ޖުޑިޝަރީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ އެކައްޗަކަށްވެފައިވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސައިން މިހެން ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ކުރީން ގޮވާލި ގޮވާލުން ހަނދާން ނައްތާލާ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާ ތިއްބެވުމަށް އިޝާރާތް ކުރައްވައެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އަދި މިހާރުވެސް އެ ކަމަށް ހަރުއަޑުން ގޮވާލައްވަމުން ގެންދަވަނީ އަލީ ހުސައިންނެވެ.
އަލީ ހުސައިން ވިދާޅުވީ ޖުޑިޝަރީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައްޔިތުންގެ މަޖިލީހާއި ޖޭއެސްސީ އެކައްޗަކަށްވުމެވެ. އަދި ރާއްޖޭގައި އޮތީ ތިންބާރު ވަކިވެފައިވާ ނިޒާމެއް ކަމަށް ބުނި ނަމަވެސް ބާރުތައް ފެންނަނީ އެއްވެ މަސްހުނިވެފައިވާ މަންޒަރު ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
"މިއަދު ދިވެހިރާއްޖޭގެ ޖުޑީޝަރީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައްޔިތުންގެ މަޖިލީހާއި ޖޭއެސްސީ އަކީ އެކައްޗަކަށް ވެފައިވުން. ބާރުތައް އެއްވެ މަސްހުނިވުން،" އަލީ ހުސައިން ވިދާޅުވިއެވެ.
އޭނާ އިޝާރާތް އެ ކުރައްވަނީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ޖޭއެސްސީގައި އިންނަވާ ނިންނެވުމަށެވެ. ޖޭއެސްސީގެ ރައީސަކީވެސް ހިސާން ހުސައިންނެވެ.
ޖޭއެސްސީގައި ތިއްބަވަނީ މަޖިލީހުގެ ރައީސް އާއި، މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހަކާއި، ރައީސް ކަނޑައަޅާ ބޭފުޅަކާއި، ބަންޑާރަ ނައިބު އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުން ފަނޑިޔާރަކާއި، ވަކީލުންގެ ތެރެއިން މެންބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އެވެ.
މި ސަރުކާރު އައުމުގެ ކުރިން ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނާއި މަޖިލީހުގައި މިހާރު ވެސް ތިއްބެވި ގިނަ މެންބަރުން އެންމެ ހަރު އަޑުން ދެއްކެވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ވާހަކައެވެ. ނަމަވެސް ވެރިކަން ލިބި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން އެ އަޑުކެނޑި ވަނީ ކެނޑިފައެވެ.
އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ލިބިފައި އޮތްއިރު، ކުރިން ޖޭއެސްސީ އޮތް އެކުލެވުމާއެކު ޖޭއެސްސީގެ މަސައްކަތްތައް ކުރިއަށް ދާތީ އެ ޕާޓީއަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. އަދި ޖޭއެސްސީގައި ނަޝީދު އިންނަވައިގެން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ތުހުމަތު ވެސް ކުރެ އެވެ. ނަމަވެސް އެ ތުހުމަތުތައް ދޮގުކޮށް ޖޭއެސްސީއިން ދުރަށް ވަޑައިގަތުމަކީ ގައުމަށް ލިބޭނެ އެންމެ ބޮޑު ދެރަ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.