ކޯޓުތަކުގައި ޝަރީއަތްތައް ލަސްވަމުން ދަނީ ޝަރީއަތަށް ހެކި ބަސް ނެގުމުގައި ކޯޓުތަކުން ގެންގުޅޭ އުސޫލުތަކުގެ ސަބަބުން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޖޭއެސްސީގެ ރައީސް، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ތެރެއިން ފަނޑިޔާރުންގެ ސުލޫކަށް އަސަރު ކުރާ ކަމެއް އޮތްތޯ ބެލުމުގެ ގޮތުން އެ ކޮމިޝަނުން ދިރާސާކުރި ކަމަށެވެ.
މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި ރައީސް ނަޝީދު ވެސް އިންނަވަ އެވެ. ޖޭއެސްސީގެ ސިޓީގައި ފަހާގަކޮށްފައިވާ މައްސަލަ ދިރާސާ ކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުންތަކުގައި އެމަނިކުފާނު ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.
ޖޭއެސްސީގެ ސިޓީގައިވާ ގޮތުން ޝަރުއީ ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި ހެކިވެރިން ކޯޓަށް ހާޒިރު ކުރުމުގަ އާއި ހެކި ބަސް ނެގުމުގައި އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން މައްސަލަތައް ނުނިމި ލަސްވަމުންދާ ކަން އެ ކޮމިޝަނަށް ފާހަގަ ކުރެވެ އެވެ.
މި ގޮތުން ފުރަތަމަ މަރުހަލާގެ އެކި ކޯޓުތަކުގައި ހެކިން ހާޒިރުކުރުމާއި ހެކި ބަސް ނެގުމުގައި ގެންގުޅޭ އުސޫލުތައް ތަފާތު ކަން ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށާއި ބައެއް ކޯޓުތަކުގައި އެކި ގާޒީން އެ ކަމުގައި އެކި ގޮތަށް އަމަލުކޮށްފައިވާ ކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް ޖޭއެސްސީގެ ސިޓީގައި ބުނެފައިވެ އެވެ.
"އެ ގޮތުން ބައެއް މައްސަލަތަކުގައި ހެކިވެރިޔާ ކޯޓަށް ހާޒިރުވުމަށް އަންގައި ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވާއިރު އަނެއްބައި މައްސަލަތަކުގައި ހާޒިރު ކުރާ ހެކިން ކޯޓަށް ހާޒިރުކުރުމަކީ ހެކި ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށް ބަލައި ކޯޓުން އެ ގޮތަށް އަމަލުކުރޭ." ޖޭއެސްސީގެ ސިޓީގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، ޖިނާއީ އަދުލުގެ ނިޒާމުގައި ބުނާ ގޮތުން ހެކި ބަސް ދޭން ކޯޓަށް ހާޒިރުވާ މީހަކު ހެކި ބަސް ދިނުމަށް ލާޒިމުވާ ކަމަށާއި ނަމަވެސް ކޯޓަށް ހާޒިރުވުމަށް ފަހު ހެކި ބަސް ދޭން އުޒުރުވެރިވާ ކަމަށް އެ މީހަކު ބުނުމުން ކޯޓުތަކުން ބަލައިގެންފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ބައެއް ފަހަރު ސިޓީއަކުން އެ ގޮތަށް އަންގާ ކަމަށެވެ.
"ޖިނާއީ އަދުލުގެ ނިޒާމުގައި ހިންގޭ ގިނަ މައްސަލަތަކަކީ ހެކިންގެ ހެކިބަހުން ކަނޑައެޅޭ މައްސަލަތައް. ދެންމެ ފާހަގަ ކުރެވުނު މައްސަލަތަކަކީ ގާނޫނީ ނިޒާމުގެ ތެރެއިން އިސްލާހު ކުރަން ޖެހޭ މައްސަލަތަކެއް ކަމަށް މި ކޮމިޝަނަށް ފެންނާތީ މަޖިލީހުގެ ސަމާލު ކަމަށް ގެންނަން ނިންމުން." ޖޭއެސްސީގެ ސިޓީގައިވެ އެވެ.
ޖިނާއީ އަދުލުގެ ނިޒާމުގައި ޝަރީއަތްތައް ހިންގުމާއި ދައުވާ ސާބިތު ކުރުމާއި ނުވަތަ ދައުވާ ސާބިތު ނުކުރުމަށް ވެސް އެންމެ ބޮޑު ކަމަކަށް އޮންނަނީ ހެކިންގެ ހެކިބަސް ނެގުން ކަމަށް ޖޭއެސްސީން ބުނެ އެވެ. އެހެންކަމުން އެ ކަމުގައި ގާނޫނީ ހައްލުތަކެއް މަޖިލީހުން ހޯދައިދިނުމަށް ޖޭއެސްސީގެ ސިޓީގައި އެދިފައިވެ އެވެ.
ޖޭއެސްސީގެ ސިޓިގައި ބުނެފައިވާ ގޮތުން ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ސަމާލު ކަމަށް ވެސް އެ ކޮމިޝަނުން އެ މައްސަލަ ވަނީ ގެންގޮސްފަ އެވެ.