ރާއްޖޭގެ ސިޔާސީ މައިދާނުގައި ނުފެންނަ އާ ކަމެއް ނެތޭ ބުނެ ތިއްބާ، ރޭ މިވަނީ މުޅި ގައުމު ހައިރާންކޮށް އާ މަންޒަރެއް ދައްކާފަ އެވެ. ޗަރުކޭހަކަށް ވިއަސް، ހިންދީ ޓެލެޑްރާމާއަކަސް ވިޔަސް ރާއްޖޭގައި މިވަގުތު ތިބި އެންމެ ނުފޫޒުގަދަ ދެ ސިޔާސީ ލީޑަރުންގެ ގަދަހިފުމެއްގެ ތެރެއިން އުފެދުނު މައްސަލަގަނޑު ހިންދާލައި، ރާއްޖެ މިހާތަނަށް ދެކޭ އެންމެ ބާރުގަދަ މަޖިލީހުގެ ރައީސް އަދި އެންމެ އިއްޒަތްތެރި ރައީސްކަމުގެ ލަގަބު މުހައްމަދު ނަޝީދު ވަނީ ހޯއްދަވާފަ އެވެ.
"ބޭނުންފުޅު ނުވި" ދެ މަގާމު
މީގެ 11 އަހަރު ކުރިން، ހުދުމުހުތާރުކަމާ ދެކޮޅަށް ޑިމޮކްރަސީ ގެންނަން ރާއްޖޭގައި ކުރި "ހަނގުރާމައި" ގެ ތެރެއިން، އޭރު ޅަފަތުގައި އޮތް އެމްޑީޕީގެ ތެރެއިން އެ ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކެނޑިޑޭޓެއް ކަނޑައެޅުމުގައި ވެސް ބޮޑެތި ހިޔާލު ތަފާތުވުން ތަކެއް އުފެދުނެވެ. އޭރުވެސް ޕާޓީގެ މަސްލަހަތަށާއި ހަމަޖެހުމަށްޓަކައި، ކުރިން އެކަމުން ތަނާޒުލްވި ނަޝީދު ވަނީ އެ ޒިންމާ އުފުއްލަވާފަ އެވެ.
ރޭ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ވެސް 2008 ގެ މާޒީ އިޔާދަވީ އެވެ. މަޖިލީހުގެ ރައީސް ކަމަށް ޕާޓީއަކުން ނިކުތް ވާދަވެރި ދެ ކެންޑިޑޭޓުންގެ ފަހަތުގައި ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިއްބަވާ ބޮޑު އަރައިރުންގަނޑެއް ވިހަވެ އެމްޑީޕީ އޮތީ ދެކަފިވެފަ އެވެ. އެކަމަކު އަނެއްކާވެސް ދެ ފެކްޝަނަކަށް ޕާޓީ ފަޅައިގެން ދިއުން ހުއްޓުވަން ނަޝީދު މެދުވެރިއަކަށްވެ ވަޑައިގަތީ އެވެ. ކުރިން ޝައުގުވެރި ކަމެއް ނެތް މަގާމާއެކު އިތުރު ޒިންމާތަކެއް ކޮނޑުގައި އެޅުއްވީ އެވެ.
ރޭވުމެއްގެ ތެރެއިން ގައުމަށް ދެއްކި ކޯޅުމެއް ކަމަށް ވިއަސް، ނޫނީ ކޯޅުމެއްގެ ތެރެއިން ފޮރުވިފައިވާ ރޭވުމެއް ކަމަށް ވިއަސް، ނަޝީދަކީ މިހާރު ރާއްޖޭގައި ތާރީހުގައި ވެސް އެންމެ ބާރުގަދަ މަޖިލީހުގެ ރައީސްކަމާމެދު ޝައްކެއް ނެތެވެ.
"ސުޕާ މެޖޯރިޓީ" ނަޝީދުގެ ކޮންޓްރޯލްގެ ދަށަށް
މާޒީއަށް ބަލާއިރު، މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީގެ ތެރެއިން އަންނަ މަޖިލީހުގެ ރައީސަށް މެމްބަރުންގެ ކޮންޓްރޯލް ވަނީ ގެއްލިފަ އެވެ. ގިނަ މެންބަރުން ރުއްސައިގެން ގެންގުޅުމުގެ ހިތި ތަޖުރިބާ ކުރީގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ބޭފުޅުންނަށް ވަނީ ތަހައްމަލު ކުރައްވަން ޖެހިވަޑައިގެންފަ އެވެ.
ނަމަވެސް، ނަޝީދަށް އެފަދަ ހުރަހެއް ކުރިމަތިވާނެ ކަމަކަށް ނުފެނެ އެވެ. މަޖިލީހުގެ ރައީސްކަމުގެ މަގާމާ ނަޝީދު ހަވާލުވެވަޑައިގެންފައި ވަނީ ވެސް، އެމްޑީޕީގެ 64 މެންބަރުންގެ ތާއީދާއި ލޯބި ލިބި، އެމީހުންގެ މައްޗަށް ބަސް ވިކޭ ބޭފުޅެއްގެ ގޮތުގަ އެވެ. އެގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި، މެޖޯރިޓީ އޮތް ޕާޓީގެ ތެރެއިން މަޖިލީހުގެ ރައީސަށް އެއްވެސް ފާޑުކިއުމެއް އިވިގެންދާނެ ކަމުގެ ފުރުސަތު ވަރަށް ވެސް ކުޑަ އެވެ.
ޝަރުއީ ނިޒާމް އިސްލާހުކުރާ އިސް ސަފަށް
ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހުކުރަން ޖެހޭ ކަމަށް އަބަދުވެސް އެންމެ ހަރު އަޑުން ގޮވަމުންދާ އެއް ބޭފުޅަކީ ނަޝީދެވެ. މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވުމާއެކު، މިހާތަނަށް އެ މަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ފުރުސަތެއް އެވަނީ ތަނަވަސްވެފަ އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މަޖިލީހުގެ ރައީސަށް ހާއްސަވާ ގޮނޑިކޮޅުގައި ނަޝީދު އިށީނދެވަޑަައިގަންނަވާނެ އެވެ. ޝަރުއީ ނިޒާމަށް ބަދަލު ގެނައުމަށް ބޭނުންވާ ހުރިހާ އާލާތެއް ސީދާ ނަޝީދުގެ ބެއްލެވުމުގެ ދަށަށް އެވަނީ އައިސްފަ އެވެ.
މަޖިލީހުގައި އެމްޑީޕީގެ ސުޕާ މެޖޯރިޓީ ހިނގާނީ ނަޝީދުގެ ރިޔާސަތުގެ ދަށުންނެވެ. ޖޭއެސްސީގައި އިންނަވައިގެން ފަނޑިޔާރުންނާ ގުޅޭ ކަންކަމަށް ނަޝީދަށް ބަސް ވިދާޅު ވެވޭނެ އެވެ. މަޖިލީސް އިންތިހާބުގެ ތެރެއިން ރައްޔިތުންނަށް ވިއްކި "އެޖެންޑާ 19" ގައި ހިމެނޭ ޝަރުއީ ދާއިރާގެ އިސްލާހުތައް ތަންފީޒު ކުރުމުގައި އެއްވެސް ހުރަހެއް މިހާރު ނަޝީދަކަށް ނެތެވެ.
ކިތަންމެ ބޭނުންފުޅު ނުވިއަސް، ނަޝީދުގެ ތަސައްވަރުގެ ދަށުން ގައުމު ބައްޓަން ކުރުމުގެ ފުރިހަމަ ބާރު ނަޝީދަށް އެވަނީ ލިބިވަޑައިގެންފަ އެވެ. ނަޝީދަށް އަރުވަންޖެހޭ ޝަރަފާއި އަދާކުރަންޖެހޭ ލަގަބުގެ ލިސްޓު ދިގުވެ، އެމަނިކުފާނާއި މުހާތަބުކުރަންޖެހޭ ގޮތްވެސް ވަނީ އޮޅޭ ހިސާބަށް ގޮސްފަ އެވެ.
ނަޝީދަކީ ކުރީގެ އިއްޒަތްތެރި ރައީސެކެވެ. މައްޗަންގޮޅި މެދު ދާއިރާގެ އިއްޒަތެރި މެންބަރެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އިއްޒަތްތެރި ރައީސްވެސް މެއެވެ. ހަގީގަތުގައި ވެސް އެމަނިކުފާނުކީ ރާއްޖެދުށް އެންމެ "އިއްޒަތްތެރި" ރައީސެވެ. އެމަނިކުފާނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުންނާއި ލިބިވަޑައިގެންފައިވާ ބާރުތައް ވެސް އެހެން އެއްވެސް ބޭފުޅަކާ ނުބައްދަލެވެ. ކުރީގެ ރައީސުންނާއި މިހާރު ރައީސް ވެސް ހިމެނޭ ގޮތަށެވެ.