އިތުރުވާ ދެ ގޮނޑިއަށް ފަނޑިޔާރުން އައްޔަން ކުރަން ޖެހެ އެވެ. އަދި ސުޕްރީމް ކޯޓުގައި ތިއްބެވި ބައެއް ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީން ބަލަން ފެށުމުން، އެ ހިސާބުން އެ ކޯޓުގެ ބެންޗު ބަދަލު ކުރުމުގެ ޕްރޮސެސްއެއް ފެށުނީ އެވެ.

ސުޕްރީމް ކޯޓަށް އިތުރުވި ދެ ގޮނޑިއަށް ޖޭއެސްސީގެ ލަފައާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޑރ. އަޒްމިރަލްދާ ޒާހިރު އާއި، އައިޝާ ސުޖޫންގެ ނަންފުޅު މަޖިލީހަށް ފޮނުވައިފަ އެވެ. އެ ދެ ފަނޑިޔާރުންގެ ނަން ފޮނުވުމުން މަޖިލީހުގެ ރިޔާސަތުން ވަނީ ނަން ފޮނުވި ދުވަހުގެ ރޭ ޖަލްސާއެއް ބާއްވަން ނިންމައި އެ މައްސަލަ އެޖެންޑާ ކޮށްފަ އެވެ. އަދި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ މައްސަލަ ތަޅުމަށް ހުށަޅައި، ވަގުތުން ދިރާސާ ކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވި އެވެ. ހަމަ އެ ރޭ ކޮމިޓީން ބައްދަލުވުމެއް ބާއްވައި، ދެ ފަނޑިޔާރުން އައްޔަން ކުރަން ރުހުން ދިނުމަށް ފާސްކުރި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުﷲ ދީދީ ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވި މައްސަލާގައި ވެސް އަމަލު ކުރީ ހަމަ އެ އުސޫލުންނެވެ. ދީދީ ފަނޑިޔާރު ކަމުން ވަކި ކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވީ މިދިޔަ އަންގާރަ ދުވަހު ހެނދުނު އެވެ. މަޖިލީހަށް އެ މައްސަލަ ލިބުމާއެކު އެ ދުވަހުގެ ރޭ މަޖިލީހުގެ ޖަލްސާއެއް ބޭއްވި އެވެ. ކޮމިޓީއަށް މައްސަލަ ފޮނުވުމުން ހަމަ އެ ރޭ ބައްދަލުވުމެއް ބާއްވައި ފަނޑިޔާރުކަމުން ދީދީ ވަކިކުރަން ކޮމިޓީން ފާސްކުރި އެވެ. ދެން އޮތް ބުދަ ދުވަހު ކޮމިޓީ ރިޕޯޓަށް ބަހުސްކޮށް ފަނޑިޔާރުކަމުން ދީދީ ވަކިކުރަން މަޖިލީހުގެ ތަޅުމުން ފާސްކުރީ އެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގެ ނުވަތަ ފަނޑިޔާރުގޭގެ މައްސަލާގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އެ ގޮތަށް އަމަލު ކުރިއިރު، މަޖިލީހަށް އަންނަ އެހެން މުއައްސަސާތަކު މައްސަލަތަކުގައި އަމަލު ކުރަނީ މުޅިން ތަފާތު އުސޫލުތަކުންނެވެ. އެ މުއައްސަސާތަކަށް އައްޔަން ކުރަން ފޮނުވާ މީހުންނާ އިންޓަވިއުކޮށް ހަދަ އެވެ. އަދި ނިމުނީއެއް ނޫނެވެ. އެ މީހުންނާ މެދު ޝަކުވާއެއް ނުވަތަ ހިޔާލެއް އޮތްނަމަ އެ ފުރުސަތު އާންމުކޮށް ހުޅުވާލަ އެވެ.

ޖުޑިޝަރީ ކޮމިޓީގެ ނައިބު މުގައްރިރު، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވި ގޮތުގައި ފަނޑިޔާރުންގެ ގާނޫނުގައި ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމުގައި އަމަލު ކުރަން އޮންނަ އިޖުރާއަތްތަކަށް ބަލާއިރު، ފަނޑިޔާރުން އިންޓަވިއުކުރުމުގެ ކަންކަން އޮންނަނީ ޖޭއެސްސީއަށެވެ. ޖޭއެސްސީގެ މިންތަކުގެ ތެރެއަށް ޖުޑިޝަރީ ކޮމިޓީއަށް ނުވަދެވޭނެ އެވެ. ނަމަވެސް ޖުޑިޝަރީ ކޮމިޓީއަށް ޖޭއެސްސީން އެ ކަމުގައި އަމަލުކޮށްފައިވާ ގޮތް ބެލޭނެ އެވެ.

ފަނޑިޔާރުންގެ ގާނޫނުގައި އޮންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތްތައް ޖޭއެސްސީން އިންޓަވިއުކޮށް، އެ ކަމަށް ޝަރުތު ފުރިހަމަވާ މީހުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމަށެވެ. އަދި ފަނޑިޔާރު ކަމަށް އައްޔަން ކުރަން ޖޭއެސްސީއަށް ފެންނަ ނަންތައް ވެސް ވަކިން ރައީސަށް ފޮނުވަން ޖެހެ އެވެ. އެ ނަންތައް ރައީސް މަޖިލީހަށް ހުށަހެޅުމުން، ފަނޑިޔާރު ކަމަށް އައްޔަން ކުރެވޭނީ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން އެކަމަށް ރުހުން ދިނުމުންނެވެ.

ސިރާޖު ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އެންމެ ރަނގަޅު އުސޫލެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރު ކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ގާބިލު ކަން ޔަގީން ކުރުމަށް އެ ފަރާތްތައް އިންޓަވިއުކުރުމުގެ ބާރު މަޖިލީހަށް އޮންނަން ވާނެ އެވެ. އަދި އެ ކަމުގައި އާންމުންގެ ހިޔާލު ހޯދަން ވެސް އޭނާ ތާއީދު ކުރައްވަ އެވެ.

"އަޅުގަނޑުގެ އަމިއްލަ ހިޔާލަކީ ފަނޑިޔާރުން ވަކިކުރުމާއި ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮންނާތީ ފަނޑިޔާރުންނާ އިންޓަވިއުކޮށް އެ ފަނޑިޔާރުންގެ ގާބިލު ކަން ބެލެން މަޖިލީހަށް ބެލެން ވާނެ ކަމަށް، ނަމަވެސް އެ ކަން ކުރެވެން އޮންނާނީ ގާނޫނަށް އެ އިސްލާހު ގެނެސްގެން ކަމަށް." މޫސާ ސިރާޖު ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އިންސާފު ގާއިމުކޮށްދިނުމުގެ ބަދަލުގައި އެމްޑީޕިން އިސްވެގެން ކުރަމުން ދަނީ އަމިއްލަ އަދި ބައެއް ޒާތީ މަސައްކަތްތެކެވެ. އަދި މަޖިލީހުގައި ވެސް ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި ކުރަމުންދާ ކަންކަމުގައި އިޖުރާތްތަކަކަށް ބަލައެއް ނުހަދަ އެވެ.

"ރައީސް ނަޝީދުގެ ޒާތީ މައްސަލައެއް އޮތް ފަނޑިޔާރެއްގެ މައްސަލައެއް އެއީ، ރައީސް ނަޝީދު އަމިއްލައަށް މައްސަލަ ހުށަހަޅައިގެން އެމަނިކުފާނު ހިމެނޭ ޖޭއެސްސީން މައްސަލަ ބަލައިގެން އެމަނިކުފާނު އިންނަވާ މަޖިލީހަށް ދެން މި ފޮނުވަނީ، އަމިއްލަ އިޖުރާއަތްތަކެއް އެ ކުރިއަށް ގެންދަނީ،" ޝިޔާމް ވިދާޅުވި އެވެ.

ފަނޑިޔާރުން ވަކިކުރުމުގައި ޖޭއެސްސީއާއި މަޖިލީހުން މިހާރު އަމަލު ކުރަމުން ދަނީ ގާނޫނު އަސާސީގައި އޮންނަ އުސޫލުތަކުގެ ތެރެއިން ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވިދާޅުވެ އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ފަނޑިޔާރުން ވަކިކުރުމުގައި ގާނޫނު އަސާސީގައި އޮންނަ ޑިއު ޕްރޮސެސްގެ އުސޫލު ވަނީ ގެއްލުވާލާފަ އެވެ.

އެނގޭ އެއް ކަމަކީ ރައްޔިތުންގެ އެންމެ ކަންބޮޑުވުން އޮތް ދާއިރާގައި ރައްޔިތުންގެ ހިޔާލު މުހިއްމު ކަމެވެ. ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ނުގެނެސް ވެސް އެ ކަން ކުރެވިދާނެ އެވެ. އަދި ފަނޑިޔާރުން އައްޔަން ކުރުމުގެ ކުރިން ފަނޑިޔާރުންނާ އިންޓަވިއު ކުރުމަކީ މަޖިލީހުން ވެސް ކުރެވިދާނެ ކަމެކެވެ. އެހެން މުއައްސަސާތަކަށް ވެސް މީހުން އައްޔަން ކުރުމުގައި ދިރާސާ ކުރާ މިންވަރަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ވެސް ކުރަންޖެހެ އެވެ.

ޖޭއެސްސީ އެކުލެވުން މިހާރު އޯކޭ!

ފަނޑިޔާރުގެ އިސްލާހު ކުރަން އެންމެ މުހިއްމު އެއް ކަމަކީ އެ ފަނޑިޔާރުންގެ މައްސަލަތައް ބަލަން އޮންނަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކަންކަން ރަނގަޅު ކުރުމެވެ. ފަނޑިޔާރުންގެ މައްސަލަ ބަލާ މުއައްސަސާގައި އެއް ބަޔެއްގެ ގޮތުގައި ތިއްބެވީ ހަމަ އެ ފަނޑިޔާރުންގެ ތެރެއިން ބައެކެވެ. ދެން ތިއްބެވީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވެވޭނެ ފަދަ މަގާމުތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުންނެވެ.

ޖޭއެސްސީގައި ތިއްބަވަނީ މަޖިލީހުގެ ރައީސާއި، މަޖިލީހުގެ މެންބަރަކާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެންބަރަކާއި ބަންޑާރަ ނައިބުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރަކާއި، ވަކީލުންގެ ތެރެއިން ބޭފުޅަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހެކެވެ.

އެހެންކަމުން މިހާރު ޖޭއެސްސީގައި ވެސް އެ އޮތީ އެމްޑީޕީގެ "ސުޕަ މެޖޯރިޓީ" އެވެ. އެއީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި މަސްތޫރު ހުސްނީގެ އިތުރުން، ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ހިމެނިގެންދާ ގޮތަށެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ މިހާރު އޮތް ޖޭއެސްސީއަކީ ވެސް "ސިޔާސީ ޕާޓީ" އެކެވެ. އެ ކޮމިޝަންގައި ތިއްބެވީ އެމްޑީޕީގެ ބޭފުޅުންނެވެ. އެ ކޮމިޝަންގެ ނިންމުންތައް ވެސް އޮތީ އެ ބޭފުޅުން ބޭނުންފުޅުވާ ގޮތަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިނިވަން ޝަރުއީ ނިޒާމެއް ގެންނަން އެމްޑީޕީން ބޭނުންވާނަމަ އެ ގޮތަށް ނުތިއްބަވާނެ އެވެ. ޖޭއެސްސީ އެގޮތަކަށް ނުބާއްވާނެ އެވެ.

"އިހުލާސްތެރިކަމެއް އޮތްނަމަ ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރާނެ، ޖޭއެސްސީގެ މި އެކުލެވުމަށް އެންމެ ބޮޑަށް ހަޖޫ ޖެއްސެވި ބޭފުޅުންނަކީ ވެސް މިއީ، އެކަމު މިއަދު އެ ބޭފުޅުންގެ ޕާޓީގެ އެކްޓިވިސްޓުން އެ ޖޭއެސްސީއަށް ވަނީމަ އެ އެކުލެވުމުގައި ކުރިއަށް ގެންދާ ތަން މި ފެންނަނީ" ޝިޔާމް ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ ޖޭޕީގެ މެންބަރު އަލީ ހުސައިން ވިދާޅުވި ގޮތުގައި ފަނޑިޔާރު ގެ އިސްލާހު ކުރުމަކީ މިހާރުން މިހާރަށް ވެސް ކުރަން ޖެހިފައިވާ ކަމެކެވެ. އެހެންކަމުން މި ވަގުތަށް އޮތް ފަރުވާއަކީ މިހާރު އޮތް ޖޭއެސްސީއާއެކު ފަނޑިޔާރުގެ އިސްލާހު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމެވެ. އަދި ޖޭއެސްސީގައި ފަނޑިޔާރުގެ އިސްލާހު ކުރުން ބޭނުންވާ ބަޔަކު ތިބިނަމަ އެ ކަމެއް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވެ އެވެ.

އޭނާ ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ޖުޑިޝަރީ އިސްލާހު ކުރަން ދާއިމީ ފަރުވާއަކަށް އޮތީ ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމެވެ. ގާނޫނު އަސާސީގައި މިހާރު އޮތް ގޮތަށް ޖޭއެސްސީގެ އެކުލެވުން އޮވެ، ކޯޓުތަކުގެ ބާރާއި ނުފޫޒު އޮވެ ޝަރުއީ ނިޒާމު އިސްލާހެއް ނުކުރެވޭނެ އެވެ.

ޖޭއެސްސީގެ އެކުލެވުމާ ގުޅޭ ގޮތުން ބަންޑާރަ ނައިބު ރިއްފަތް މީގެ ކުރިން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އޭރު ވިދާޅުވެފައިވާ ގޮތުގައި ޖޭއެސްސީގެ އެކުވެލުމަށް ވަގުތުން ބަދަލެއް ގެނެވޭކަށް ނެތެވެ. ކުރަން ޖެހޭ ދިރާސާތަކަށް ފަހު އެ ކަން ކުރާނެ އެވެ.

"އެންމެ މުހިއްމު ކަމަކީ މި ކަން ރަނގަޅު ކުރުން. އެއީ ދިރާސާއެއް ކުރެވިގެން ނޫނިއްޔާ ރަނގަޅު ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން، އެހެންވީމާ ދިރާސާއެއްގެ އަލީގައި ޖުޑިޝަލް ސާވިސް ކޮމިޝަންގެ އެކުލެވުމަށް ގެންނަން ޖެހޭ ބަދަލުތައް އަޅުގަނޑުމެން ގެންނާނަން،" ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ ހާމަ ކުރައްވަމުން ރިއްފަތު ވިދާޅުވި އެވެ.

ޖުޑިޝަރީއާމެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ޝަރުއީ ކޯޓުތައް އިސްލާހު ކުރަން ޖެހިފައިވާ ކަމަކީ ހުރިހާ ސިޔާސީ ފިކުރެއްގެ ބަޔަކު ވެސް މިއަދު ގަބޫލު ކުރާ ކަމެކެވެ. ހެޔޮ ނިޔަތެއްގައި ސަރުކާރުން ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީން ކަން ރައްޔިތުން ބޭނުންވެ އެވެ. އެ މަސައްކަތް އޮތީ މުތުލަގަށް އެމްޑީޕީއާ ހަވާލުކޮށްފައެވެ.