ރާއްޖޭގައި ލާއިންސާނީ އަމަލުތަކާއި އަސާސީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާފައިވާ އަމަލުތައް ބަލައި، އިންސާފު ހޯދައި ދިނުމަކީ އަބަދުވެސް ސުވާލު މާކެއްގެ ތެރޭގައި އޮތް މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެ ވައުދަށް އިތުރަށް ހިޔަނި އެޅުނީ، ގިނަ ބަޔަކު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ތުހުމަތުކުރި ގޮތަށް، އިންތިގާލީ އިންސާފުގެ ނަމުގައި އެ ބިލު ފަރުމާކުރި އިރު އިންސާފު ހޯދައިދެވޭ މުއްދަތު ކަނޑައެޅި ގޮތުންނެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ ކޮންޓްރޯލް ކުރާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމާ ހަމައަށް އެ ބިލު އައިރު، ބޭނުމެއްގެ ގޮތުގައި ހިމަނާފައި އޮތީ، ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 ގެ ނިޔަލަށް ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބެލުމެވެ.
އަދި އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި ގާނޫނީ އޮނިގަނޑެއް އެކުވާލުން ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ގާނޫނުގައި އޭރު ބަޔާންކޮށްފައި އޮތް މުއްދަތަކީ އެމްޑީޕީގެ ފުރަތަމަ ސަަރުކާރު ކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަށް ފަހު އަލުން އެ ޕާޓީއަށް ވެރިކަން ލިބި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ހިނގައި ދިޔަ މުއްދަތެވެ.
ނަމަވެސް، އެ ބިލަށް ހިޔާލު ހޯދަން ބޭއްވި ބައްދަލުވުންތަކުގައި އަމިއްލަ ޖަމާއަތްތަކާއި އާއްމުންގެ ތެރެއިންވެސް ގިނަ ބަޔަކު ވަނީ އިންސާފު ހޯދައިދޭ މުއްދަތާ ގުޅޭގޮތުން ކަންބޮޑުވުންތައް ބަންޑުންވެގެންދިއަ އެވެ.
ގިނަ ބައެއްގެ ނަޒަރުގައި މި ބިލަކީ ސީދާ އެމްޑީޕީ ސަޕޯޓަރުންގެ ބިލެކެވެ. ދެހާސް ބާރަ ވަނަ އަހަރު އޭރުގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު ހިނގާ ދިޔަ ކަންތައްތަކުގެ ތެރެއިން ބަދަލު ނަގައިދޭ މަގެވެ. އިންސާފުގެ ނަމުގައި "ބަޣާވާތް" ކުރި މީހުނަށް އަދަބު ދޭން ތޫނުކުރި ހަތިޔާރެވެ. "އިންސާފު" ހޯދައިދޭ މުއްދަތު އޮތް ގޮތުންވެސް އެ ހުރިހާ ތުހުމަތުތަކަކަށް ބާރު ލިބުނެވެ.
އިންސާފުގެ މުއްދަތު ފުރަތަމަ ޖުމްހޫރިއްޔާއާ ހަމައަށް
އެ ކަންބޮޑުވުންތަކާ ގުޅިގެން، މަޖިލީހުން ވަނީ އެ މުއްދަތު ޖެނުއަރީ 1، 1953 އިން ފެށިގެން މި ސަރުކާރު ވުޖޫދުވި ދުވަހާ ހަމައަށް އިންސާފު ހޯދައިދެވޭ މުއްދަތު އިތުރުކޮށްފަ އެވެ. އެހެން ގޮތަކަށް ބުނަނީނަމަ، ރާއްޖޭގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކާއި އަސާސީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާފައިވާ އަމަލުތައް ބަލައި، އިންސާފު ހޯދައިދެވޭ މުއްދަތު ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުފެދުނު އަހަރަށް ދައްމާލީ އެވެ. އިންތިގާލީ އިންސާފު ހަމައެކަނި އެމްޑީޕީއަށް ނިސްބަތް ނުކުރެވޭ މިންވަރަށެވެ.
އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮންނަ މަޖިލީހުން ފާސްކޮށް، މިދިއަ ޑިސެމްބަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާއެކު އެ ބިލު މިހާރު ވަނީ ގާނޫނަކަށްވެފަ އެވެ. އިންތިގާލީ އިންސާފުގެ އަތް ފޯރައި 65 އަހަރުގެ މާޒީގައި، ދައުލަތުން ބޭއިންސާފުވެފައިވާ މީހުންގެ ލިސްޓު އިންތިހާއަށް ދިގުވާނެކަމީ އެއްވެސް މީހަކު ދެބަސްވާނެކަމެއް ނޫނެވެ. ނުހައްގުން ޖަލަށްލެވި، އަސާސީ މިނިވަންކަމާއި ހައްގުތައް ގެއްލި، މުޅި ދިރިއުޅުން ބަރުބާދުވެފައިވާ އެތައް ބަޔަކު ހިމެނޭ ގޮތަށެވެ.
ނަމަވެސް، އެ ބިލު ފަރުމާކޮށްފައިވާ ގޮތުން، އޭގެން ކޮންމެ މައްސަލައަކީ ގާނޫނުގެ އިހުތިސާސް ތެރެއަށް ވަންނަ މައްސަލައެއް ނޫނެވެ. އެ ގާނޫނުން އިންސާފު ލިބޭނެކަމަށް އުއްމީދުއޮތީ، ވަރަށް މުހިއްމު ޝަރުތުތަކެއް ހަމަވާނަމަ އެވެ.
އެހެން ގޮތަކަށް ބުނަނީނަމަ، ގާނޫނުގައި ބަޔާންކުރާ އެ މުއްދަތުގައި ކިތަންމެ ބޮޑު ދެރައެއް ލިބިފައިވާ މީހެއް ނަމަވެސް، އެކަމަކީ "ނިޒާމީ ސިފައެއް"ގައި ރޭވިގެން ހިންގާ އަމަލަކަށްވާންޖެހޭކަމަށް ގާނޫނުގައި އޮތީ ލާޒިމުކޮށްފަ އެވެ.
އިންސާފު "މާނަ"ކުރުމުގެ ބާރު އޮމްބުޑްސްޕާސަންގެ އޮފީހަށް
އިންތިގާލީ އިންސާފުގެ އެ ބިލުގައި އެ މުއްދަތުގެ ތެރޭގައި ބޭއިންސާފުން އެ ގޮތަށް ހިނގާފައިވާ މައްސަލަތައް ބެލުމުގެ ގޮތުން އޮމްބުޑްސްމަންގެ އޮފީހެއް ގާއިމު ކުރަން ބަޔާން ކޮށްފައިވެ އެވެ. އެފަދަ މައްސަލަތައް ދެނެގަނެ އެ ކަމުގައި ޒިންމާވާ މުއައްސަސާތަކާއި އެ ކަން ކުރި ފަރާތްތަކުގެ މައްސަލަ ބަލައި ހަގީގަތާ ހަމައަށް ވާސިލުވުމަކީ އެ އޮފީހުގެ ޒިންމާއެކެވެ. އެ ގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖަވާބުދާރީ ކުރަވަން ވެސް ޖެހޭނެ ކަމަށެވެ.
އޮމްބުޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގަށް ފަހު ޖިނާއީ ކުށެއް ކަމުގައިވާ އަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލަށް އަދި މަދަނީ ދައުވާ އުފުލުމަށްޓަކައި އެޓާނީ ޖެނެރަލްއަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
އޭގެ މާނައަކީ، އެ ގާނޫނުގެ ދަށުން "ނިޒާމީ ސިފަ"އަކަށް ފެތިގެން، ބަލާނީ ކޮން މައްސަލަތަކެއްކަން ކަނޑައަޅާނީ ސީދާ އެ އޮފީހުންނެވެ. އިންސާފާ ހަމައަށް ވާސިލުވުން ބިނާވެފައިއޮތީ އެންމެ ފުރަތަމަ، އޮމްބުޑްސްމަންގެ އޮފީހުގެ މާނަކުރުމުގެ މައްޗަށެވެ. ސަބަބަކީ، އެ އިބާރާތުގެ މާނަކުރުމުގެ ތެރެއަށް ވަންނާނީ ކޮން ކަންތައްތަކެއްކަން ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތުމުންނެވެ.
- މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވުން.
- އެ އަމަލު ހިންގާފައިވަނީ ދައުލަތުގެ މުއައްސަސާއަކުން ކަމަށްވުން، ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުންކަމަށްވުން.
- ހުށަހަޅާ ޝަކުވާގެ ހާދިސާ ހިނގާފައިވަނީ 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ދެމެދު ކަމަށްވުން.
- އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވަނީ ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުންކަމަށްވުން.
ސިޔާސީ ފިކުރު ބުރަވެފައި އޮންނަ ކޮޅަކުން، އެ ގާނޫނުގެ ދަށުން ބަލާނެކަމަށް ކުރަމުންދާ ލަފާކުރުންތައް ތަފާތުވާ މައިގަނޑު އެއް ސަބަބަކީވެސް އެއީ އެވެ.
އެއް ބަޔަކަށް 2012 ވަނަ އަހަރުގެ "ބަޣާވާތް" މި ގާނޫނަށް ފުރިހަމައަށް ފެތެވެ. އެކަމުގައި ހައްގުތައް ގެއްލުނު ބަޔަކަށް އިންސާފުލިބި، އެކަމުގައި އިސްކޮށް ތިބި މީހުންނަށް އަދަބު ދެވޭނެ އެވެ. އޭގެ އަނެއް ކޮޅުން، އެ އަހަރު ވެރިކަން ވެއްޓުމުގެ ފެށުމުގެ ގޮތުގައި ގިނަ ބަޔަކަށް ގަބޫލުކުރެވޭ، ސިފައިން ނުކުމެ ގާޒީއެއް ހައްޔަރުކުރުން އެއީ "ނިޒާމީ ސިފަ"އެއްގެ މިންގަނޑު ފެށޭ ހިސާބެވެ.
އިންތިގާލީ އިންސާފުގެ ވެރިންނަށް ހިޔަނި
މިފަދަ އަރައިރުމުގެ ތެރެއިން، އޮމްބުޑްސްޕާސަންގެ އޮފީސްގެ ދައުރު އިތުރަށް މުހިއްމުވެ އެވެ.
ސަރުކާރުގެ އިސްބޭފުޅުން އެކި އެކި މަރުހަލާތަކުގައިވެސް ވިދާޅުވެފައިވާ ގޮތަށް، އޮފީހުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ އަނިޔާ ލިބުނު ފަރާތާއި، އަނިޔާދިން ފަރާތް ސުލްހަކުރުވުމެވެ.
އެކަން ކުރުމުގައި އަމަލުކުރާނެ ގަވާއިދެއް އޮމްބުޑްސްޕާސަންގެ އޮފީހުން ހަދަންޖެހޭއިރު، މީހެއްގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބުނަސް، ދައުވާކުރަން ފޮނުވަންވާނީ އަނިޔާ ލިބުނު ފަރާތާއި، އަނިޔާދިން ފަރާތް ސުލްހަކުރުވުމުގެ މަސައްކަތް ނާކާމިޔާބުވެއްޖެނަމަ އެވެ.
ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބިފައިވާ ގެއްލުމަކަށް ބަދަލު ހޯދައިދިނުން ވެސް ފެށިގެން އަންނަނީ އެ އޮފީހާ ހިސާބުންނެވެ.
ކުރު ގޮތަކަށް ބުނަނީނަމަ، ގާނޫނުގައި ލިޔެފައި ހުރި މާއްދާތަކުން ފަރުވާ ހޯދައިދީ، ނަތީޖާއެއް ފެނުން ބިނާވަނީ އޮމްބުޑްސްޕާސަންގެ އޮފީހުގެ މައްޗަށެވެ.
އެ ގާނޫނުގެ އެކި ހިސާބުތަކުގައި އެ އޮފީހަށް އައްޔަނުކުރާ ބަޔަކުވާންޖެހޭނީ ނުފޫޒުން އެއްކިބާވެ، އަދަލުވެރިކަމާއި އިންސާފުވެރި ބައެއްކަމަށް ހިމަނާފައިވަނީ އެހެންވެ އެވެ.
ނަމަވެސް، މިނިވަން މުއައްސަސާތަކަށް "ސިޔާސީ" މީހުން އައްޔަނުކުރާކަމުގެ ތުހުމަތު ސިލްސިލާއަށް އޮމްބުޑްސްޕާސަންގެ އޮފީސްވެސް މިހާރު ވަނީ އިތުރުވެގެންގޮސްފައި އެވެ. އިންތިގާލީ އިންސާފުގެ މަސައްކަތް އަދި ނުވެސް ފެށެނީސް، އެކަމަށް މިހާރުވެސް ވަނީ ހިޔަނި އެޅިފަ އެވެ. ގާނޫނުގައި ތަކުރާރުކޮށް ބޭނުންކޮށްފައިވާ މިނިވަންކަމާއި އަދުލުވެރި ފަދަ އިބާރާތްތަކާމެދު ފެންމަތިވެފައިވާ ސުވާލުތަކާއެކު އެވެ.
މި މަހުގެ 15 ވަނަ ދުވަހު ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް ނ. މާފަރު އީޓުޖެހިގެ އަބްދުއްސަލާމް އާރިފް، އަދި އޮމްބަޑްސްޕާސަންގެ މަގާމަށް ގއ. ކަނޑުހުޅުދޫ ބްލޫރޯޒް ޖިހާދާ އަނީސްއާއި، ހ. ފެހިއާލާ މަރްޔަމް ލައިޒާ، ރައީސް ސޯލިހު އައްޔަނުކުރެއްވުމާއެކު ގިނަ ޝަކުވާތަކަކާއެކު އެ ގާނޫނުން ހާސިލުކުރަން ބޭނުންވާ މަގުސަދާމެދު މިހާރުވެސް ވަނީ ސުވާލު އުފައްދަން ފަށައިފަ އެވެ.
ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފަކީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެއް ކަމަށާއި އެ މަނިކުފާނަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓާސް އޮފް ކޮމްޕެރެޓިވް ލޯސް ހާސިލުކުރައްވާފައިވާ ބޭފުޅެެއްކަމަށް ރައީސް އޮފީހުން އާއްމުކުރެއްވި ކުރި ސީވީގައިވެ އެވެ.
ނަމަވެސް، ގިނަ ބަޔަކު ދަނީ، ޗީފް އޮމްބަޑްސްޕާސަން، ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ހަމަނުވާކަމަށް ބުނަމުންނެވެ. މިގޮތުން، މިދިޔަ އަހަރު ތެރޭގައި ބޮޑުފިނޮޅުގައި ހަދަމުންދިއަ ރިސޯޓެއްގައި މަސައްކަތް ކުރަމުންދިއަ ބިދޭސީންތަކަކަށް މުސާރަ ނުދީ، އެމީހުންގެ ހައްގުތަކަށް އަރައިގެންފައިވާ މައްސަލަ ބޮޑުވެގެންގޮސްފައިވާއިރު، އެ ބިދޭސީންނާ ދެކޮޅަށް އަބްދުއްސަލާމް ވަކީލުކަންކޮށްދެއްވި ކަމުގެ ތުހުމަތު ދަނީ ކުރަމުންނެވެ.
މި ވަގުތު އޭނާއަކީ، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވި ނަމަވެސް، އޭނާ ވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާފައިކަމީވެސް އަބްދުއްސަލާމަށް އަމާޒުވެފައިވާ ފާޑުކިއުމެކެވެ.
ސިޔާސީ ފިކުރުގެ ގޮތުން ބައިބައިވުން ބޮޑު ރާއްޖޭގައި، ސިޔާސީ ގޮތުން ވަކި ކޮޅަކަށް ބުރަވެފައިނުވާ މީހުން ވަރަށް މަދެވެ. ނުވަތަ އާބާދީ ކުޑަކަމުން، ސިޔާސީ މީހަކާ ކޮންމެވެސް އާއިލީ ގުޅުމެއް ނެތް މީހަކު ހޯދުމަކީ ވެސް ވަރަށް އުނދަގޫ ކަމެކެވެ.
ނަމަވެސް، މިހާ ފާޅުކަން ބޮޑުގޮތެއްގައި ސިޔާސީ ފިކުރު ފެންނަން އޮތް ބޭފުޅަކު، މިފަދަ މުހިއްމު މަސައްކަތެއް އިސްވެ ކުރެއްވުމަކީ، މުޅި އިންތިގާލީ އިންސާފުގެ މަރުހަލާއަށް ހިޔަނި އެޅޭނެ ނުވަތަ އަޅުވާނެ ކަމެކެވެ.
އިންތިގާލީ އިންސާފުން މާޒީގެ ބޭއިންސާފުތަކަށް ޖަވާބުލިބި، ނަފުރަތާއި ރުޅިވެރިކަމާއި މާޔޫސްކަމުގެ ޒަމާންވީ ލަކުނުތައް ފިލުވާލައި، ހިތްތައް ސާފުވުމަކީ ހާސިލުކުރަން ބޭނުންވާ ނަތީޖާކަމަށް ސަރުކާރުގެ އެކި ބޭފުޅުން ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.
އެކަމަކު، އެފަދަ މަރުހަލާއަކަށް ވާސިލުވުމަށްޓަކައި، އެ މައްސަލަތައް ބަލައި، އިންސާފު ހޯދައިދޭން ތިބި މީހުންގެ ހިތްތައްވެސް ސާފުވާންޖެހެ އެވެ. ބެލޭ މައްސަލައެއް ނުވަތަ އެޅޭ ފިޔަވަޅަކާމެދު ފެށުމުގައިވެސް ސުވާލު އުފައްދާނެޖާގަ އޮތްނަމަ، މި ގާނޫނުން ހާސިލުވާނެ ނަތީޖާއެއްވެސް، ލިބޭނެ އިންސާފެއްވެސް އަދި ސާފުވާނެ ހިތެއްވެސް ނޯންނާނެ އެވެ.